Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު 2019 ވަނަ އަހަރުގެ އެންމެ ފަހު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ޅ. އޮޅުވެލިފުށީގައި ކުރިޔަށް ގެންދިއުން

2019 ވަނަ އަހަރުގެ އެންމެ ފަހު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ޅ. އޮޅުވެލިފުށީގައި ކުރިޔަށް ގެންދިއުން
2019 ވަނަ އަހަރު މި މިނިސްޓްރީން ކުރިޔަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ފަހު ޕްރޮގްރާމް މިހާރު ޅ. އޮޅުވެލިފުށީގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރޮގްރާމަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ޅ. އޮޅުވެލިފުށީގައި ކުރިއަށް ގެންދިއުމަށް އެކައުންސިލުން ކަނޑައަޅުއްވާފައިވާ ޕްރޮގްރާމެކެވެ. 22 ބައިވެރިންނާއެކު މިހާރު ކުރިއަށްދާ މިޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ މި މިނިސްޓްރީންނެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލުން އެދިވަޑައިގަންނަވާފައިވާ ފަދައިން މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނި ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ގޯތިތެރޭގައި ގަސްހައްދާނެ ގޮތާއި ގަސްގަހާގެއްސަށް އާންމުކޮށްޖެހޭ ބަލިތަކާއި ފަރުވާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާއި ބޭސްފަދަ ތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު 2020 ވަނަ އަހަރުން ފެށިގެން ރަށްރަށުގެ ތަރައްޤީއަށް ތަފާތު ޙަރަކާތްތައް ހިންގުމަށް ކައުންސިލްތަކަށް ޚާއްޞަ ބަޖެޓެއް ދެއްވުމަށް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. މިނިންމެވުމާއެކު މިދުވަސްވަރަކީ ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދުވަސްވަރުކަމަށްވުމުން ރަށުގެ ދަނޑުވެރިކަން ތަރައްޤީކުރެއްވުމަށް ބޭނުންވާ ތަފާތު ޙަރަކާތްތައް ކައުންސިލްތަކުން ބަޖެޓުގައި ހިމަނުއްވަމުން ގެންދަވާނެކަމަށް މި މިނިސްޓްރީން އުންމީދު ކުރަމެވެ. ރަށްރަށުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިންގެވުމަށް ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގައި މި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ފޯރުކޮށްދެވޭނެއެވެ. 2020 ވަނަ އަހަރު މި މިނިސްޓްރީން ހިންގާނެ ޙަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވާލުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުންނެވެ. 2020 ވަނަ އަހަރު ރަށްރަށުގައި ހިންގެވުމަށް ރާއްވަވައި ދަނޑުވެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ބޭނުންފުޅުވެލައްވާނަމަ މި މިނިސްޓްރީގެ އަހަރީ މަސައްކަތު ތާވަލުގައި ހިމެނުމަށް އެ ޕްރޮގްރާމްތަކުގެ މައުލޫމާތު މި މިނިސްޓްރީއާއި ޙިއްޞާކުރައްވަމުން ގެންދެވުމަށް މި މިނިސްޓްރީން އިލްތިމާސްކުރަމެވެ.