Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޤާނޫނާއި ޤަވާޢިދާ ޚިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އީޔޫގެ ތަޢުރީފް

މިއީ މިމިޝަންގެ 4 ވަނަ ދަތުރު އީ.ޔޫގެ ވަފުދުން މިނިސްޓްރީއާއެކު ޓެކްނިކަލް އިވެލުއޭޝަންތަކެއް ކުރިއަށްގެންދިޔަ




ޔޫރަޕިއަން ޔޫނިއަންގެ ޑިރެކްޓަރ ޖެނެރަލް އޮފް މެރިޓައިމް އެފައަރޒް އެންޑް ފިޝަރީޒް (ޑީޖީ-މާރޭ) ގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިން ހުއްޓުވުމަށް މަސައްކަތްކުރާ ވަފުދު (އައި.ޔޫ.ޔޫ މިޝަން)ގެ ފަރާތުން ދިވެހިރާއްޖެއަށް މިމަހުގެ 23 އިން 25 އަށް ކުރި ދަތުރު ވަނީ ނިންމާލާފައެވެ. މިއީ، 2015 ވަނަ އަހަރުން ފެށިގެން އައި.ޔޫ.ޔޫ މިޝަން އިން ދިވެހިރާއްޖެއަށް ކުރި 4 ވަނަ ދަތުރެވެ.

މިމިޝަންގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއިން އެކުލަވާލާފައިވާ [ރެގިއުލޭޝަން ޓު ޑިޓަރ އެންޑް އެލިމިނޭޓް އިލީގަލް، އަންރިޕޯޓެޑް އަންރެގިއުލޭޓެޑް އަދި ފިޝިންގް] ގެ ދަށުން އެސަރަޙައްދަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ތަންފީޒުކުރުން ލާޒިމްކުރާ ކަންތައްތައް ފުރިހަމަކުރަމުން ދޭތޯ ބަލައި، އިތުރަށް ހަރުދަނާ ކުރަން ޖެހޭކަންތައްތައް ފާހަގަކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ.

އީ.ޔޫގެ ވަފުދުން މިނިސްޓްރީއާއެކު ކުރިއަށްގެންދިޔަ ޓެކްނިކަލް އިވެލުއޭޝަނަށްފަހު މިޝަންގެ ފަރާތުން ހުށަހެޅި ފައިނަލް ސްޓޭޓްމަންޓްގައި، ދިވެހިރާއްޖޭގައި ކުރެވެމުންދާ ތިމާވެއްޓާއި ރައްޓެހި ސާފު މަސްވެރިކަމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓިގެން އަދި ރިޕޯޓްކުރެވިގެން ކުރެވޭ (އައި.ޔޫ.ޔޫ ފްރީ) މަސްވެރިކަމަށް ހެދުމަށްޓަކައި ފާއިތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ތަޢުރީފު ކޮށްފައިވެއެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި މަސްވެރިކަމާއި ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލައި ހަރުދަނާކުރުމުގެ ގޮތުން ކޮށްފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކާއި، މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގެ ނިޒާމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތައް އަދި މަސްވެރިކަމުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ ޒަމާނީ ވަޞީލަތްތައް ވަފުދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން، މިކަންތައްތައް ދަމަހައްޓައި ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓާއި އިންސާނީ ވަސީލަތްތަކުން، ޕޮލިސީ ލެވަލްގައި މިކަންތައްތައް ތަންފީޒުކުރުމަށް ދޭ އަހައްމިޔަތުކަން ދޭހަވެގެންދާކަމުގައި ފާހަގަކޮށްފައިވެއެވެ. މަސްވެރިކަމުގެ އާ ޤާނޫނު މިސަރުކާރުގެ ފުރަތަމަ 12 މަސް ދުވަހުގެ ތެރޭގައި ވުޖޫދަށް ގެނައުން ފާހަގަކޮށް، ސިޔާސީ ގޮތުންވެސް މިކަމަށް ދީފައިވާ އަހައްމިއްޔަތު ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓްރީން ޤާނޫނާއި ގުޅޭގޮތުން އެކުލަވާލަމުންދާ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާގޮތާއި އެމަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިންވަރާއި މެދު ހިތްހަމަޖެހޭކަމަށް ވަފުދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މިމިޝަންގެ މަޝްވަރާތަކުގައި އަލިއަޅުވާލި މައިގަނޑު ކަންތައްތަކަކީ މަސްވެރިކަމުގެ ޤާނޫނީ ފްރޭމްވޯކް އެކުލަވާލުމުގައި މަސައްކަތް ގޮސްފައިވާ މިންވަރާއި، މަސްވެރިކަމުގެ ލައިސަންސް ދިނުމާއި، މަޢުލޫމާތު ރިޕޯޓްކޮށް ރިޕޯޓްކުރުމަށް އަދި ކެޗް ސެޓްފިކޭޓް ދިނުމަށްޓަކައި އެކުލަވާލާފައިވާ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް އިތުރަށް ތަރަޤީކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް އުޅަނދުފަހަރު އިންސްޕެކްޓްކުރުމަށް ޤައުމީ ޕްލޭނެއް އެކުލަވާލުމާއި ގުޅޭގޮތުން އަދި ޤަވާޢިދާ ޚިލާފަށް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ބަނދަރުތައް ތަފާތު ބޭނުންތަކަށް ބޭނުންކުރުން ހުއްޓުވުމަށް ބަނދަރުތަކުގައި އިތުރު ފިޔަވަޅުތައް އެޅުމާއި ގުޅޭގޮތުންނެވެ.