Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކާނާގެ ޔަޤީންކަން އިތުރު ކުރުމުގެ ގޮތުން ދަނޑުވެރިންނާއި ގުޅިގެން އެސްޓީއޯއާއެކު މުހިއްމު މަސައްކަތްތަކެއް ކުރަން ފެށިއްޖެ

ކާނާގެ ޔަޤީންކަން އިތުރު ކުރުމުގެ ގޮތުން ދަނޑުވެރިންނާއި ގުޅިގެން އެސްޓީއޯއާއެކު މުހިއްމު މަސައްކަތްތަކެއް ކުރަން ފެށިއްޖެ
ކާނާގެ ޔަޤީންކަމާއި ފުދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދަނޑުވެރިން އުފައްދާ ބާވަތްތައް ރަނގަޅު އަގެއްގައި ގަނެ މާކެޓަށް ނެރުމަށްޓަކައި އެސްޓީއޯއާއި ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރަން ފެށިއްޖެއެވެ. އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ފުޅާ ދާއިރާއެއްގައި މާކެޓް ކުރުމަށް އެގްރި ސެންޓަރެއް މެއި 1 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.

ދަނޑުވެރިންގެ އުފެއްދުންތައް އެސްޓީއޯއަށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން އެސްޓީއޯގައި ދަނޑުވެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ވާން ޖެހޭނެއެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެކަމާއި ގުޅޭ ފޯމާއި އުޞޫލު އެސްޓީއޯގެ ވެބްސައިޓުންނާއި އަތޮޅުތަކުގެ ހުރި އެސްޓީއޯގެ ފިހާރަތަކާއި ފާމަސީ ތަކުން ލިބެން ހުންނާނެއެވެ. އަދި ރަޖިސްޓްރޭޝަން ކުރިއަށް ގެންދިއުމަށް ފަހު ކޮންމެ ދަނޑުވެރި އަކަށްވެސް ދަނޑުވެރިކަމުގެ އައިޑީއެއް ތިން ދުވަހުގެ ތެރޭގައި ހަވާލު ކުރެވޭނެއެވެ.

ހަމަމިއާއިއެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެކު ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭވޭނެ އިތުރުގޮތްތަކެއް ފަހިކުރުމަށްޓަކައި މިމިނިސްޓްރީއިން މިދަނީ މަޝްވަރާކުރަމުންނެވެ. އަދި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް މިހާރު ދޫކޮށްފައިވާ ފަޅުރަށްރަށުން މާކެޓަށް ނެރެވޭ އުފެއްދުންތަކުގެ މިންވަރު އިތުރުކުރުމަށް އެފަރާތްތަކާއިއެކު މަސައްކަތްތައް ކުރުމަށްވެސް ވަނީ ރޭވިފައެވެ. އެގޮތުން ކާނާގެ ޔަޤީންކަމަށް އަމާޒުކޮށްގެން، އިމްޕޯޓް ސަބްސްޓިޓިއުޓް ޕްރޮޤްރާމްގެ ދަށުން ކަނޑައެޅޭ ބާވަތްތައް އުފެއްދުމާއި މިކަމަށް ހިތްވަރުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށްއޮތް ދުވަސްތަކުގައި އަޅަމުންގެންދާނެއެވެ.

އޭގެ އިތުރުން، ދަނޑުވެރިކަން ކުރުމުގައި ފަންނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ފަރާތުން މިހާރުވެސް މިދަނީ އެކި ގޮތްގޮތުން އެހީތެރިވެދެމުންނެވެ. މިގޮތުން އައްޑޫ ސިޓީ ކައުންސިލުން އެސިޓީގެ ދަނޑުވެރި އުފެއްދުންތައް އިތުރު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފަންނީ ލަފާދީ އަދި މިނިސްޓްރީގެ ފަރާތުން ތަމްރީން ވެފައިވާ ޤާބިލް ބޭފުޅުންނާއި ވަނީ ގުޅުއްވައި ދެވިފައެވެ. މިފަދައިން ރަށްރަށުގައި ދަނޑުވެރިކަމުގެ ތަމްރީން ލިބިލައްވާފައިވާ ތިއްބެވި ބޭފުޅުންގެ ބޭނުން ކައުސިލްތަކުން ހިއްޕެވުމަށް މިމިނިސްޓްރީއިން އިލްތިމާސްކުރަމެވެ.

ހަމަމިއާއިއެކު، ދަނޑުވެރިކަމުގައި ޒާމާނުއްސުރެ ދިވެހިން ހައްދާ ކެއުމަށް ބޭނުންކުރަމުން ދިޔަ ފަލަމަޑީގެ ބާވަތްތައް ހެއްދުން އިތުރުކޮށް އަދި ގިނަދުވަހަށް ބެހެއްޓޭނެ ޒުވާރި ފަދަ ބާވަތްތައް ހެއްދުން އިތުރުކޮށް މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްއޮތްތާގައި ޕްރޮޤްރާމްތަކެއް އެކުލަވާލެވި އަވަސް މުސްތަޤްބަލެއްގައި އިޢުލާން ކުރެވޭނެއެވެ. އެގޮތުން ރަށުފެންވަރުގައި ކާނާގެ ޔަޤީންކަން ދެމެހައްޓުމަށްޓަކައި ހެއްދޭމިންވަރު އިތުރުކުރުމަށާއި، ގޭގައި ޖާގައޮތް މިންވަރަކުން ކެއުމަށް ބޭނުންވާ އުފެއްދުންތައް އުފެއްދުމަކީ މުހިއްމުކަމުގައިވެސް މިމިނިސްޓްރީއިން ދެކުމެވެ. މިފަދަ ކޮންމެ ކަމެއްގައި ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ލަފާއާއި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި މިމިނިސްޓްރީގެ ފަރާތުން ފޯރުކޮށްދެވޭނެ ވާހަކަވެސް ފާހަގަކޮށްލަމެވެ.