Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދޮށީ އުމުރުގެ މީހުން ކޯވިޑް-19 ގެ މި ޙާލަތާއި ކުރިމަތިލުމަށް އެހީއެއް

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދުވަސްވަރުގައި ގައިދުރުކުރުމާއި އިތުރަށް ސަމާލުވާންވީ ކަންތައްތައް ގިނަވެގެންދާއިރު، އުމުރުން ދުވަސްވީ މީހުން ނުވަތަ ދޮށީ އުމުރުގެ މީހުންނަށް މިވަނީ އެކި ބާވަތްތަކުގެ އާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި. މި ލިޔުމުގައި މި ބަލާލަނީ މި ގޮންޖެހުންތަކުން އަރައިގަތުމަށް މިފަދަ ފަރާތްތަކަށް އެހީއަކަށް ވެދާނެ ފަދަ ބައެއް ކަންތައްތަކަށް.


އެކަކު އަނެކަކާ ދެމެދު މަދުވެގެން 3 ފޫޓުގެ ގައިދުރުކަން ފަރިތަކުރުމާއި، ފުރަބަންދުވެގެން ތިބެންޖެހޭ މި ޙާލަތުގައި ލޯބިވާ ޢާއިލާއާއި ރަޙުމަތްތެރިންނާ އެކަހެރިކަމުގައި ހޭދަކުރަން ޖެހުމަކީ މިފަދަ ފަރާތްތަކުގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިދާނެ ފަދަ ކަމެއްކަން ޔަޤީން. ބޭރުން ޒިޔާރަތްކުރާ އެހެން މީހުންގެ އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކަމަށް ބަރޯސާވާ ދޮށީ އުމުރުގެ މީހުން ޚާއްޞަކޮށް މިއަދު މިވަނީ ތަފާތު ވައްތަރެއްގެ އެކަނިވެރިކަމުގެ އިޙުސާސްތަކެއް ތަޙައްމަލު ކުރަން ޖެހިފައި. އެކަނިވެރިކަން އިޙުސާސް ކުރެވުމަކީ ފޫހިވެ، ރުޅިގަދަވެ، ގޮތްހުސްވެ، ހާސްކަމާއި ކަންބޮޑުވުން ކުރިމަތިވާނެ ކަމެއްކަން ޔަޤީން. ނަސީބަކުން މިފަދަ އިޙުސާސްތަކުން އަރައިގަނެ އުފާވެރިކަމާއި، ހިތްހަމަޖެހުން ގެނެވޭނެ ފަދަ އުކުޅުތަކެއް މިވަނީ ހޯދިފައި.

މީހުންނާ ގުޅުން

އިޖްތިމާޢީ ގުޅުން ބަދަހިކުރުމަކީ ތިމާ މީހާގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެކަނި އޮތް ފަރުވާއެއް ނޫން. މިކަމަކީ ހާސްކަންބޮޑުވާ ވަގުތުތައް ހޭދުކުރުމުގައިވެސް އެމީހަކަށް އެހީތެރިވެދޭނެ ކަމެއް. ރަޙުމަތްތެރިންނާއި، ޢާއިލާ މީހުން އަދި މާމަ/ކާފަ ދަރިންނަށް ގުޅާލައި ހެދުމަކީވެސް ތިމާ މީހާއަށް ހިތްހަމަޖެހުން ގެނުވައިދޭނެކަމެއް.

އެންމެ މުހިންމީ ކަންކަމާ ދެކޭގޮތް ރަނގަޅުކުރުން

މިފަދަ ޙާލަތެއްގައި ބަލިވެދާނެތީ ބިރުގަތުމަކީ ވުން އެކަށީގެންވާ ކަމެއް. އަދި އެއީ މައްސަލައެއް ވެސް ނޫން. ނަމަވެސް އެންމެ ގޯސް ޙާލަތު ތަސައްވަރުކުރުމުގެ ބަދަލުގައި އެކަމާ ދެކޭގޮތް ބަދަލުކޮށް ކޯވިޑް-19 ފެތުރުމުގެ މި ދަނޑިވަޅަކީ ވަގުތީ ކަމެއްކަން ހަނދާނުގައި ބެހެއްޓުން މުހިންމު.

ކުރިޔަށް އޮތް ދުވަސްތަކުގައި ވާނެގޮތެއް ނޭނގޭ ފަދަ ފައްތަރެއްގައި އިނސާނުން ވާއިރު، ތިމާއަށް ބާރު ނުފޯރުވޭނެ ވަރުގެ ކަންތަކާމެދު ވިސްނުމުގެ ބަދަލުގައި، ތިމާގެ ދިރިއުޅުމުގައި އަމިއްލައަށް ބާރުފޯރުވޭ ވަރުގެ ކަންތައްތަކާ ވިސްނުން މާ މުހިންމުކަން ބޮޑުވެފައި ރަނގަޅުވާނެ. ކޮންމެ ދުވަހަކު ޢާންމު ދިރިއުޅުމުގައި ކުރަމުން އައި ކަންތައްތައް މިވަނީ ވަގުތީގޮތުން ނަމަވެސް ވަރަށް ބޮޑަށް ބަދަލުކުރަންޖެހިފައި. ނަމަވެސް ތިމާގެ ދުވަސްތައް ހޭދަކުރާނީ ކިހިނެއްތޯ ނިންމުމުގެ ބާރު އަދިވެސް ތިމާ އަތުގައި އެބައޮތްކަން ހަނދާން ނައްތާނުލާ. އަދި މި ޙާލަތުގައި ނުކުރެވޭނެ ފަދަ ކަންކަން ކުރުމަށް ހިތައް އެރުމަކީ އާދައިގެ ކަމެއްކަމާއި، ނަމަވެސް ބުއްދިވެރި ގޮތަކީ ކުޑަ ހިތްވަރެއް ލައިގެންވެސް ކުރެވެންހުރި ކަންކަމަށް ސަމާލުކަންދިނުންކަން ހަނދާނުގައި ބެހެއްޓުން މުހިންމު. ތިމާމީހާ އަމިއްލައަށް އިޖްތިމާޢީ ގައިދުރުކަން އިސްކޮށް މީހުންނާ ޖިސްމާނީގޮތުން އެކަހެރިވިޔަސް ބޭނުން ޖެހިއްޖެ ޙާލަތެއްގައި ޟަރޫރީ ބޭނުންތައް ފުރިހަމަކުރުމަށްޓަކައި ރައްކާތެރި ފިޔަވަޅުތަކާއެކު ބޭރަށް ނުކުމެވޭކަން ވެސް ހަނދާނުގައި ބަހައްޓަންވާނެ.

ހަމަމިއާއެކު ތިމާ އަޑުއަހާ ޚަބަރުތަކަކީ މި ބަލިމަޑުކަމުގެ ސައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ބައެއްކަން ކަށަވަރުކޮށް، މިފަދަ ޚަބަރުތައް އަޑުއަހާނީ ކިހާ މިންވަރަކައްތޯ ވިސްނާލުން މުހިންމު. ސަބަބަކީ ހިސާބައްވުރެ ބޮޑަށް އަސަރުކޮށްފާނެ ފަދަ ޚަބަރުތައް މާ ގިނައިން އަޑުއެހުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީ. މިގޮތަށް މިކަން ކުރުމުގެ ބަދަލުގައި ތިމާމީހާ ހިތްހަމަޖެހޭ ފަދަ ކަންކަމުގައި އަވަދި ނެތި އުޅުން މުހިންމު. މިސާލަކަށް ޤުރުއާން ކިޔެވުމާއި، އަޅުކަން ކުރުމާއި، ރޭޑީއޯ އަޑުއެހުން ނުވަތަ ޓީވީ ބެލުން މީގެ ތެރޭގައި ހިމެނޭ.

އާ އާދަތަކެއް ބިނާކުރުން

އާދައިގެ މަތިން ތިމާ ކުރާ ކަންކަމުގައި މަސްއޫލުވެ ނުއުޅެވުނު ނަމަވެސް، މިހާރުގެ ޙާލަތައް ރިޢާޔަތްކުރުމަށްފަހު ތިމާ މީހާ ކޮންމެ ދުވަހަކުވެސް ކުރާނެ ކަންކަމުގެ އައު އާދަތަކެއް ބިނާކުރެވިދާނެ. ކޮންމެ ދުވަހަކުވެސް ކުރާނެ ކަންތައްތަކެއް ރާވާލުން މިކަމަށް އެހީތެރިވެދޭނެ. އޭގެ ތެރޭގައި ގޭތެރޭގެ މަސައްކަތްތައް ކުރުމާއި، ދުރުގައި ތިބޭ ރަޙުމަތްތެރިން އަދި ގާތް ތިމާގެ މީހުންނާއި ފޯނުން ގުޅައި ވާހަކަދައްކާލުންވެސް ހިމެނިދާނެ.

އަމިއްލަ ނަފްސައް އަޅާލުން

ޞިއްޙީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށްޓަކައި ރަނގަޅު ކާނާ މިންހަމަކޮށް ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެއް. މީގެ އިތުރުން، ބޭނުންވާ ވަރަށް ނިދި ހަމަކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެއުޅުމަކީ ވެސް ދުޅަހެޔޮ ދިރިއުޅުމަކަށް ހަމަ އެހާމެ މުހިންމުކަމެއް. ޢާއިލާއާއި، ގާތްތިމާގެ މީހުންނާއި ރައްޓެހި ރަޙުމަތްތެރިންގެ އެހީތެރިކަން ލިބުނު ނަމަވެސް ނަފްސާނީގޮތުން އިތުރު އެހީތެރިކަން ބޭނުންވާހެން ހީވާ ނަމަ އޮންލައިންކޮށް ނަފްސާނީ ބައްޔަށް ފަރުވާކުރާ ޑޮކްޓަރެއްގެ ލަފާވެސް ހޯދިދާނެ. ނުވަތަ ހިތުގެ އުދާސްތަށް ގިނަވެ ފިކުރުބޮޑުވާ ނަމަ ނަފްސާނީ އެހީތެރިކަން ހޯއްދެވުމަށް 1425 އަށް ގުޅުއްވައިގެން އެހީތެރިކަން ހޯދިދާނެ.

އަރާމުކުރުމަށް ސަމާލުކަންދިނުން

ޚާއްޞަކޮށް މިފަދަ ދުވަސްވަރެއްގައި ތިމާމީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތިމާގެ ސިކުނޑިޔަށާއި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަރާމުކުރުން މުހިންމު. މިގޮތުން ރިލެކްސޭޝަން އުކުޅުތައް ބޭނުންކުރެވިދާނެ. މީގެ ތެރޭގައި ނޭވާލުމުގެ ކަސްރަތުތަކާއި، ޕްރޮގްރެސިވް މަސްލް ރިލެކްސޭޝަން ނުވަތަ ހަށިގަނޑުގެ ވަކި ވަކި މަސްލްތަކަށް ވަކިން ސަމާލުކަންދީގެން އެ މަސްލް ގްރޫޕްތައް ރިލެކްސް ކުރުމަށް މަސައްކަތްކުރުމާއި، ވިޝުއަލައިޒޭޝަނާއި، ނަމާދުކުރުމާއި، މެޑިޓޭޝަނާއި، ޔޯގާ އަދި މައިންޑްފުލްނެސް ގެ ޙަރަކާތްތައް ހިމެނޭ. މިފަދަ އުކުޅުތައް ބޭނުންކުރުމަކީ ފިކުރުތަކާއި ބޭކާރު ޚިޔާލުތަކާއި މީހާ ދުރުކޮށްލާ ކަމެއް. ރިލެކްސް ކުރުމަށް އެހީވެދޭ އުކުޅުތައް ދަސްކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތަކާއި ވަގުތެއް ބޭނުންވި ނަމަވެސް މިކަމަކީ ގިނައިން ފަރިތަކުރި ވަރަކަށް މިކަމުގެ ފައިދާ ބޮޑަށް ކުރާނެ ކަންކަން.