Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ބ. މާޅޮހުގައި ކުރިއަށް ގެންދާ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުން

-
ގޯތި ތެރޭގައިވާ ހުސްބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ދަނޑުބިމުގެ ގޮތުގައި ބޭނުންކުރާ މިންވަރަށް އެކަށީގެންވާ ބިން ލިބެން ނެތް ރަށްރަށަށް ހައިޑްރޮޕޯނިކްސްގައި ދަނޑުވެރިކަން ކުރުމުގެ ނިޒާމް ތަޢާރަފްކުރުމުގެ މަސައްކަތް މިނިސްޓްރީން މިދަނީ ކުރަމުންނެވެ. މިއަހަރު ހައިޑްރޮޕޯނިކްސް ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ބ. މާޅޮހުގައެވެ. މިޕްރޮގްރާމްގެ ދަށުން ބ. މާޅޮހުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު މި މިނިސްޓްރީން މިހާރު ވަނީ ޤާއިމްކޮށްދީފައެވެ. އަދި ހައިޑްރޮޕޯނިސްގައި ގަސްހެއްދުމުގެ ތަމްރީން ޕްރޮގްރާމެއް ބ. މާޅޮހުގައި ވަނީ ހިންގާ ދެވިފައެވެ. މި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 20 ފަރާތުން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ޤާއިމްކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔުކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ވަނީ ޤާއިމްކޮށްދީފައެވެ. ފަތްޕިލާވެލި އިންދުމަށް ޚާއްޞަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިޔުކަންބާއާއި މެލަން ހެއްދުމަށް ޚާއްޞަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެއެވެ.
މިޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދު އެވެ. ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބ. މާޅޮހުގައި މިނިސްޓްރީން ކުރިއަށް ގެންދިޔަ 1 ދުވަހުގެ އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވި މެހުމާނުން ވަނީ ހައިޑްރޮޕޯނިކްސް ޕްރޮގްރާމްގެ ދަށުން އުފައްދާފައިވާ ބާވަތްތައް ފުރަތަމަ ފަހަރަށް ހާވެސްޓްކޮށްދެއްވާ ސިސްޓަމްތަކުގައި އަލުން ގަސް އިންދަވާދެއްވާފައެވެ. އުފައްދާ ތަކެތި މާކެޓް ކުރުމުގައި ދަތިތައް ދިމާވުމަކީ ނުވަތަ މާކެޓް ކުރުމަށް ހުރި ފުރުޞަތުތައް ނޭނގުމަކީ ދަނޑުވެރި އުފެއްދުންތައް އުފައްދާ ފަރާތްތަކުން މިހާރުވެސް ތަޖުރިބާ ކުރަމުން އަންނަ ކަމަކަށްވުމާއެކު ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބ. މާޅޮހުގައި ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ހައިޑްރޮޕޯނިކްސް މަސައްކަތް ކުރައްވާ ފަރާތްތަކާއި ބ. އަތޮޅުގައި އޮޕަރޭޓްކުރަމުން ގެންދާ ބައެއް ރިސޯޓްތަކާއި މާޅޮހުގެ ގެސްޓްހައުސްތަކުން ތަރުކާރީގެ ބާވަތްތައް ބައްލަވައިގަންނަވާ ފަރާތްތަކާއި އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެވޭނެ މާޙައުލެއް ތަނަވަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީއަށް ޤަބޫލުކުރެވޭތީ އެފަދަ ބައްދަލުވުމެއް މިއިވެންޓުގައި ވަނީ ހިމަނާފައެވެ.