ޤަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާއި ބެހޭ ގަވާއިދު ތަންފީޒުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސްއާއި މޯލްޑިވިސް ކަސްޓަމްސް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ޤަވާއިދު ނަންބަރު R-4/2020، (ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން (އިލީގަލް އަންރެގިޔުލޭޓެޑް އެންޑް އަންރިޕޯޓެޑް ފިޝިންގ) ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ޤަވާއިދު) ގައި ކަނޑައަޅާފައިވާ ކަންތައްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަށް ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމެވެ.
ހަވާލާދީފައިވާ ގަވާއިދުގެ ދަށުން، މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށްވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، މަސްއުފުލާ ކުރިއަރު ނުވަތަ [ރީފަރ ވެސަލް] ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، އަދި މިގޮތުން އަޅާފިޔަވަޅުތަކުގެ ސަބަބުން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ދިވެހިރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެން ދާނެއެވެ.
މިއެމް.އޯ.ޔޫގެ ދަށުން މިނިސްޓްރީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެއްބަސްވާ މައިގަނޑު ކަންތައްތަކަކީ، ގަވާއިދުގެ ދަށުން ރާއްޖޭގައި ބަނދަރުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމާއި، ބޭރުގެ މަސްބަރުކުރާ ކެރިއަރުތަކަށް މަސްބަރުކުރުމަށް ރާއްޖޭގެ ޕޯޓްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނިޓަރކުރުމުގައާއި، އިންސްޕެކްޝަން އޮފިސަރުންންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމާއި ކަމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ދެއިދާރާއިން ގުޅިގެން މަސައްކަތްކުރުމެވެ.