Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ޚާއްޞަ ޑިޖިޓަލް ފޯރަމް އާބެހޭ

-
މިހިނގާ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލް ޖުމްޙޫރިއްޔާ އޮނަރަބަލް އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވާފައެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" މިޝިޢާރެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިންގެ ފޯރަމް މިއަދުގެ 9:30 އިން ފެށިގެން ކުރިއަށް އެބަދެއެވެ. ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދަނޑުވެރިންނަށާއި އާންމުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދާ މި ފޯރަމްގައި ދަނޑުވެރި ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ދަނޑުވެރިންގެ މަންދޫބުންނާއި، ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ފަޅުރަށްތަކުގެ މަންދޫބުން އަދި ދަނޑުވެރިކަމާ ގުޅުންހުރި ދައުލަތުގެ އެކި މުޢައްސަސާތަކާއި ދަނޑުވެރި ކޯޕަރޭޓިވްސްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކުމުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުން ޖުމްލަ 45 ފަރާތަކުން ބައިވެރިވެފައިވޭ.

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި އަލަށް އުފައްދާފައިވާ ޕެސްޓިސައިޑް ޤާނޫނާއި ޤަވާޢިދުތަކުން ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް އަންނާނެ ބަދަލުތަކާއި، މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދޭ އާންމު ޚިދުމަތްތަކާއި، ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޙަރަކާތްތަކާއި މަޝްރޫޢުތަކުގެ އިތުރުން މިއަހަރު ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ސަރުކާރުގެ %100 ޙިއްސާވާ ކުންފުނި، އެގްރޯ ނެޝަނަލް ކޯޕަރޭޝަންއިން ދަނޑުވެރިންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ޙިއްޞާކޮށް، އެޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ފޯރަމްގެ ބައިވެރިންގެ ޚިޔާލު ހޯދާ މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ޙަރަކާތްތަކެއް ހިންގަމުންނެވެ. މި ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ އޮންލައިން ސިލްސިލާ ޕްރޮގްރާމް 5 އޮކްޓޯބަރ އިން 13 އޮކްޓޯބަރ އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އާންމުންނަށް ބައިވެރިވެވޭނެހެން މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް 13 އޮޚްޓޮބަރ އިން ފެށިގެން 15 އޮކްޓޯބަރ ގެ ނިޔަލަށް، ދުވަހާގުޅޭ ޚާއްޞަ ކުއިޒް މުބާރާތެއް މިހާރު ކުރިއަށް އެބަދެއެވެ. މީގެ އިތުރުން ދަނޑުވެރިންގެ ދުވަހު، ހއ. މޮޅަދޫ، ވަށަފަރު އަދި އުލިގަމުގައި ގަސްބެހުމުގެ ޙަރަކާތެއް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގެ ރުއްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ރުކުގެ އައު ޖީލެއް އުފެއްދުމަށް ބޭނުންވާނެ މުޑުވައް އުފެއްދުމަށް ޚާއްޞަކޮށްގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 100 ރުކުގެ ރުއް ދަނޑެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔެކިޔުން