Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާޙްކުރުން

ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާޙްކުރުން
ދިވެހިރާއްޖޭގެ ކަނޑުފަޅުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ހެޔޮގޮތުގައި ބޭނުންކުރުމަށް ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ކުރިއަށް ގެންދާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް]ގެ ދަށުން ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަރިއަތޮޅު ދެކުނުބުރީގައި މިއަދު އިފްތިތާޙްކޮށްފިއެވެ. އެއަތޮޅު މަހިބަދޫގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި މިޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދެވެ.
މިއަދު އިފްތިތާޙު ކުރެވުނު މި ޕްރޮޖެކްޓަކީ، ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމުގެ ޒަރީއާއިން، އިޤްތިޞާދު ކުރިއަރުވައި، އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން، މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލުވާގޮތަށް ހިންގޭ ފުރަތަމަ ޕްރޮޖެކްޓެކެވެ. 18 މަސްދުވަހަށް ހިންގާ މި ޕައިލެޓް ޕްރޮޖެކްޓުގައި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި، އޮމަދޫ އަދި ދިގުރަށުން ޖުމްލަ 20 ފަރާތަކަށް މޫދުކޮށްޓާއި، ކުދި ފާނައާއި ފާނަ ބޮޑުކުރުމަށް ބޭނުންވާ ކާނާ ހަވާލުކޮށް، މި މަސައްކަތަށް ބޭނުންވާ ތަމްރީނު ދީގެން، ފާނަ މާކެޓް ސައިޒަށް ބޮޑުކުރެވޭނެއެވެ. މި މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީގެ ފަރާތުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު 20 ފަރާތުގެ ތެރޭގައި، 5 އަންހެން ބޭފުޅުންނާއި 15 ފިރިހެން ބޭފުޅުން ހިމެނެއެވެ. ޕައިލެޓް ޕްރޮޖެކްޓް ނިމުމުން، މިހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، މި މަސައްކަތުގައި ކުރިއަށްދާ ފަރާތްތަކަށް ދީފައިވާ ކޮށި މިލްކުކުރެވޭނެއެވެ. އަދި ފާނަ ބޮޑުކުރުން ތަޖުރިބާކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަށް ބަލައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފާނަ ބޮޑުކުރުމުގެ މަސައްކަތް ފުޅާކުރެވޭނެއެވެ. ރާއްޖޭގައި ވަށާޖެހޭ ގޮތަކަށް މެރިކަލްޗަރ ސިނާޢަތެއް ތަރައްޤީކުރުމަށް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި، މެރިކަލްޗަރ ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މި ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ބޭނުންވާ ތަމްރީނުދޭ ތަނެއްގެ ގޮތުގައި ކ. މަނިޔަފުށީގައި މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީއެއް ދަނީ ބިނާކުރަމުންނެވެ. އަދި ފާނައާއި އެހެނިހެން ބާވަތްތައް ވިއްސައިގެން، މެރިކަލްޗަރ މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ޅަދިރުން ފޯރުކޮށްދިނުމަށްޓަކައި ގއ. މާނާގަލާގައި މި ދަނީ މަލްޓިސްޕީޝީޒް ހެޗަރީއެއް ބިނާކުރަމުންނެވެ.

ނޯޓު: ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ، ވަރލްޑް ބޭންކުގެ ހިލޭ އެހީގައި، ރާއްޖޭގެ މަސްވެރިކަމުގެ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމަށާއި، މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ 5 އަހަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި މައިގަނޑު 2 ކޮމްޕޯނަންޓެއް ހިމެނެއެވެ. އެއީ، މަސްވެރިކަން މެނޭޖްކުރުން ހަރުދަނާކުރުމުގެ ކޮމްޕޯނަންޓަކާއި، ނަފާދެނިވި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމުގެ ކޮމްޕޯނަންޓެކެވެ. މަސްވެރިކަން މެނޭޖްކުރުމުގެ ކޮމްޕޯނަންޓްގެ ތެރެއިން މައިގަނޑުގޮތެއްގައި މަސައްކަތް ކުރެވެނީ، މަސްވެރިކަމާއި ގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، މަސްވެރިކަން މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ބޭއްވުމަށް ބޭނުންވާ މަޢުލޫމާތާއި ދިރާސާތައް ފުޅާކުރުމެވެ. މެރިކަލްޗަރ ކޮމްޕޯނަންޓުގެ ދަށުން މިދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގާއިމުކުރުމާއި، މެރިކަލްޗަރ ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، އާންމުންނަށް މެރިކަލްޗަރގެ ނަފާ ލިއްބައިދިނުން ހިމެނެއެވެ. މިގޮތުން، މެރިކަލްޗަރ ދިރާސާތައް ކޮށް، މިދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކ. މަނިޔަފުށީގައި މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީއެއް ގެ އިތުރުން ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް މި ދަނީ ބިނާކުރަމުންނެވެ. މީގެ އިތުރުން، އާންމުންނަށް މެރިކަލްޗަރާއި ގުޅޭ ތަމްރީނު ފޯރުކޮށްދިނުމާއި، އަމަލީގޮތުން މެރިކަލްޗަރ މަސައްކަތްތަކުގެ ތެރެއަށް އާންމުން ޝާމިލުކޮށް، މި ދާއިރާއިން އާމްދަނީ އިތުރުކުރާނޭ ގޮތްތައް ދަނީ ފަހިކޮށްދެމުންނެވެ.