ދަނޑުވެރިކަމުގެ މަޢުލޫމާތު ވީހާވެސް ކައިރިން ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށްޓަކައި ކަމުގެ ފަންނީ މީހުން ބިނާކުރުމަށް މިމިނިސްޓްރީން ހިންގަމުން ގެންދާ ތަފާތު ޕްރޮގްރާމް ތަކުގެ ތެރެއިން އެކި ރަށްރަށުގައި ޤާއިމްވެ ތިބޭނެ ފީލްޑް އޮފިސަރުން ތަމްރީން ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިގޮތުން ހިންގި ފުރަތަމަ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު އިންޑިޔާގެ ޓަމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީގައެވެ. 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ބައިވެރިންނާ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދު އާއި ޔުނިވާސަލް ފައުންޑޭޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެވުމުގައި ކޯހާއި ގުޅޭ ކުރު ޕްރެޒެންޓޭޝަނެއް ބައިވެރިންގެ ފަރާތުން ވަނީ ހުށަހަޅާދެއްވާފައެވެ. މިކޯހަކީ ގިނަ އަދަދެއްގެ ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތަކުގެ އިތުރުން ތަޖުރިބާ ދަތުރުތަކުން މުއްސަނދިވެފައިވާ ކޯހެއްކަން މިޕްރެޒެންޓޭޝަނުން އެނގިގެން ދިޔައެވެ. ކޯސް ނިމިގެންދިޔައިރު ބައިވެރިން ވަނީ ދިވެހި ދަނޑުވެރިން އާންމުކޮށް ތަޖުރިބާ ކުރަމުން އަންނަ ތަފާތު ބަލިތައް ތިމާވެއްޓާއި ރައްޓެހި އުކުޅުތަށް ބޭނުންކޮށްގެން ކޮންޓްރޯލް ކުރަން ދަސްކޮށްފައެވެ. އަދި ހަމައެއާއެކު ދަނޑުވެރި ރަށްރަށުގެ ފެންފަށަލައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް، އެންމެ އެކަށީގެންވާ ގޮތެއްގައި ފެނުގެ ވަޞީލަތް މެނޭޖްކޮށް ބަލަހައްޓާނެ ގޮތްތަކާއި، ފަސް ގަނޑުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ޤައުމެއްގެ ދަނޑުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަވާނެހެން މަސައްކަތްތައް ބައްޓަން ކުރާނެ އުކުޅުތައް ބައިވެރިން ވަނީ ވަރަށް ރަނގަޅަށް ދަސްކޮށްފައެވެ.
މިބައްދަލުވުމުގައި ބައިވެރިންނާއި މުޚާތަބުކޮށް މިނިސްޓަރ ދެއްކެވި ވާކަފުޅުގައި މިކޯހަކީ އިންޑިޔާގެ އުނިވާސިޓީއެއްގައި ފުރިހަމަކުރި ކޯހެއް ކަމުގައިވިޔަސް، ކޯހުގައި ކިޔަވާދެއްވި މައިގަނޑު ބައިތައް ބައްޓަންކޮށްފައިވަނީ ދިވެހި ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް މިނިސްޓްރީގެ ޢިލްމީ އަދި ފަންނީ މުވައްޒަފުންގެ ލަފާގެ މަތިންކަން ފާހަގަ ކުރެއްވިއެވެ. އަދި މިއީ ސެޓްފިކެޓް ލެވެލް ކޯހެއް ނަމަވެސް ކޯހުގައި ކިޔަވާދެއްވާފައިވަނީ ކޮންމެ ދާއިރާއަކުންވެސް ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ އިންޑިޔާގެ ފުންނާބު އުސް މާހިރުން ކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ކޯހުގެ ބައިވެރިން ފުރުމުގެ ކުރިން ބައިވެރިންނާ ބައްދަލު ކުރައްވާ ކޯހުގެ ބައިވެރިންގެ ފަރާތުން މިނިސްޓަރ އެދިވަޑައިގެންނެވި އެދުން މިނިސްޓަރ ވަނީ ތަކުރާރު ކުރައްވާފައެވެ. އެއީ މިކޯހުން ލިބުނު މައުލޫމާތާއި ހުނަރުގެ ބޭނުން ފުރިހަމަޔަށް ހިފައިގެން ދަނޑުވެރިންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކައިދީ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ދެއްވުމެވެ.
މިކޯހަކީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޯހެކެވެ. މިނިސްޓަރ ވަނީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް އެ ފައުންޑޭޝަންގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު އުމަރު މަނިކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯހުގެ ބައިވެރިންނަށް އެ ފައުންޑޭޝަންއިން ކުރެއްވީ ބޭކާރު ޚަރަދަކަށް ވިޔަ ނުދެއްވާނެ ކަމަށާއި މިނިސްޓްރީން ހިންގާ އެކި ޕްރޮގްރާމްތަކުގައި އެކުދިންގެ ބޭނުން ހިފަމުން ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ މިއަދު ވަނީ ދެއްވާފައެވެ. ހަމަ އެފަދައިން މިއަދު ކޯސް ފުރިހަމަކޮށް ރާއްޖެ އައިސް ކައުންސިލްތަކާއި ގުޅިވަޑައިގަންނަވާ، ނުވަތަ ރަށްރަށަށް އެނބުރި ވަޑައިގަންނަވާ ކުދިންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިއްޕެވުމަށާއި އެކުދިންނާއި ދަނޑުވެރިން ގުޅުވައިދިނުމަށް ކައުންސިލްތަކަށް މިނިސްޓަރ ވަނީ ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ.
މިކޯހުގައި މިނިސްޓްރީގެ މުވައްޒަފަކާއި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދު، ގއ. މާމެންދޫ އަދި ފުވައްމުލަކުން ޖުމްލަ 6 ބޭފަކު ބައިވެރިވެ ވަޑައިގަންނަވައެވެ. ކޯހުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޔުނިވާސިޓީއަށް ކުރަންޖެހޭ އެންމެހާ ޚަރަދުތައް ކުރައްވާފައިވަނީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުންނެވެ.