ގިނަ ވަގުތު ފިކުރުބޮޑުވުމާއި ހާސްކަން ތަޙައްމުލުކުރުން
ކޯވިޑް-19ބަލި ފެތުރެން ފެށުމަކީ ކުދި ބޮޑު އެންމެންނަށްވެސް ހާސްކަމާއި ނުތަނަވަސްކަން ގެނުވާނެ ކަމެކެވެ. އެހެންނަމަވެސް މިފަދަ ހާލަތްތަކުގައި ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަން ތަޙައްމަލުކޮށް އެކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމަކީ ތިމާ އާއި އެކު ދިރިއުޅޭ އެހެން މީހުންނާއި މުޅި މުޖުތަމަޢު މިކަމުން އަރައިގަތުމަށް މުހިންމު ބާރަކަށް ވާނެއެވެ.
ހާސްކަމާ ކަންބޮޑުވުމާ އެކިމީހުން ކުރިމަތިލާ ގޮތް ތަފާތެވެ. ކޯވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރެން ފަށާ ހާލަތުގައި މިކަންކަމާ އެކިމީހުން ކުރިމަތިލާގޮތް ތަފާތުވާން މެދުވެރިވަނީ އެމީހަކު ކުރިން ތަޖްރިބާކޮށްފައިވާ ކަންކަމާއި، މިޒާޖާއި އަދި އެމީހަކު ދިރިއުޅޭ މާހައުލުން މިފަދަ ކަންކަމަށް ކުރިމަތިލާ ގޮތްތައް ތަފާތުވުމުންނެވެ.
ހާސްކަމާއި ކަންބޮޑުވުމުގެ މިފަދަ ދަނޑިވަޅުތަކުގައި މިކަމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހޭނެކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި:
- އުމުރުން ދުވަސްވީ މީހުން،
- ދިގުމުއްދަތަކަށް ބަލިތަކަށް ފަރުވާކުރާ މީހުން
- ފުރާވަރު ކުދިންނާއި ކުޑަކުދިން
- މި ހާލަތްތަކުގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރާމީހުން މިސާލަކަށް ޑޮކްޓަރުން، އަދި އެހެނިހެން ޞިއްޚީ ހިދުމަތްތެރިންނާއި ފުރަތަމަ ޚިދުމަތްދޭ ފަރާތްތައް
- ނަފްސާނީ މައްސަލަތަކުގައި ފަރުވާ ކުރާ މީހުން އަދި
- މަސްތުވާތަކެތި ބޭނުންކުރާމީހުން
ގައިންގަޔަށްއަރާ ބައްޔެއް ފެތުރޭ ހާލަތްތަކުގައި ފިކުރުބޮޑުވެދާނެ ކަންތައްތަކުގެ ތެރޭގައި:
- ތިމާއާއި އަދި ތިމާ އެންމެލޯބިވާ ފަރާތްތަކުގެ (ޢާއިލާގެ) ޞިއްޚަތަށް ކުރިމަތިވެދާނެ ހާލަތަކާއިމެދު ބިރުގަނެ ފިކުރުބޮޑުވުން.
- ނިދުމަށާއި ކެއިންބުއިމަށް ބަދަލު އައުން.
- ސަމާލުކަން ދިނުން އުނދަގޫވުމާއި ނިދަން އުނދަގޫވުން.
- ދާއިމީކޮށް ބޭސްކުރަމުންދާ ބަލިބަލީގެ ހާލަތު އިތުރަށް ގޯސްވާގޮތްވުން.
- ދުންފަތުގެ އިސްތިއުމާލުކުރުން އިތުރުވުން ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުން.
ކޯވިޑް-19 ފަދަ ނުރައްކާތެރި ބައްޔެއް ފެތުރޭ މި ދަނޑިވަޅުގައި ތިމާގެ އަމިއްލަ ނަފްސަށާއި، ޢާއިލާ އަދި ރަހުމަތްތެރިންނަށް މި ހާސްކަމާއި ކަންބޮޑުވުމާއި ކުރިމަތިލުމަށް އެހީތެރިވުމާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އަޅާލާ އެހީތެރިވުމަކީ މުޅި މުޖުތަމަޢު މި ކަމުން އަރައިގަތުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
ހާސްކަމާއި ފިކުރު ބޮޑުވުން ކުޑަކުރުމަށް ތިމާ އަމިއްލައަށް ކުރެވިދާނެ ބައެއް ކަންތައްތައް؛
- ކޯވިޑް-19 ޕެންޑަމިކް އާއި ގުޅޭ މަޢުލޫމާތު ކިޔުމާއި ޓީވީން އެ މަޢުލޫމާތުތައް ބެލުން މަދުކުރުން. ސޯޝަލް މީޑިއާގައި ވެސް މިކަމާބެހޭ ގޮތުން ދެކެވޭ އެކިއެކި ވާހަކަތަކާއި ޚާއްޞަކޮށް ޞައްޙަ ނޫން ވާހަކަ ތަކާއި ދުރުވުން މުހިންމެވެ. ތަކުރާރުކޮށް މިފަދަ ވާހަކަތައް އަޑު އަހާ އަދި އަޑު އިވުމަކީ ހާސްކަމާއި ކަންބޮޑުވުން އިތުރުކުރުވާ ކަންކަމެވެ. ވީމާ، ކޮންމެ ދުވަހަކު ވެސް ވަކި ވަގުތު ތަކެއް ކޯވިޑް-19 އާއިބެހޭ ޚަބަރު އަޑުއެހުމަށް ނުވަތަ ބެލުމަށް ޚާއްޞަކުރުން މުހިންމުއެވެ. އަދި އެނޫން ވަގުތުތަކުގައި ގޭގައި ކުރެވޭ އެހެނިހެން ކަންކަމުގައި މަސްއޫލުވެ އުޅުން މުހިންމުއެވެ.
- ތިމާ އަމިއްލަ ހަށިގަނޑާއިމެދު އަޅާލާ ވިސްނުން: ފުން ނޭވާއެއް ލުން، ސްޓްރެޗްކޮށްލުން، ނަމާދުކުރުން، ކަސްރަތުކުރުން އަދި ޞިއްޚަތައް ފައިދާހުރި މިންހަމަކޮށް ކާނާ ބޭނުންކުރުމާއި، ޤަވާއިދުން ކަސްރަތުކުރުމާއި ރަނގަޅަށް ނިދުމާއި މަސްތުވާ ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރުން.
- ހިތްހަމަޖެހޭ ކަންކަމަށް ވަގުތުކޮޅެއް ހުސްކޮށްލުން: ތިމާ ކުރާހިތްވާ ކަހަލަ ކޮންމެވެސް ކަމެއް ކުރުމަށް ވަގުތު ހުސްކުރުން މިސާލަކަށް، ކުރެހުން، ފޮތް ކިޔުން، ކިޔެވުން، ލަވަ ނުވަތަ މަދަހަ އަޑު އެހުން، ގޭގައި ކުޅެވޭ ފަދަ ކުޅިވަރު ކުޅުން، އާ ހުނަރެއް ނުވަތަ ބަހެއް ދަސްކުރުން ފަދަ ކަންކަން.
- އެހެންމީހުންނާ ގުޅުންބަދަހިކުރުން: ތިމާއަށް އިތުބާރު ކުރެވޭ މީހުންނާ ތިމާގެ ހުރި ކަންބޮޑުވުންތަކާއި ކުރެވޭ އިހުސާސްތައް ޙިއްޞާކުރުން.
ތިމާއާ އެހެންމީހުންގެ ހުރި ކަންބޮޑުވުންތަކާ ފިކުރުތައް މަދުކުރުމަށް މަސައްކަތްކުރުން
ކޯވިޑް-19 އާއި ގުޅޭ ޞައްޙަ މަޢުލޫމާތު ހޯދައި މިކަމުގައި ހުރި ހިރާސްތަށް ފަހުމްވެހުރެ، ތިމާއާ ތިމާ އެންމެ ލޯބިވާ ފަރާތްތަކަށް އެ މަޢުލޫމާތުތައް ޙިއްޞާކުރުމަކީ މިފަދަ ހާލަތްތަކުގައި އުފެދޭ ހާސްކަމާއި ކަންބޮޑުވުން ކުޑަކުރެވޭނެ ކަމެކެވެ. ކޮވިޑް-19 އާ ގުޅޭ ޞައްޙަ މަޢުލޫމާތު ޙިއްޞާކުރުމަކީ އަނެކުންގެ ހާސްކަމާއި ކަންބޮޑުވުން ކުޑަކޮށް އެކަކު އަނެކަކާ ގުޅުންބަދަހިވުމަށް އެޅޭ ބާރަކަށްވެސް ވާނެއެވެ.
ބެލެނިވެރިންނަށް
ކުޑަކުދިން އަދި ފުރާވަރު އުމުރުގެ ކުދިން މިފަދަ ހާލަތްތަކުގައި ގިނަފަހަރު ޢަމަލު ކުރަނީ ބޮޑެތި މީހުން އެލާހަތެއްގައި އަމަލުކުރަނީ ކިހިނެތްތޯ ބަލައިގެން އެގޮތަކަށެވެ. އެގޮތުން ބެލެނިވެރިން އަދި އެހެން އެހީތެރިން ކޯވިޑް-19 އާ މަޑުމައިތިރިކަމާއި ސާބިތުކަމާއި އެކު ކުރިމަތި ލާނަމަ އެއީ ކުޑަކުދިންނަށް އެކަންކަމާ ކުރިމަތިލުމަށް ލިބޭނެ އެންމެބޮޑު ހިއްވަރަކާ އެހީތެރިކަމަށް ވެގެންދާނެއެވެ. އަދި ބެލެނިވެރިންގެ އެހިއްވަރަކީ އެމީހުންނާ ގާތްކޮށް އުޅޭ އެހެންމީހުންނަށް ވެސް ލިބިގެންދާނެ ހިއްވަރަކަށް ވާނެއެވެ.
މިފަދަ ހާލަތްތަކާ ކުރިމަތިލުމުގައި ހުރިހާ ކުދިން އެއްގޮތަކަށް ޢަމަލެއް ނުކުރާނެއެވެ. ކުޑަކުދިންނަށް މިފަދަ ހާލަތްތަކުގައި އާންމުކޮށް އަންނަށް ބަދަލުތަކުގެ ތެރޭގައި:
- މާގިނައިން ރުއިން ނުވަތަ ކަމަކާ އުނދަގޫވެފައި ހުރުން.
- ކުރިން ކުރަމުން އައި ކަމެއް އަލުން އިއާދަވުން މިސާލަކަށް ގަޔަށް ހީސްލެވުން، ތަންމައްޗަށް ހީސްލެވުން، އިނގިލި ބުއިން، ނިޔަފަތި ކެއުން.
- މާބޮޑަށް ކަންބޮޑުވުން ނުވަތަ ދެރަވުން.
- ރަނގަޅު ނޫން ގޮތްގޮތަށް ކެއުމާއި ނިދުމުގެ އާދަތައް ހުރުން.
- ރުޅިގަދަވުމާއި ރުންކުރުވެފައި ހުރުން ފަދަ ގޮތަކަށް ފުރާވަރު އުމުރުގެ ކުދިންގެ އަމަލުތައް ހުރުން.
- ކިޔެވުމުގެ ކަންކަމަށް ދޭ ސަމާލުކަން ކުޑަވުން ނުވަތަ ނުކިޔެވުން.
- ކަންކަމަށް ފަރުވާތެރިވުމަށް އަދި ސަމާލުކަން ދިނުމަށް އުނދަގޫވުން.
- ކުރީގައި ޝައުގުވެރިކަމާއެކު ކުރި ކަންތައްތަކާއި ދުރުހެލިވުން.
- ކަމަކާނުލާ ބޮލުގައި ރިއްސުން ނުވަތަ ގައިގައި ރިއްސުން. (ބުނަން ނޭގޭ)
- މަސްތުވާތަކެތި ބޭނުން ކުރުން ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުން.
މިފަދަ ހާލަތްތަކުގައި ކުދިންނަށް އެހީތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
- ކުދިންނަށް ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް ވަގުތުކޮޅެއް ހުސްކުރާށެވެ. ކުޑަކުދިންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ޙިއްޞާކޮށް ކުރާ ސުވާލުތަކަށް އުމުރާ ގުޅޭނޭހެން ޖަވާބު ދޭށެވެ.
- ބަލި ފެތުރެމުން ދިޔަ ނަމަވެސް ރައްކާތެރިކަން އޮތްކަން ކުދިންނަށް ކަށަވަރު ކޮށްދޭށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ކުޑަކޮށް ކަންބޮޑުވުން އެއީ މައްސަލައެއް ނޫންކަން ބުނެދީ ތިމާ އެފަދަ ކަންކަމާ ކުރިމަތިލާ ގޮތް ކުދިންނަށް ބުނެދީ ކުދިންނަށް އެކަންކަން ތަޙައްމުލުކުރުމުގެ ހިތްވަރާއެކު މަގު ދައްކައިދޭށެވެ.
- މިފަދަ އައުޓްބްރޭކް ތަކުގައި ސޯޝަލް މީޑިއާ އަދި މީސްމީޑިއާ މެދުވެރިކޮށް އަންނަ ޚަބަރުތައް ދެއްކުން މަދުކުރާށެވެ. ކުޑަކުދިން މިކަހަލަ ދަނޑިވަޅުތަކުގައި ދައްކާ ވާހަކަތައް ނަގައިގަންނަގޮތް ތަފާތުވެދާނެއެވެ. އެގޮތުން އެކުދިންނަށް ފަހުމުނުވާ ކަންތައްތަކާމެދު ބިރުގަތުން ފަދަ ގޮތެއް ދިމާވުމަކީވެސް އެކަށީގެންވާކަމެކެވެ.
- ޢާންމުކޮށް ކުރާކަންކަން އެގޮތުގައި ކުރިޔަށްގެންދިއުމަށް ބާރު އެޅުން: ސްކޫލްތައް ބަންދު ކުރެވިފައިވާނަމަ ކިޔެވުމަށް ވަކި ޚާއްޞަގަޑިތަކެއް ތާވަލު ކޮށްލާށެވެ. ހިތްހަމަޖައްސާލުމަށް ގޭގައި ކުޅެވޭނެ މަޖާ ކުޅިވަރު ރާވާ ކުދިންނާއި ބައިވެރިވެ ކުޅޭވިދާނެއެވެ.
- ތިމާގެ ދަރިފުޅުގެ ރޯލް މޮޑެލްއަކަށް ތިމާ ވުން: ހުސްވަގުތުކޮޅުތައް ނެގުމާއި ޤަވާއިދުން ކަސްރަތުކުރުމާއި އަދި ރަނގަޅަށް ނިދި ހަމަކުރާށެވެ. ހަމަ އެހެންމެ ޢާއިލާއާއި ރައްޓެހިންގެ ހާލު ފޯނުގެ ޒަރީޔާއިން ބެލުން.
ފަސްޓްރެސްޕޮންޑަރސް އަށް
ކޯވިޑް-19 އަށް ރެސްޕޮންޑް ކުރުމުގައި ނަފްސާނީ އުނދަގޫތަކެއް ދިމާވެދާނެއެވެ. ނަމަވެސް މިކަންކަމުން ދުރުވުމަށް އަދި 'ސެކަންޑަރީ ޓްރޯމެޓިކް ސްޓްރެސް' ކުޑަކުރުމަށް ބައެއް ކަންކަން ކުރެވިދާނެއެވެ.
- މިފަދަ ހާލަތްތަކުގައި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ ކަމެއްކަން ޤަބޫލުކުރުން.
- މިގޮތުން ފެންނަން ހުންނާނެ އަލާމާތްތައް ދެނެގަތުން (ވަރުބަލިވުން) އަދި ނަފްސާނީ އަލާމާތްތައް ދެނެގަތުން (ބިރުގަތުން، އަމިއްލަ ނަފްސު ކުއްވެރިކުން، އެހެން މީހުންނާއި އެކަހެރިވުން)
- ކޯވިޑް-19 ޕެންޑަމިކް އާއި ގުޅޭ މަޢުލޫމާތު ކިޔުމާއި ޓީވީ އިން އެމަޢުލޫމާތުތައް ބެލުން މަދުކުރުން. ސޯޝަލް މީޑިއާގައި ވެސް މިކަމާބެހޭ ގޮތުން ދެކެވޭ އެކިއެކި ވާހަކަތަކާއި ޚާއްޞަކޮށް ޞައްޙަ ނޫން ވާހަކަ ތަކާއި ދުރުވުން މުހިންމެވެ. ތަކުރާރުކޮށް މިފަދަ ވާހަކަތައް އަޑު އަހާ އަދި އަޑު އިވުމަކީ ހާސްކަމާއި ކަންބޮޑުވުން އިތުރުކުރުވާ ކަންކަމެވެ. ވީމާ، ކޮންމެ ދުވަހަކު ވެސް ވަކި ވަގުތު ތަކެއް ކޯވިޑް-19 އާއި ބެހޭ ޚަބަރު އަޑުއެހުމަށް ނުވަތަ ބެލުމަށް ޚާއްޞަކުރުން މުހިންމުއެވެ.
- ތިމާ އަމިއްލަ ހަށިގަނޑާއިމެދު އަޅާލާ ވިސްނުން: ފުން ނޭވާއެއް ލާ، ސްޓްރެޗްކޮށްލުން، ނަމާދުކުރުން، ކަސްރަތުކުރުން އަދި ޞިއްޙަތަށް ފައިދާހުރި މިންހަމަކޮށް ކާނާ ބޭނުންކުރުމާއި، ޤަވާއިދުން ކަސްރަތުކުރުމާއި ރަނގަޅަށް ނިދުމާއި މަސްތުވާ ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރުން.
- ހިތްހަމަޖެހޭ ކަންކަމަށް ވަގުތުކޮޅެއް ހުސްކޮށްލުން: ތިމާ ކުރާހިތްވާ ކަހަލަ ކޮންމެވެސް ކަމެއް ކުރުމަށް ވަގުތު ހުސްކުރުން.
ކަރަންޓީން އިން ދޫކޮށްލެވޭ މީހުންނަށް
ޞިއްޚީ މާހިރެއްގެ ލަފަޔާއި އެކު ކޯވިޑް-19 ހުރިކަމަށް ޝައްކު ކުރެވުމުން އެހެންމީހުންނާ ދުރުގައި ހުންނަން ޖެހުމަކީ ބަލި ނުޖެހުނު ކަމުގައި ވިޔަސް ފިކުރުބޮޑުވުން އިތުރު ވާކަމެކެވެ. އަދި ކަރަންޓީނުން ވީއްލުމާއެކު އެނބުރި ޢާންމުންގެ ތެރެއަށް އަންނައިރު އެހެންމީހުން ތިމާ އާއި ދޭތެރޭ ދެކޭގޮތް ތަފާތުވެފައި ހުރުމަކީ ކުރިމަތުވެދާނެ ކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި ޢާންމުގޮތެއްގައި ޚިޔާލާ ފިކުރު ހުރެދާނެ ގޮތްތަކަށް ބަލާއިރު:
- ކުރެވޭ އިހުސާސެއް ޔަގީންނުވުން ނުވަތަ އުނދަގޫ، ގޮތް ނޭގޭ އިހުސާސްތަކެއް ކުރެވުން، އޭގެ ތެރޭގައި ކަރަންޓީން ވީއްލުމުގެ ހިތްހަމަޖެހުންވެސް ހިމެނޭ
- ތިމާގެ ޞިއްޚަތާއި އަދި ލޯބިވާ ފަރާތްތައް ނުވަތަ ޢާއިލާގެ އެހެންމީހުންގެ ޞިއްޚަތާމެދު ވިސްނައި ހިތްނުތަނަވަސްވުން އަދި ބިރުގަތުން.
- ކޯވިޑް-19ގެ އަލާމާތެއް ފެނޭތޯ އަމިއްލައަށް ނަފްސަށް ފާރަވެރިވެވުން ނުވަތަ އެހެންމީހުން އެގޮތަށް ތިމާއަށް ޝައްކުކުރެވި އެކަމާ ފިކުރުކުރެވުން.
- ތިމާގެ ގައިގައި ބަލީގެ އެއްވެސް އަލާމާތެއް ނެތްކަން ޔަޤީންކުރެވިފައި ވީނަމަވެސް ރަޙުމަތްތެރިންނާއި، ޢާއިލާގެ މީހުންނަށް މިބަލި ތިމާގެ ފަރާތުން ޖެހިދާނެކަމަށް ވިސްނި މީހުންނާއި ދުރުހެލިވާންޖެހުމުން ދެރަވުމާއި ރުޅިއައުން ނުވަތަ ފިކުރުބޮޑުވުން.
- ކަރަންޓީން ކުރެވިފައިވާ ވަގުތުގައި ޤަވައިދުން ކުރާ މަސައްކަތްތައް ނުވަތަ ދަރިންނަށް ވަގުތު ނުދެވުނީތީ އެކަމުގެ ހިތްބުރަކަން އޮތުން.
- އެހެން ފިކުރުތަކާއި އަދި ނަފްސާނީގޮތުން އަންނަ ބަދަލުތަށް.