Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ތަޤްރީރު މިއަހަރުގެ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ ޒަހާ ވަހީދު ދެއްވި ޚިޠާބު 2020

މަސްވެރިންގެ ފޯރަމް 2020 : މިނިސްޓަރގެ ޚިތާބު




بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ކަނޑާއި ކަނޑުވެށީގެ އެންމެހައި ދިރުންތަކާއި އެހެނިހެން ނިޢުމަތްތައް ލެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަން. މި ނިޢުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އެންމެ ރިވެތި ނަމޫނާ ދެއްކެވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މިދުޢާގައި އެކަލޭގަފާނުގެ އިތުރު އާލުންނާއި މިތުރު ސަޙާބީން ޝާމިލްކުރަން.

މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިން، ލޮބުވެތި މަސްވެރިންނާއި އޮޑިވެރިން، ކަމާގުޅޭ އިދާރާތަކުގެ ބައިވެރިން، މަސްވެރިންގެ ފޯރަމްގެ އެންމެހައި ބައިވެރިން. އައްސަލާމް އަލައިކުމް. 40 ވަނަ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް އަރިސްކުރަން.

މަސްވެރިކަމަކީ ޒަމާނުއްސުރެ، ދިވެހިންގެ ދިރިއުޅުމާއި، ކެއިންބުއިމާއި، އާމްދަނީ އާއި، ޤައުމުގެ ކެރިފޯރުންތެރިކަން އެ މަސައްކަތެއްގެ މައްޗަށް ބިނާވެފައިވާ ޤައުމީ އިޤުތިޞާދުގެ މައިގަނޑު އެއް ތަނބު. މިކަން މިހެން އޮތް އިރު، މަސްވެރިން ކުރައްވާ މަސައްކަތުގައި ގިނަ ގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން އަޅުގަނޑު ގަބޫލުކުރަން. މަސްވެރިންގެ ދުވަހާ ގުޅިގެން މި ފޯރަމް ބޭއްވުމުގެ މަޤްސަދަކީ މި ސިނާޢަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކުރުމާއެކު، މިސިނާޢަތާ ގުޅުންހުރި އެކިއެކި ކަންކަމާގުޅޭ މައުލޫމާތު ފޯރުކޮށްދިނުން.

މި ފަދަ ފޯރަމްތަކުގައި ހިއްސާ ކުރައްވާ ޚިޔާލާއި، ކަންބޮޑުވުންތަކާއި ހުށަހަޅުއްވާ ހުށެހެޅުންތައް ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ރިޢާޔަތްކުރެވޭނޭކަމުގެ ޔަގީންކަން ފޯރަމް ގެ ބައިވެރިންނަށް އަރުވަން.

މި ފޯރަމްގައި މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާއި، އިންޑިޔާކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާ ގުޅޭ ގޮތުންނާއި، ކަނދުފަތީގެ މަސްވެރިކަން ފުޅާކުރުމާއި، މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމާގުޅޭ ގޮތުންވެސް މަޝްވަރާކުރެވިގެންދާނެ.

2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފާސްކުރެވުނު އައު މަސްވެރިކަމުގެ ޤާނޫނު އައުމާ ގުޅިގެން މިވަނީ، ޤާނޫނީ އޮނިގަނޑަށް ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައި. މިއީ މަސްވެރިންނާއި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހައްޤުތައް ރައްކައުތެރިކޮށްދިނުމަށާއި، މި ސިނާޢަތް ރާވައި، ހިންގައި ބެލެހެއްޓުމުގައި ތިޔަ ބޭފުޅުންގެ ބައިވެރިވުން ޔަޤީންކޮށްދިނުމަށް އެޅުނު މުހިއްމު ބިންގަލެއް. މީގެ އިތުރުންވެސް ކަނޑުވެށިން ލިބޭ ޤުދުރަތީ މުއްސަނދިކަން މުސްތަޤުބަލުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭންތަކެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު މިދަނީ ކުރެވެމުން. މިއީ ޤާނޫނީ ބާރު ލިބިގެން، ވަށައި ޖެހޭ ނިޒާމެއްގެ ދަށުން، ދިވެހި ރާއްޖޭގައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކެއް އެކުލަވާލެވުނު ފުރަތަމަ ފަހަރުކަންވެސް މިފުރުސަތުގައި ފާހަގަކޮށްލަން.

ދިވެހިރާއްޖޭގައި ތައްޔާރުކުރާ ހިކިކަނޑުމަހުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ހިކަނޑުމަސް ތައްޔާރުކުރުމުގެ ޤަވާއިދާއި މިންގަނޑު ގެ ދެލިކޮޕީއެއް ހުށައަޅާ ތިޔަބޭފުޅުންގެ މަޝްވަރާއަށް ހުޅުވާލެވޭނެ. މިޤަވާއިދާއި މިންގަނޑު ފާސްކޮށް ތަންފީޒުކުރަން ފެށުމުން، ހިކިކަނޑުމަސްތައްޔާކުރާފަރާތްތަކަށާއި ބޭނުންކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް އޭގެ ފުރިހަމަ ނަފާ ލިބިގެންދާނެކަމަށް އުއްމީދުކުރަން.

ވޭތުވެދިޔަ ގިނަ އަހަރުތަކުގައި މަސްވެރިންގެ ދުވަސް އަޅުގަނޑުމެން ފާހގަކުރަމުން ދިޔައީ މަސްވެރިންގެ ޢީދެއްގޮތުގައި، އަތޮޅުތެރޭ ތިޔަބޭފުޅުންގެ މެހްމާންދާރީގައި. އަޅުގަނޑުމެންނަށް މިއަހަރު، މިގޮތަށް ހާލަތު ނިޔާކުރުމުން، އެފަޅުކަން އިހްސާސްކުރެވޭ. ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ހާލަތުގައި، އެހެން އަހަރުތަކޭ އެއްފަދައިން އެއްތަނެއްގައި ތިބެގެން މަޝްވަރާކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ނުލިބުނުކަމުގައި ވިޔަސް، އަޅުގަނޑު އެދެނީ މިއަދު މި ބޭއްވޭ ފޯރަމުގައި ތިޔަބޭފުޅުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ހިއްސާކުރައްވައި، ތިޔަ ހުރިހާ ބޭފުޅުންވެސް މިނިވަންކަމާއެކު ޝުޢޫރު ފާޅުކުރައްވައި، އަދި މަޝްވަރާކުރެއްވުން. މިއަހަރަކީ އަޅުގަނޑުމެން ހީވެސް ނުކުރާހާ ގަދަ ކަނޑެއްގައި ދަތުރުކުރަން ޖެހުނު އަހަރެއް. އެކަމަކު، ކިތަންމެ ގަދަ ކަނޑެއްވެސް ދިވެހި މަސްވެރިންނަށް ހެޔޮވަރުކަން އަޅުގަނޑުމެންނަށް ދައްކައިދީފި. ނަގާ ރާޅަކަށް، ދެމޭ އޮޔަކަށް ނުބަލައި، މަސްބާނާނެކަން ދައްކައިދީފި. މަސްވެރިން ގައުމުގެ އިގުތިޞާދު ނަގަހައްޓައިދިނުމުގައި ހިތްވަރާއެކު ދެމިތިބޭނެކަން ސާބިތުކޮށްދީފި. އެކަމަށްޓަކައި ދިވެހި މަސްވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

އަޅުގަނޑުގެ ވާހަކަ ކުރުކޮށްލުމުގެކުރިން، ތިޔަހުރިހާ ބޭފުޅުންގެ މަސައްކަތުގެ ތާވަލުން މަސްވެރިކަމުގެ ފޯރަމަށް ވަގުތުހުސްކޮށްދެއްވާ، މި ފޯރަމް ގައި ބައިވެރިވަޑައިގެންދެއްވިކަމަށްޓަކައި ޝުކުރުދަންނަވަން. މި ފޯރަމް އިންތިޒާމުކުރުމުގައި، މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރުދަންނަވަން.

އަޅުގަނޑު ގެ ދުޢާއަކީ، ކަނޑުރޯދީގެ ނަފާ ދިގު މުއްދަތަކަށް ދިވެހިންނަށް ލިއްބައިދުނުމަށް އަޅުގަނޑުމެން ގުޅިގެންމިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން.

މާތް ﷲ ގެ ހަޒަރަތުން ވާގި އެދޭ ހާލު، އަޅުގަނޑު މަސްވެެރިންގެ ފޯރަމް ހުޅުވުމުގެ ޝަރަފް ލިބިގަންނަން. ވައްސަލާމް އަލައިކުމް.

ލިޔެކިޔުން