Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ފިކުރުކުރުމުގައި ކަންބޮޑުވާންވީ ކިހާވަރަކަށް ފިކުރު ބޮޑުވީމަބާ؟

ކޯވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ މި ދަނޑިވަޅުގައި، ކޮންމެ މީހަކުވެސް ކޮންމެސް ވަރަކަށް ކަންބޮޑުވުމާއި ނުތަނަވަސްކަން އިޙްސާސްވުމަކީ ވަރަށް ގާތް ކަމެއް. ނަމަވެސް ފިކުރުކުރުމުގައި ކަންބޮޑުވާންވީ ކިހާވަރަކަށް ފިކުރު ބޮޑުވީމާތޯ އެއީ ކޮންމެ މީހަކުވެސް ވިސްނާލަން ރަނގަޅު ކަމެއް. ކޮންމެވެސް ވަރަކަށް ފިކުރު ކުރުމަކީ ޞިއްޙަތަށް ފައިދާ ހުރި ކަމަކަށް ވާއިރު މިކަން ކަންބޮޑުވާންޖެހޭ ވަރަށް ބަދަލުވެ ނުރައްކާތެރި ދަރަޖައަކަށް ދަނީ ކިހާ ވަރަކަށް ފިކުރުބޮޑުވީމާތޯ އެނގުން މުހިންމު. ތިމާ ފިކުރު ކުރުމުގައި ކަންބޮޑުވާ ދަރަޖައަށް ދަނީ ކިހާ ވަރަކަށް ފިކުރުކުރެވުނީމަތޯ ދެނެގަތުމަށްޓަކައި މިކަމާ ބެހޭ އިތުރު މަޢުލޫމާތު އެނގުން މުހިންމު.


ސްޓްރެސް އަކީ ކޮބާ؟

އެންމެ އާދައިގެ ބަހުން ބުނާ ނަމަ ސްޓްރެސް ނުވަތަ ކަމަކާ ފިކުރުބޮޑުވުމަކީ އުނދަގޫ ޙާލަތެއް ކުރިމަތިވާ އިރަށް ހަށިގަނޑު އެކަމަކާ ކުރިމަތިލުމަށް ތައްޔާރުކޮށްދިނުމުގެ ގޮތުން ހަށިގަނޑަށް ދިމާވާ އާދައިގެ ރެސްޕޮންސެއް. ގިނަ މީހުންނަކީ މިފަދަ ޙާލަތްތަކާ ކުރިމަތިލުމަށް ފުދޭ ވަރަކަށް ތައްޔާރުވެފައި ތިބޭ ބައެއް. ނަމަވެސް އެކި ސަބަބު ތަކާ ހުރެ މިގޮތަށް ކަންކަން ވުމުގައި ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިވޭ. ޢާންމުކޮށް ސްޓްރެސް ވާ ބައެއް ކަންކަން ޙިއްޞާކޮށްލާނަން.

  • އާ ކަމެއް ތަޖުރިބާ ކުރާއިރު ނުވަތަ ހީނުކުރާ ކަމަކާ ކުރިމަތިލާން ޖެހޭ ފަދަ ޙާލަތެއްގައި.
  • އަމިއްލަ ނަފްސާ ދޭތެރޭ ޝައްކުވާ ފަދަ ތަޖުރިބާއަކާ ކުރިމަތިލާން ޖެހޭ ފަދަ ޙާލަތެއްގައި.
  • އަމިއްލަޔަށް އެއްވެސް ކަމެއް ކޮންޓްރޯލް ނުކުރެވޭނެޔޭ ހިތައް އަރާ ފަދަ ޙާލަތެއްގައި.

ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އަހަރެމެން ތެރެއިން ގިނަ މީހުންނަށް މިފަދަ ކަންކަމާ ކުރިމަތިވެފައި ވެޔޭ ބުނުމަކީ ދޮގަކަށް ނުވާނެ. ކުރު މުއްދަތަކު ސްޓްރެސްގެ ޙާލަތު ކުރިމަތި ވާނަމަ ގިނަ މީހުންނަށް އެކަން މާ ބޮޑު ކަމަކަށް ނުވޭ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުމެއް ނެތި ސްޓްރެސްގެ ޙާލަތު ކުރިމަތި ވާނަމަ އެމީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ.

އެންޒައިޓީ އަކީ ކޮބާ؟

އެންޒައިޓީ ނުވަތަ ހާސްކަމަކީ ދޭތެރެ ދޭތެރެއިން ކޮންމެ މީހަކާ ވެސް ކުރިމަތި ވާ ކަމެއް. އެންޒައިޓީ އަކީ ސްޓްރެސް ނުވަތަ ފިކުރުބޮޑުވުމުގެ އިޙްސާސަށްވުރެ ބޮޑު އެއްޗެއް. ހާސްކަމާއި ކަންބޮޑުވުމުގެ އިޙްސާސަކީ ތިމާ ވަރަށް ބޮޑަށް ކަމެއްގައި ޖެހި ނުވަތަ ތާށިވުމުން ދިމާވާ ކަމެއް.

މިސާލަކަށް ދުނިޔޭގައި ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވާ ހާސްކަމުގެ އިޙްސާސެއް ނަމަ މި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން މިފަދަ ހާސްކަން ފިލައިދާނެ.

ނަމަވެސް ބައެއް އެހެން މީހުންނަށް ހާސްކަން ކުރިމަތިވާ ސަބަބު ތަފާތުވުން އެކަށީގެންވޭ. މިސާލަކަށް ކޯވިޑް ގެ ސަބަބުން ލިބެމުންދާ މާލީ ގެއްލުންތައް މީގެ ތެރޭގައި ހިމެނޭ.

އަދި މީގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ސަބަބުން ރައްކާތެރިކަން އިޙްސާސްވި ނަމަވެސް މި ފިޔަވަޅިތަކަށް ލުއި ދިނުމުން ހާސްކަމާ އިތުރަށް ކުރިމަތިލާން ޖެހޭ މީހުން ވެސް މަދެއް ނޫން.

އެކި މީހުންނަށް ހާސްކަން ދިމާވަނީ އެކި ގޮތްގޮތައް އަދި ހާސްކަން އުފެދެނީ އެކި ސަބަބުތަކާ ހެދި. ނަމަވެސް މިކަމުގައި އެނގުން މުހިންމު ކަމަކީ ތިމާއަށް ކުރިމަތިވާ ހާސްކަން ދެމިހުންނަނީ ކިހާ ވަގުތަކުތޯ އަދި މިކަމުގެ ސަބަބުން ޢާންމު ދިރިއުޅުމަށް އަންނަނީ ކިހާވަރެއްގެ ބަދަލެއްތޯ. މިކަންކަން ދެނެގަތުމަށްފަހު އެހީތެރިކަން ބޭނުންވާހެން ހީވާ ނަމަ ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުން މުހިންމު.

ޑިޕްރެޝަންއަކީ ކޮބާ؟

ދޭތެރެ ދޭތެރެއިން ދެރަވުމާއި، އެއްވެސް ކަމަކާނުލާ އުނދަގޫ އިޙްސާސެއް ކުރެވުމާއި، ރުޅިގަދަވުމާއި، ހިތް ނުތަނަވަސްވުމަކީ ޢަންމުކޮށް ދިމާވެދާނެ ކަމެއް. ނަމަވެސް މިފަދަ އިޙްސާސްތައް މަސް ދުވަހަށްވުރެ ދިގުލާ ކަމަށް ވަންޏާ ނުވަތަ މިފަދަ އިޙްސާސްތަކުގެ ސަބަބުން އާދައިގެ މަތިން ކުރާ ކަންކަމަށް ބުރޫ އަރާ ކަމަށް ވާނަމަ ކަމާ ބެހޭ މާހިރެއްގެ އެހީތެރިކަން ހޯދުން މުހިންމު. ޑިޕްރެޝަން ނުވަތަ މާޔޫސްކަމަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާ ސީރިއަސް ކޮންޑިޝަނެއް. ވީ އެންމެ އަވަހަކަށް އެހީ ހޯދުމަކީ މިކަމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެއް.

އަމިއްލަޔަށް ދަތުރުކުރެވޭ މިސްރާބު ދެނެގަނޭ

ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަން އާ ގުޅޭ މަޢުލޫމާތު އެނގުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޙާލަތު އަމިއްލަޔަށް ދެނެގަތުމަށް ކުރެވިދާނެ މުހިންމު ކަމެއް. ނަމަވެސް ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަކީ މިއީ ތިމާ އަމިއްލަޔަށް ޑައިގްނޯސް ކުރުމެއް ނޫންކަމާއި، މިކަން ކުރެވޭނީ ކަމާގުޅޭ ޞިއްޙީ މާހިރުންނަށް އެކަނިކަން. އަދި މިދުވަސްކޮޅު ތިމާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގައި ކޯވިޑް-19 އަށް ރިޢާޔަތްކުރުން މުހިންމު. ނަމަވެސް މިފަދަ އިޙްސާސްތަކުގެ ސަބަބުން ޢާންމު ދިރިއުޅުމުގެ ކަންކަމާއި ކުރިމަތިލުމުގައި ދަތިތަކާ ކުރިމަތިވާނަމަ ޞިއްޙީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުން މުހިންމު.