Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ތަޤްރީރު މައިޒާން ހަސަން މަނިކު ކޮށްދެއްވި ޙިދުމަތްތަކާބެހޭ ފޮތް، އިފްތިތާހު ކޮށްދެއްވި ރަސްމީޔާތުގައި މިނިސްޓަރ ޚިޠާބު

މިނިސްޓަރ ޚިތާބު - 10 ޑިސެންބަރ 2020
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

އެންމެހާ ނިޢުމަތްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަން. އެނިޢުމަތްތައް އެންމެ ފުރިހަޔަށް ބޭނުން ކުރަން ދަސްކޮށް ދެއްވި ކައުއިތުރު ރަސޫލާ، މުޙައްމަދު ސައްލަﷲ އަލައިޙިވައްސަލަމް އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން. މިޞަލަވާތުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި، މިތުރު ސަޙާބީން ޝާމިލް ކުރަން.

ރައްޔިތުންގެ މަޖްލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދައުލަތުގެ ވަޒީރުން، މަރުޙޫމް މައިޒާން ހަސަންމަނިކުގެ އާއިލާއަށް ނިސްބަތްވާ ބޭފުޅުން، މި ސިނާއަތުގައި ހަސަން އަރިހުގައި މަސައްކަތް ކުރެއްވިފަރާތްތައް، މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓްޓިޔުޓްގެ މުވައްޒަފުން، މިހަފްލާގައި ބައިވެރިވަޑައިގަންނަވާ އެންމެހާ އިއްޒަތްތެރިން. އައްސަލާމް އަލައިކުމް.

40 ވަނަ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަޙްނިޔާ މިހަފްލާއަށް ވަޑައިގެންތިއްބެވި އެންމެހައި އިއްޒަތްތެރިންނަށް އަރިސްކުރަން. ދުވަހުގެ ތަހްނިޔާ ލޮބުވެތި މަސްވެރިންނާއި މިސިނާއަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދަންނަވަން. ވަކިން ހާއްޞަކޮށް މިއަދުގެ ތަޙްނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ދަޢުލަތުގެ ޢިއްޒަތްތެރި ވަޒީރުންނާއި، މި ހަފްލާގެ ޝަރަފުވެރި މެހެމާން ރައީސް މުހައްމަދު ނަޝީދު، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަރިސްކުރަން.

ހަވީރުގެ މިހިތްފަސޭހަވަގުތުގައި، މާލޭގެ ލޮނު ޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ރާޅުތައްޖަމާވާތަން ފެންނަހިސާބުގައި އަޅުގަނޑުމެން ޖަމާވެ މިތިބީ، ރާއްޖޭގެ ކަނޑުވެށީގެ ދިރާސާ މަސައްކަތް ފަށްޓަވައިދެއްވާ އާރުކާޓީއެއްގޮތުގައި ދިވެހި ގައުމަށް ފާހަގަކުރެވޭ ނުހަނު އަގުހުރި ގިނަގުނަ ޙިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ޝަރަފުގައި. ގޮނޑުދޮށަށް ބީހެމުންދާ ރާޅުގެ އަޑާއި އެކު މިވެށިން އާކޮށްދެނީ މައިޒާން ޙަސަންމަނިކާއިއެކު، އޭރުގެ މެރިން ރިސަރޗް ސެކްޝަނުގައި އަޅުގަނޑު ވަޒީފާގަ ހޭދަކުރި ދުވަސްތަކުގެ ހަދާންތައް. އަޅުގަނޑުމެންނަށް އަޅައިދެއްވި ހަރުދަނާ ބިންގާއާ، ޙިއްޞާ ކުރެއްވި ޚިޔާލްފުޅުތަކާއި ތަޞައްވަރު، އަދި ދެއްވި އަގުހުރި އިރުޝާދުތައް މިއަދާއި ހަމައަށްވެސް ފަނޑުވުމެއްނެތި ދެމިގެންދާކަން ފާހަގަކުރަން. ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުވެށީގެ ދިރާސާ މަސައްކަތުގެ މޭސްތިރިކަމުގައިވާ މައިޒާން ހަސަންމަނިކުގެ ޙިދްމަތްތަކާއި ގުޅޭ ފޮތެއް ވުޖޫދަށްނެރެވޭކަމީ، އަޅުގަނޑު ނުހަނު އުފާވާކަމެއް.

މައިޒާން ހަސަން މަނިކަކީ ދިވެހިރާއްޖޭ މަސްވެރިކަމާއި ކަނޑުވެށީގެ ރިސަރޗް މަސައްކަތްތަކަށް ވަރަށް ލޯބިކުރައްވާ އެމަސައްކަތަށް، އަޅުގަނޑުމެންނަށް މަގުދައްކަވައިދެއްވި ދުރުވިސްނުން ގެންގުޅުއްވި މުފައްކިރެއް. ޙަސަން އަކީ ކަނޑުތަކުގެ މާހައުލުގެ މުހިންމުކަމާއިމެދު އާންމުން ހޭލުންތެރިކުރުވާ، ކަނޑުތަކުގެ ދިރާސާތައް ރާއްޖޭގައި ފައްޓަވާދެއްވުމުގައި މުޙިއްމު ދައުރެއް އަދާކުރެއްވި ފަރާތެއް. އަދި ރިސަރޗް ސެކްޝަން މިނިސްޓްރީ އޮފް ފިޝަރިޒް ގެ ބައެއް ގޮތުގައި 24 ޖުލައި 1984 ގައި ޤާއިމުކުރެއްވުމުގެ މޭސްތިރި.

ރާއްޖޭގައި މެރިން ރިސާރޗް ދާއިރާއިން ތަޖުރިބާ މަދު ދުވަސްވަރެއްގައި، މި ދާއިރާއަށް ޝައުގު އުފައްދަވައި ފާޅުކުރެއްވުމަށް، ހަސަން މަނިކު ވަރަށް އަގުހުރި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވޭ. މެރިން ރިސަރޗް ސެކްޝަން ވުޖޫދަށް އައުމާއިއެކު، ދިރާސާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށް، ބައިނަލްއަޤްވާމީ ތަފާތު އިންސްޓިޓިއުޝަންތަކާއި ގުޅިގެން މަސައްކަތްތައް ކުރަން ފެށުނު. ރާއްޖޭގެ ކަނޑުގެ ދިރުންތައް ކެޓަލޮގް ކުރަން ފެށުމާއި، ރާއްޖޭގެ ކަނޑުގެ ދިރުން ދައްކުވައިދޭ، މިއުޒިއަމެއް މެރިން ރިސަރޗް ސެންޓާރުގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވުނީ ހަސަން ގެ އިސްނެންގެވުމުން. ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދަމަހައްޓާ ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމުގެ ދުރުވިސްނުމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނދުގެ ވަޞީލަތްތަކާ ކަނޑުގެ ސަރަހައްދުތަކެއް ހިމާޔަތްކުރެވުނު. 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައި، މުރަކައާއި ގަލުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓްކުރުން މަނާކުރެވިގެންދިޔައީ ޙަސަންގެ މޭސްތިރިކަމުގެ ދަށުން.

ރާއްޖޭގެ މަސްވެރިކަން ފުޅާކުރުމުގައިވެސް ހަސަންގެ ހިއްސާ ވަރަށް ބޮޑު. ދިވެހީން ޒަމާނުއްސުރެ ދޮށީގެ މަސްވެރިކަންކުރަން ބޭނުންކުރަމުން ދިޔަ ދޯނީ ގެ ފަރުމާއަށް ބަދަލުގެނެސް އާ ޖީލެއްގެ މަސްދޯންޏެއް ފަރުމާކުރުމުގެ މަސްރޫޢުގެ މަސައްކަތުގައި ހަސަން ފުރިހަމައަށް ބައިވެރިވެވަޑައިގެންނެވި. މަސްވެރިންގެ އަތުން މަސްގަތުމަށް ތަރައްޤީ ކުރެވުނު ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އައި ސިނާއީ ބަދަލުތަކަކީ، ހަސަން ގެ ބުރަ މަސައްކަތުގެ ނަތީޖާ. ރާއްޖޭގައި ލަންޑަން ޖީ.ސީ.އޯ. އޯލެވެލް ފެންވަރަށް ކިޔަވާ މާއްދާއެއްގޮތުގައި "ފިޝަރީޒް ސައިންސް" ކިޔަވައިދިނުމަށް މަންހަޖު އެކުލަވާލުމުގެ މަސައްކަތުގައި ހަސަން ބައިވެރިވެވަޑައިގެންފައިވޭ.

ކަނޑުތަކުގެ ދިރާސާކުރުމުގެ ތަފާތު ރޮނގުތަކުން މީހުން ބިނާކޮށް، ރާއްޖެ މެރިން ރިސާރޗް ދާއިރާއަށް ތަރައްޤީކުރުމަކީ ޙަސަން ދެކެވަޑައިގަތް ފޮނި ހުވަފެނެއް. މިގޮތުން މެރިން ރިސާޗްގެ ދާއިރާއިން ތަޢުލީމު ހާޞިލްކުރުމުގެ ފުރުސަތުތައް ގިނަ ޒުވާނުންތަކަކަށް ހޯދާދެއްވިކަން އުފަލާ އެކު ދަންނަވަން. އަދި މީގެތެރޭން ގިނަ ބޭފުޅުންނަކީ މިހާރުވެސް، ގުޅުންހުރި ދާއިރަތަކުގައި ހަރަކާތްތެރިވާ ފުންނާބު އުސްބޭފުޅުންކަންވެސް ފާހަގަ ކުރަން. އަލްމަރުޙޫމް މައިޒާން ހަސަންމަނިކަކީ ވަރަށް ގިނަ ބޭފުޅުންނާއިވެސް ހާއްސަގޮތަކުން ގުޅިފައިވ ސާދާ މިޒާޖެއްގެ ބޭފުޅެއް. މަަސައްކަތުގައި ކިތަންމެ ކަންބޮޑުވިޔަސް، ނުވަތަ ކަންބޮޑުވުންތައް ހުރިކަމުގައި ވިއަސް، ސަކަރާތް ޖެހުމަކީ ހަސަން ވަރަށް ކުރައްވާކަމެއް. މިކަން އަޅުގަނޑެކޭ އެއްފަދައިން ތިޔަ އެންމެ ބޭފުޅުންވެސް ރަނގަޅަށް އެގިވަޑައިގަންނަވާނެ. އަދި މަރުޙޫމް މައިޒާން ހަސަން އަކީ ޒުވާނުންނާއި އަންެހެނުން މިދާއިރާގައި މަސައްކަތްކުރުމަށް ފުރުޞަތު ހޯއްދަވައިދެއްވާ މަސައްކަތުގައި ދެމިހުރުމަށް ހިތްވަރުދެއްވި ބޭފުޅެއް.

މިއަދު އަޅުގަނޑަށްވެސް ލިބޭ އެންމެ ބޮޑު އުފަލަކީ މަރުހޫމް މައިޒާން ހަސަންމަނިކުގެ ހުވަފެންތަކުގައި ކުލަޖެހެމުންދާތަން ފެނުން. މެރިން ރިސާރޗް ސެކްޝަނުގައި މަރުޙޫމް ހަސަންގެ އަރިހުގައި މަސައްކަތްކޮށް މިއަދުވެސް މެރިން ރިސާޗް މަސައްކަތުގައި ދެމިހުންނެވި، ހަސަން ޝަކީލް މިފޮތަށް ލިޔުއްވި ލިޔުއްވުމުގައި އެކަން ފާހަގަކޮށް ސިފަކުރައްވާފައިވަނީ "ކުލަޖެހެމުންދާ ހުވަފެންތަކެއް" ގެ ގޮތިގައެވެ.

ކުޑަގޮތަކަށް ފެށިގެން އައި މެރިން ރިސަރޗް ގެ މަސައްކަތްތައް ފުޅާވެ، މިނިސްޓްރީގެ ސެކްޝަނަކުން ސެންޓަރަކަށް ބަދަލުވެ، މިއަދުމިވަނީ އިންސްޓިޓިޔުޓެއްގެ ހައިސިއްޔަތުލިބިފަ. މެރިން ރިސަރޗް ސެންޓަރަށް އިންސްޓިޓިޔުޓެއްގެ ދަރަޖަލިބުމާއި އަދި މޭންޑޭޓް ފުޅާކޮށް މަސައްކަތްކުރުމުގެ ފުރުޞަތުލިބިގެންދިޔައީ އަދުގެ ސަރުކާރުގެ ވަރަށް ފުރިހަމައެހިތެރިކަމާއި އެއްބާރުލުން ލިބިގެން. އެކަން ފާހަގަކޮށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙްއަށް ނުހަނު އިޙަލާސްތެރިކަމާއެކު ޝުކުރުދަންނަވަން.

މިކުރިއެރުންތަކާއެކު، މިއަދު ފެންވަރު ރަނގަޅު ސައިންޓިފިކް ލިޔުންތައް ރާއްޖޭގެ މަޖައްލާތަކުގައާއި، ބައިނަލްއަޤްވާމީ ސައިންޓިފިކް ޖާރނަލްތަކުގައި ޝާއިޢުކުރެވެން ފަށައިފި. ކަނޑުގެ ވަސީލަތްތައް މެނޭޖްކުރުމުގައި ސައިންޓިފިކް މައުލޫމާތު ބޭނުންކުރުމާއި އެ މައުލޫމާތުގެ އަލީގައި، މަސްވެރި ވަސީލަތްތަކާއި މާހައުލީ ނިޒާމު ދެމެހެއްޓުމަށް ސަރަހައްދިތައް ހިމާޔަތްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ރާއްޖޭގައި މެރިކަލްޗަރ ދިރާސާތައް ފުޅާވެ، މެރިކަލްޗަރ އުފެއްދުންތައް އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ފެށިއްޖެ. މިދަންނަވާލެވުނީ މަރުޙޫމް މައިޒާން ހަސަންމަނިކުގެ ހުވަފެންތައް ހަގީގަތަކަށް ބަދަލުވެފައިވާ މިންވަރު.

އަޅުގަނޑު މިފިޔަވަޅުމަތީހުރެ، މެރިން ރިސަރޗް މަސައްކަތްތަކުގައި އަޅުގަނޑުމެންނާއިއެކު ކުރިން މަސައްކަތްކުރެއްވި އަދި މިހާރުވެސް މި މަސައްކަތުގައި ދެމިތިއްބެވި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސަރޗް އިންސްޓިޓިޔުޓްގެ ހުރިހާ މުވައްޒަފުންނަށް އިޖްމާލީގޮތެއްގައި ޝުކުރުދަންނަވަން. ސަރުކާރާއި ބައިނަލްއަޤްވާމީ މުވައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުން އަޅުގަނޑުމެންނަށް ލިބެމުންދާ އެހީތެރިކަމާއި އެއްބަރުލަމަށް އެފަރާތްތަކަށްވެސް ޝުކުރުދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ، އަލްމަރުޙޫމް މައިޒާން ހަސަން މަނިކުގެ ހަނދާނުގައި ފޮތެއް އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކޮށްދެއްވި އަލްފާޞިލް ޖާދުﷲ ޖަމީލަށާއި އަރިހުގައި މަސައްކަތްކުރެއްވި ހީވާގި ޓީމަށް ފަށްފަށުން ޝުކުރުދަންނަވަމުން. އަދި، މި ފޮތުގައި ލިޔުންތައް ލިޔުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަން.

މިހަފްލާ ޝަރަފުވެރިކޮށްދެއްވީތީ، ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ، އިޙްލާސްތެރިކަމާއެކު ޝުކުރުދަންނަވަން.

މިހަފްލާގައި ބައިވެިރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ޝުކުރުދަންނަވަން.
ވައްސަލާމްޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު!

ލިޔެކިޔުން