Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ނިންމުންތައް އާލާކޮށްފައިވާ ފާނަ އަށް ނީލަން ކިޔުމުގެ ފުރުސަތު ހުޅުވާލުން

-


މި މިނިސްޓްރީގެ ނަންބަރު (IUL)30-PMU1/30/2020/66 އިޢުލާނުން ހުޅުވާލި ފާނައަށް ނީލަންކިޔުމުގެ ފުރުސަތުގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނައަށް ނީލަން ކިޔުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިއީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ] ދަށުން އދ. އަތޮޅަށް އަމާޒުކޮށްގެން ހިންގަމުންދާ ޕްރޮޖެކްޓަކުން އުފައްދާފައިވާ ފާނަ ވިއްކާލުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، ޖަނަވަރީ 2020 ގައި ފެށުނު މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ބެޗް މިހާރު ވަނީ މާކެޓް ސައިޒަށް ބޮޑުކުރެވިފައެވެ. މިގޮތުން އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް 1000 (އެއްހާސް) ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު ދީގެން މިހާރުވަނީ 4240 (ހަތަރުހާސް ދުއިސައްތަ ސާޅީސް) ފާނަ މާކެޓް ސައިޒަށް (އެވްރެޖް ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑު) ބޮޑުކުރެވިފައެވެ.

މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމާއިއެކު، މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމަށްޓަކައި މޫދުކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަން ކިއުމަށް ވަނީ ނިންމާފައެވެ. ބޮޑުކޮށްފައިވާ ފާނައިގެ އެންމެ ފަހުގެ ތަފްސީލާއި، ނީލަމާއި ގުޅޭ އިތުރު މައުލޫމާތު "އާލާކޮށްފައިވާ ފާނަ ނީލަމުގައި ވިއްކާލުމާއި ގުޅޭ މައުލޫމާތު" ގައި އެކުލެވިފައި ވާނެއެވެ.

ނީލަން ފެށޭ އަގަކީ ފާނައަކަށް -/100ރ (ސަތޭކަ ރުފިޔާ)އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ ކުޑަ އަގަކީ -/50ރ (ފަންސާސް ލާރި)އެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ މަތީ އަގަކީ -/1ރ (އެއްރުފިޔާ)އެވެ. ނީލަމުގައި އަގު ހުށަހަޅާނީ މަހިބަދޫގައި ހުރި ހަތް ކޮށީގެ ތެރެއިން ކޮންމެ ކޮށްޓެއްގައި ހުރި މާކެޓް ސައިޒުގެ ފާނައިގެ ޖުމްލަ އަދަދަށެވެ. ނީލަމުގެ ޖުމްލަ އަންދާސީ އަގަކީ، ފާނައަކަށް ހުށަހަޅާ އަގުގެ ނިސްބަތުން، ކޮށިތަކުގައި މާކެޓް ސައިޒަށް ބޮޑުވެފައި ހުރި ފާނައިގެ އަންދާސީ އަދަދަށްވާ ޖުމްލަ އަގެވެ. ވިއްކާލެވޭ ފާނައިގެ އެންމެ ފަހުގެ އަދަދު ކަނޑައެޅޭނީ ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ހާޒިރުގައި ފާނަ ގުނާފައެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުގެ ތެރެއިން، ޖުމްލަ 2000 (ދެހާސް) ފާނައަށްވުރެ ގިނައިން ގަތުމަށް ހުށަހަޅާ ފަރާތްތަކަށް، ކޮށީގައި އިތުރަށް މި ފާނަ ބެލެހެއްޓުމަށް ބޭނުންވާނަމަ، މި މަސައްކަތަށް ޚާއްސަކުރެވިފައިވާ މޫދު ކޮށްޓާއި 1 މަސްދުވަހުގެ ކާނާ، އޭގެ ކޮސްޓް ޕްރައިސްގައި ގަތުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ނީލަމުގައި ބައިވެރިވެވޭނީ މިކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް https://auction.mmri.gov.mv ގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ވުމުގެ ފުރުސަތު 2020 ސެޕްޓެމްބަރު 2 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައި ވާނެއެވެ. ނީލަން ކުރިއަށްދާނީ 2020 އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ 20:00 ން ފެށިގެން 2020 އޮކްޓޫބަރު 15 ވާ ބުރާސްފަތިދުވަހުގެ ރޭގަނޑު 20:00 ގެ ނިޔަލަށެވެ.

ފާނަ ގަތުމަށް ހުށަހަޅާ އަގު، ނީލަން ކާމިޔާބު ކުރި ތާރީޚުން ފެށިގެން 5 (ފަސް) ދުވަހުގެ ތެރޭގައި ފާނައިގެ ވެރިފަރާތްތަކަށް އަދާކުރަންޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި އަގު އަދާކޮށް ނުނިމޭނަމަ، ދެން އެންމެ މަތީ އަގު ހުށަހެޅި 3 ފަރާތުގެ ތެރެއިން، ނީލަން ނިމުނު އެންމެ މަތީ އަގު ދައްކަން އެއްބަސްވާ ފަރާތަކަށް ފާނަ ވިއްކާލެވޭނެއެވެ.

ލިޔެކިޔުން