Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޯވިޑް-19 ފެތުރެމުންދާ ޙާލަތުގައި އޯސީޑީ އާއި އެކު ދިރިއުޅުން

އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ ކުރުކޮށް ކިޔާ ނަމަ އޯސީޑީ އަށް ޑައިގްނޯޒް ކޮށްފައިވާ ފަރާތްތަކުގެ ޢާންމު ދިރިއުޅުމުގެ އެންމެ ދުވަހަކީ ވެސް އެންމެ ރަނގަޅު ދުވަސްތަކުގައިވެސް ގޮންޖެހުންތައް ގިނަ ދުވަހެއް. ކޯވިޑް-19 ފަދަ ބަލިމަޑުކަމެއްގައި މިފަދަ ފަރާތްތަކުގެ ޢާންމު ދިރިއުޅުން ހުންނާނެގޮތް ހިތައް ގެންނަން ވެސް ފަސޭހަކަމަކަށް ނުވާނެކަން ޔަޤީން.


އޯސީޑީ ކޮންޑިޝަން ހުންނަ މީހުންގެ ޢާންމުކޮށް ފެންނަ ޢަލާމާމްތަކު ތެރޭގައި ތަރުތީބުކުރުމާއި، ކަންކަން ފުރިހަމަ ކުރުމާއި، ކުދި ކުދި ތަފްޞީލުތަކަށް އިސްކަންދިނުން ހިމެނޭ. އެކި މީހުންނަށް އޯސީޑީ ވެވެނީ އެކި ކަންކަމައް. ބައެއް މީހުން ގިނައިން އަތް ދޮންނަ އިރު، އަނެއް ބައި މީހުން ތަންތަން ތަރުތީބުކުރުމުގައި އަވަދިނެތި އުޅޭ. އަދި އެއްވެސް ޙާލެއްގައި މިކަން މިގޮތަށް ނުވެއްޖެނަމަ އެމީހުންގެ ހަމަޖެހުން ގެއްލި ފިކުރުބޮޑުވާ ގޮތްވޭ. ކުރުކޮށް ބުނާނަމަ އޯސީޑީއަކީ ވަރަށް ބޮޑަށް އެ ކޮންޑިޝަން ހުންނަ މީހާ ވަރުބަލިކޮށްލާ ކަމެއް.

އޯސީޑީ ހުންނަ މީހެއްގެ ދުލުން ބުނާ ނަމަ އެމީހަކު ދެން "އޮބްސެސް" ވާނީ ނުވަތަ އެކަމަކަށް ގޮސް ހުސްވާނީ ކޮންކަމަކާބާއޭ އަބަދުވެސް ހުންނާނީ ހިތައް އަރައަރާ. އެމީހާއަށް އެއީ އެންމެ ހަމަޖެހޭ ކަމެއްނޫންކަން އެނގުނަސް ނުވަތަ ކޫސަނި ކަމެއްގެ ގޮތުގައި ވިސްނުނަސް އެކަން އެހެން ގޮތަކަށް ބަދަލުކުރުމަށް ގިނަ ފަހަރު ނުކުޅެދިގެންވޭ.

މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން. ކޯވިޑް-19 ފަދަ ބަލިމަޑުކަމެއް ހުރިހާ އެންމެގެ ޢާންމު ދިރިއުޅުން ހިޞާރުކޮއްފައިވާއިރު، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ނުކުރާ ހަމަ އެއްވެސް މީހަކު ނެތޭ ބުންޏަސް ގޯހަކަށް ނުވާނެ. ޤަބޫލު ކުރަމުން އައި ހަޤީޤަތް މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެފުށް މިފުށަށް ޖެހިފައި.

ޚާއްޞަކޮށް އޯސީޑީ ހުންނަ މީހަކު ކޯވިޑް-19 އާ ގުޅިގެން އުފެދޭ ފިކުރުތަކުގައި ސަމާލުކަން ދޭންވީ ކަންކަން ނުވަތަ ޤަބޫލުކުރަންވީ ކަންކަމަށް ބަލާލަމާތޯ.

މިއީ ތާ އަބަދަށް ދެމިގެންދާނެ ކަމެއް ނޫންކަން.

ގިނަގިނައިން މި ކަންތައް އަމިއްލަ ނަފުސަށް ހަނދާންކޮށްދިނުން މުހިންމު. މާ ބޮޑަށް ފުރަބަންދުގެ ޙާލަތާމެދު ވިސްނާ ފިކުރުބޮޑުވާނަމަ، ފުރަބަންދު ނިމުމުން ކުރަން ބޭނުންވާ ކަމަކާ މެދު ވިސްނާލާ.

ހިފަހައްޓާލުން ނުވަތަ ކޮންޓްރޯލްކުރުން.

އޯސީޑީއަކީ ވަރަށް ބޮޑަށް ހިފަހައްޓާލުން ނުވަތަ ކޮންޓްރޯލް ކުރުމާ ގުޅިފައިވާ ކަމެއް. އެހެންކަމުން ކޯވިޑް-19 ބަލި ޖެހުމުގެ ޙިރާސް ކުޑަކޮށް އެ ބަލިޖެހުމުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އޯސީޑީ ހުންނަ މީހުން ޤަވައިދުން ކުރުމަކީ އެކަށީގެންވާ ކަމެއް. މީގެ ތެރޭގައި ގިނަ ވަގުތު ގޭގައި ތިބުމާއި، ކޮންމެހެން ދާން ޖެހިގެން މެނުވީ ޒަރޫރީ ބޭނުމެއްގައިވިޔަސް ބޭރަށް ނުނުކުތުމާއި، ވިޔަފާރި ކުރުމުގައިވެސް ރައްކާތެރިވުމަށް އަންގި ލެއްވުމާއި މާސްކް އެޅުން އަދި ތަންތާގައި އަތްލެވޭ މިންވަރު ކުޑަކޮށް އެކަކު އަނެކަކާ ދެމެދު މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ފަރިތަކުރުން ހިމެނޭ. އަދި ވިޔަފާރި ކުރުމަށް ފަހު ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު ނޫނީ ބޭނުން ނުކުރުން. މިއީ ޤަބޫލުކުރެވުނަސް ނުކުރެވުނަސް އޯސީޑީ ހުންނަ މީހުންނަށް ކޯވިޑް-19 އިން އިތުރަށް ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތަކެއް.

ކޮންޓްރޯލު ނުކުރެވޭ ކަންތައްތައް ވެސް ހުންނާނެކަން ޤަބޫލުކުރުން.

އޯސީޑީ ހުންނަ މީހާ ކިތައްމެ ބަލައިގެން އުޅުކަމުގައި ވިޔަސް ދެންހުންނަ މީހާ އެވަރަށް ފަރުވާތެރިވާނެ ކަމެއް ޔަޤީނެއް ނޫން. މިސާލަކަށް ފިހާރައިގައި ބާޒާރުކުރުމަށް ނުކުމެ އުޅޭ އިރު ދެންހުންނަ މީހާ އައިސް ގައިގައި ޖެހިވެސްދާނެ ނުވަތަ ކެއްސާ ކިނބިއްސެއް ވެސް އަޅާފާނެ. އެކަމަކީ އޯސީޑީ ހުންނަ މީހުންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން. ނަމަވެސް އެކަމާ ކަންބޮޑުވެ ހާސްވުމުގެ ބަދަލުގައި އަމިއްލަޔަށް ރައްކާތެރިވުމަށް ސެނިޓައިޒަރ ފަދަ ތަކެތި ބޭނުން ކުރެވިދާނެ ނުވަތަ އަވަހަށް އެތަނަކުން ދުރަށް ދެވިދާނެ.

ކަސްރަތުކުރުން.

ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ފައިދާ ހުރި އެއް ކަމަކީ ކަސްރަތުކުރުން. އެއީ މިފަދަ ކޮންޑިޝަންތައް ތަޙައްމަލުކުރަމުންދާ ހުރިހާ އެންމެނަށް ވެސް އެނގޭނެ ކަމެއްކަން ކަށަވަރު. ކޮންމެވެސް މިންވަރަކަށް ކަސްރަތު ނުކުރެވޭ ދުވަސް ދުވަހު އޯސީޑީގެ ޢަލާމާތްތައް ތަންކޮޅެއް ބޮޑަށް ފެނުން އެކަށީގެންވޭ. އެންމެ ރަނގަޅު ގޮތަކީ ލުއި ކަސްރަތުގެ ގޮތުގައި ކުޑަ ދަރިފުޅު ފަހަތުން ދުވެލުން ވިޔަސް ނުވަތަ ގޭގައި އޮން ދަ ސްޕޮޓް ޖޮގިން ވިޔަސް ނުވަތަ ބަރު ބޭނުންކޮށްގެން ކުރާ ޒާތުގެ ކަސްރަތުތައްވިޔަސް ކޮއްލުން. އޭގެ ފައިދާ ހަމަ ގައިމުވެސް ފެންނާނެ ކަން ޔަޤީން.

އަމިއްލަ ނަފްސަށް އަޅާލަން އާދަކުރުން

އެކި މީހުންނަށް އަމިއްލަ ނަފްސަށް އަޅާލެވެނީ އެކި ގޮތްގޮތައް. ބައެއް މީހުން އަމިއްލަ ނަފްސައް އަޅާލުމުގެ ގޮތުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޕްލޭނެއް އެކުލަވާލައި އެއާއި އެއްގޮތައް ޢަމަލުކުރޭ. އަދި ޤަވައިދުން ބޭސްކެއުމާއި، ޑޮކްޓަރަށް ދެއްކުމާއި، އަމިއްލަ މީހާ ހިތްހަމަޖެހޭ ފަދަ ކޮންމެސް ކަމެއް ކޮއްލާ. މިގޮތުން ކީރިތި ޤުރުއާން ކިޔެވުން، ފޮތެއް ކިޔާލުން ނުވަތަ ބޮޑެތި މީހުންނަށް ޚާއްޞަ ކުލަޖައްސާ ފޮތެއްގައި ކުލަ ޖެއްސުން ވެސް އެއީ ކުރެވިދާނެކަމެއް. ނޫނީ ލަވަ އަޑުއެހުމާއި ފިލްމެއް ބަލާލައި ލޯބިވާ މީހުންނާ އެކު ވަގުތު ހޭދަކުރެވިދާނެ. ތިމާ ހިތްހަމަޖެހޭ ފަދަ ކިތަންމެ ކުޑަ ކަމެއްވިޔަސް ކޮންމެ ދުވަހެއްގައިވެސް ކުރުމަށް އަޒުމް ކަނޑައަޅާ.