Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވޯރކްގެ ސައުތު އޭޝިއާ ސީ ރީޖަންގެ މަސައްކަތު ބައްދަލުވުން ރާއްޖޭގައި ފަށައިފި

ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވޯރކްގެ ސައުތު އޭޝިއާ ސީ ރީޖަންގެ މަސައްކަތު ބައްދަލުވުން ރާއްޖޭގައި ފަށައިފި
އިންޓަރނޭޝަނަލް ކޮރަލްރީފް އިނީޝިއެޓިވް (އިކްރީ) އާއި މޮނާކޯ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގ ނެޓްވާރކްގެ ދެކުނު އޭޝިއާގެ ފަރުތަކާއި ގުޅޭ މައުލޫމާތު ދިގުމުއްދަތަކަށް ނަގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ދެ ދުވަހުގެ ސަރަހައްދީ މަސައްކަތުބައްދަލުވުމެއް 28 ޖަނަވަރީ 2020 ގައި ފެށިއްޖެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ވޯރކްޝޮޕް ކުރިއަށްގެންދަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނެވެ. މި ވަރކްޝޮޕް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ. މިވޯރކްޝޮޕް ކުރިއަށްދަނީ މިމަހުގެ 28 ހުން 29، މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގް ގެ ކޮންފަރެންސް ހޯލްގައެވެ.

ދެދުވަހަށް ބޭއްވޭ މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 25 ބައިވެރިން ބައިވެރިވެލައްވައެވެ. މީގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ޖަޕާންގެ އިތުރުން ސައުތް އޭޝިއަން ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އިން ޖުމްލަ 7 މަންދޫބުންނާއި ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވޯރކްގެ ފެސިލިޓޭޓަރެއް ހިމެނިވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ޖުމްލަ 17 ބައިވެރިން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމަކީ އިކްރީގެ ފަރާތުން ދުނިޔޭގެ ފަރުތައް ނިސްބަތްވާ ސަރަހައްދުތަކުގެ މެދުގައި ސަރަހައްދީ ފެންވަރެއްގައި ފަރުތަކުގެ ހާލަތާއި ގުޅޭ މައުލޫމާތު އެކުލަވައިލުމަށް ބާއްވާ 7 ވަނަ މަސައްކަތު ބައްދަލުވުމެވެ. މި މަސައްކަތުބައްދަލުވުމުގައި އެއްކުރެވޭ ދެކުނު އޭޝިއާގެ ފަރުތަކުގެ މައުލޫމާތުތަކަކީ، "2020 ޖީ.ސީ.އާރ.އެމް.އެން ގްލޯބަލް ކޮރަލް ރީފް ސްޓޭޓަސް އެންޑް ޓްރެންޑްސް" ރިޕޯޓު އެކުލަވާލުމަށް ބޭނުންވާ މައުލޫމާތެވެ. މި ރިޕޯރޓް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 2020 ގައި ޕަލާއޯގައި ބޭއްވޭ "އޯޝަންސް ކޮންފަރަންސް" ގައެވެ. ދުނިޔޭގެ ފަރުތަކުގެ ހާލަތަށް އަލިއަޅުވާލާ ރިޕޯޓެއް އެންމެ ފަރުން ޝާއިޢުކުރެވިފައި ވަނީ 2008 ގައެވެ.

ދުނިޔޭގެ ފަރުތަކުގެ ހާލަތާއި ގުޅޭ މައުލޫމާތު އާންމު ވުން ވެގެން ދާނީ، ސައިންޓިފިކް މައުލޫމާތުގެ އަލީގައި، ކަނޑުތަކާއި ފަރުތަކާއި ގުޅޭ ސިޔާސަތުތައް އެކަށައެޅުމަށް ލިބޭ ބޮޑު އެހީއަކަށެވެ. އަދި މިފަދަ ރިޕޯރޓްތަކަށް ރިއާޔަތްކޮށް، ފަރުތައް އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކުރުން ވެގެން ދާނީ ރާއްޖެފަދަ، ފަރުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމުތަކަށް ނޫ އިޤްތިޞާދަކަށް ވާސިލުވުމަށް އެޅޭ ބާރަކަށެވެ. މިވޯރކްޝޮޕް ރާއްޖޭގައި މިބޭއްވެނީ ސަރަހައްދީ ފެންވަރުގައި ކަމާގުޅޭ ދާއިރާއިން ރާއްޖެ އިސްދައުރެއް އަދާކުރާކަމުގެ ހެއްކެކެވެ.

ނޯޓް: އިންޓަރނޭޝަނަލް ކޮރަލް ރީފް އިނީޝިއެޓިވް (އިކްރީ) އަކީ ދުނިޔޭގެ ފަރުތައް ހިމާޔަތްކޮށް، ފަރުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށް ބާރުއަޅާ ގައުމުތަކާއި ޖަމްއިއްޔާ ޖަމާޢައްތްތައް އެކުލެވޭ ނުރަސްމީ ޕާރޓްނަރޝިޕެކެވެ. އިކްރީ ވުޖޫދަށް އައީ 1994 ވަނަ އަހަރު އަށް ގައުމެއްގެ އެކުލެވޭ ގޮތަށެވެ. ފަރުތައް ހިމާޔަތްކުރުމާއި، ފަރުތަކުގެ ހާލަތާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމާއި، ފަރުތަކުގެ ވަސީލަތްތައް ދެމެހެއްޓުމަށް އިކްރީން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ގްލޯބަލް ކޮރަލް ރީފް މޮނިޓަރިނގް ނެޓްވަރކް (ޖީ.ސީ.އާރ.އެމް.އެން) އަކީ ފަރުތަކުގެ މާހައުލާއި ގުޅޭގޮތުން ލިބެން ހުރި ސައިންޓިފިކް މައުލޫމާތު އާންމުކޮށް، ސައިންސް ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ނެޓްވަރކެކެވެ. ސަހަރައްދީ ފެންވަރުގައި ފަރުތަކުގެ ހާލަތު ދެނެގަތުމަށް މޮނިޓަރ ކޮށް، މި މަސައްކަތުން ލިބޭ ޑޭޓާ އެކުލަވާލައި ރިޕޯރޓް ކުރުމަކީ ޖީ.ސީ.އާރ.އެމް.އެން ގެ މުހިންމު އެއް ދައުރެވެ.