ނިދީގެ ދެ ވައްތަރެއް ހުރޭ. އެއީ ގަދަޔަށް ނިދުން ނުވަތަ "ޑީޕް ސްލީޕް" އަދި ދެބަދޭތެރޭގައި އޮވެ ނިދުން ނުވަތަ "ޑްރީމް ސްލީޕް". ހަމަ ނިދި ލިބުން ނުވަތަ ރަނގަޅަށް ނިދި ލިބުން ބިނާވެފައި ވަނީ ނިދާ ވަގުތަކަށް ނޫން. މިކަން ބިނާވެފައި ވަނީ ގަދަޔަށް ނިދުން ނުވަތަ "ޑީޕް ސްލީޕް" ލިބޭ މިންވަރުގެ މައްޗަށް.
އެންމެ ގިނައިން ގަދަޔަށް ނިދުން ނުވަތަ "ޑީޕް ސްލީޕް" ލިބެނީ ނިދާ ފުރަތަމަ ފަސް ގަޑިއިރުގައި. ނަމަވެސް އެކި ސަބަބުތަކާ ހުރެ ނިދި ހަލާކުވެދާނެ. އޭގެ ތެރޭގައި ފިކުރުބޮޑުވުމާއި، ހާސްވުން ހިމެނޭ. ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ވަރަށް ގިނަ މީހުންނަށް ހަމަ ނިދި ނުލިބުމަކީ ހައިރާންވާންވީ ކަމެއް ނޫން.
ރޭގަނޑުގެ ހަމަހިމޭންކަމުގެ ވަގުތުތަކުގައި، ތަފާތު އެކި ކަންކަމާއި ފިކުރުބޮޑުވުމާއި، ސުވާލު އުފެދުން ސިކުނޑިއަށް ވެރިވާ މިންވަރު އިތުރުވެގެންދޭ. ސަމާލުކަން ގެއްލުވާލައިގެން މެނުވީ އެނދުގައި ދެކޮޅު ދެކޮޅަށް ފުރޮޅެމުން ދާއިރު ސިކުނޑީގައިވާ މިފަދަ ފިކުރުތަކާއި ދުރުހެލިވުމަކީ އުނދަގޫކަމެއް. އަދި މިކަން އިތުރަށް ގޯސްވާ އެއް ސަބަބަކީ އިރު އިރުކޮޅާ ގަޑި ބަލައި އެ ވަގުތު ނިދައިފި ނަމަ ބާކީ ތިމާއަށް ލިބޭނީ ކިތައް ގަޑިއިރުގެ ނިދިތޯ ހިތާ ހިތުން ހިސާބުކުރުން.
ނިދި ގެއްލުން ނުވަތަ ނިދި ހަލާކުވުމަކީ ކޮންމެ މީހަކަށް ވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކުރިމަތިވާކަމެއް. ނަމަވެސް ނިދުމުގައި ދިމާވާ މިފަދަ އުނދަގޫތަކާއި މައްސަލަތަކީ ޙައްލު ކުރެވޭނެ ކަންތައްތައް. ނިދުމުގައި ދިމާވާ މިފަދަ މައްސަލަތައް ޙައްލުކުރުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާކަމެއް. ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑުގެ ހަމަ ނިދި ލިބޭ މިންވަރަކީ ދުވާލު އެމީހާގެ ޖަޒްބާތުތައް ހުންނަ ގޮތް ކަނޑައެޅުމުގައި އަސަރުކުރާ ކަމެއް. އެހެންކަމުން ޚާއްޞަކޮށް ކޯވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު ކަންކަމާއި ކުރިމަތިލުމުގައި ޕޮޒިޓިވްކޮށް ނުވަތަ ހެޔޮކޮށް ވިސްނުން ގެންގުޅުމަށްޓަކައި ހަމަ ނިދި ހޯދުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އިތުރުވެގެންދޭ.
މި ހުރިހާކަމެއްގެ ތެރެއިން ދޭން އޮތް ހެޔޮ ޚަބަރަކީ، ނިދުމުގައި ދިމާވާ މިފަދަ މައްސަލަތަކުން އަރައިގަތުމަށް މުޖައްރިބު އުކުޅުތަކެއް ވާކަން. މީގެ ތެރޭގައި މައިގަނޑުގޮތަކަށް ހިމެނެނީ ނިދާ އެނދާއި ނިދުމާއި ގުޅުވާލާ އާދަތައް އުފެއްދުން.
އެހެންކަމުން ނިދާ ހޭލާއިރުވެސް ވަރުބަލިވެފައި ހުންނަ ހުރުމަށް ނިމުމެއް ގެނައުމަށް އަދި ރޭގަނޑު ހަމަ ނިދި ހޯދުމަށް ތިރީގައިވާ ގޮތަށް ޢަމަލުކުރެވިދާނެ.
މެންދުރުފަހުން ފެށިގެން ހަށިގަނޑާއި ސިކުނޑި ހަމަޖައްސަން ފެށުން
- ދުވަހުގެ ކުރީ ކޮޅު ގޭގައި ތިބޭ އިރުވެސް ކަސްރަތުކޮށްގެން ތިމާގެ ހަށިގަނޑު ވަރުބަލިކޮއްލާ.
- ނިދާ ގަޑީގެ 4 ގަޑިއިރާއި 6 ގަޑިއިރު ކުރިން ކޮފީ އަދި ނިކޮޓިން ފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކޮއްލާ.
- ނިދުމުގެ 2 ގަޑިއިރު ކުރިން އެއްވެސް އިލެކްޓްރޯނިކް ޑިވައިސެއް ބޭނުން ނުކުރޭ. ސްކްރީންގެ ލައިޓާއި އެޕްލިކޭޝަންތައް ފަރުމާކޮށްފައިވަނީ ސިކުނޑި އިތުރަށް ސަމާލުވާ ޒާތުގެ ހޯރމޯން އިތުރުވާގޮތައް.
ނިދާގަޑީއާ ކާރިކޮށް އެއްކަހަލަ އާދައެއް ގެންގުޅޭ
- ދުވާލު ގަޑީގައި ނިދުމާ ދުރުހެލިވޭ.
- ނިދަން އޮށޯތުމުގައި އާދަކޮށް ކުރާނެ ކަންތައްތަކެއް ކަނޑައަޅާ. މީގެ ތެރޭގައި ވަކި ގަޑިޔަކަށް ނިދުމާއި ހޭލުމަށް އާދަކުރޭ.
- އެނދަކީ، ފޮތް ކިޔުމަށާއި ޓީވީ ބެލުމަށް އަދި ފޯނާ ކުޅުމަށް ބޭނުންކުރާ ތަނެއްކަމުގައި ނުހަދާ، އެނދުގައި އޮށޯންނަނީ ހަމައެކަނި ނިދުމަށް ކަމުގައި ހަދާ.
ނުނިދޭ ނަމަ ނުވަތަ ނިދި ނާންނަ ނަމަ އެނދުން ތެދުވޭ
- ނިދަން އޮށޯންނަތާ 20 މިނެޓް ވާއިރު ވެސް ނުނިދޭ ނަމަ ނުވަތަ ނިދި ނާންނަ ނަމަ އެނދުން ތެދުވެލާ. ކޮޓަރި ތެރޭގައި އަލި މަޑު ކޮއްލައިގެން އަވަހަށް ފޫހިވާޒާތުގެ ކޮންމެވެސް ކަމެއް ކޮއްލާ. އަދި ފޫހިވުމުން އަލުން ނިދޭތޯ މަސައްކަތްކޮއްލާ. މިކަން މިގޮތަށް އާދަކުރުމަށް ދުވަސްކޮޅެއް ނަގާފާނެ. ނަމަވެސް ހުއްޓާ ނުލާ ކުރާ ނަމަ ކާމިޔާބުވާނެ.
- ނުނިދޭ ނަމަ ބޮލުގައިވާ ޚިޔާލުތައް ގަނޑެއްގައި ލިޔެލާ. ފުރަތަމަކޮޅު، ނިދި ރަނގަޅު ކުރުމަށް މަސައްކަތްކުރުމަކީ ބޭކާރުކަމެކޭ ހީވެދާނެ. މިކަމުން އަރައިގަތުމަށް ގިނަ ގިނައިން ހަމަ ނިދި ހޯދުމުގެ މުހިންމުކަން އަމިއްލަ ނަފްސައް ވިސްނައިދެވިދާނެ.
މަތީގައިވާ އުކުޅުތަށް ބޭނުންކޮށްގެން ހަމަ ނިދި ހޯދެނީ ކިހާވަރަކަށްތޯ އަޖުމަ ބަލާލުން ރަނގަޅު. އަދި މި އުކުޅުތަކުންވެސް ނިދުމަށް އެއްވެސް އެހީތެރިކަމެއ ނުލިބޭ ނަމަ ކަމާގުޅޭ މާހިރެއްގެ އިރުޝާދު ހޯދިދާނެ.