Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅޭ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅޭ


ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ރައްޔިތުން މަޖިލީހުގެ އަޤުލަބިއްޔަތުން މިއަދު ފާސްކޮށް ބިލު ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް ފޮނުއްވާފައިވާތީވެ، އެކަމަށް މިމިނިސްޓްރީގެ ފަރާތުން މަރުހާބާ ކިޔަމެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްވެގެންއެދިޔަ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު މިއަދު ތަރައްޤީވެފައި އޮތް މިންވަރުން، އަދި ބޭރުގެ ބާޒާރުތަކަށް މިސިނާޢާތު ބަރޯސާވެފައިވާ މިންވަރުން، މަސްވެރިކަން ރާވާ، ހިންގާ އަދި ބެލެހެއްޓުމުގެ އޮނިގަނޑު ބަދަލުކޮށް ޒަމާނީކުރުމަށްޓަކައި، ކޮންމެހެން ލާޒިމުވެފައިވާ ބަދަލުތަކެކެވެ. މިހާރު އަމަލުކުރަމުންދާ [ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު] އަކީ 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ތަސްދީޤުކޮށްފައިވާ ޤާނޫނެކެވެ. މިޤާނޫނަކީ އެދުވަސްވަރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހާލަތަށް ރިޢާޔަތްކޮށް ފަރުމާކުރެވިފައި އޮތް ޤާނޫނެކެވެ. އެހެންކަމުން، މިއަދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީވެފައިވާ މިންވަރުން އަދި އައިސްފައިވާ ހިސާބުން ފުރިހަމަކުރަންޖެހާ ގިނަ ކަންކަން ފުރިހަމަކުރަމަށް މިޤާނޫނުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ޤާނޫނާއި ގަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއްނެތިކުރާ މަސްވެރިކަން (އައި.ޔޫ.ޔޫ ފިޝިންގ) ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ހުރުމަކީ، މަސްވެރި ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގައި ބާނާ މަސް އެތެރެކުރާ ފަރާތްތަކުން ދިވެހިރާއްޖެއިން މިފަދަ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ޤަބޫލުކުރެއެވެ. އަދި މިހާރު އަމަލުކުރަމުންދާ ޤާނޫނު އޮތްގޮތުން، މިފަދަ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއަށްހުރި ދަތިތައް ފާހަގަކޮށް މަސްވެރިކަމުގެ ޤާނޫނު އިސްލާޙުކުރުމަށް އެފަރާތްތަކުން އިލްތިމާސްކުރަމުން ގޮސްފައިވެއެވެ. އެހެންކަމުން، މިއަދު ފާސްކުރެވިގެން ދިޔަ ބިލާއެކު މިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަޙައްދަށްވަދެ ބޭރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން ވަގަށް މަސްވެރިކަންކުރުމުގެ މައްސަލައަކީ ދިވެހި މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މިފަދަ އުޅަނދުފަހަރު ފާއިތުވެދިޔަ ތަނުގައި އާއްމުކޮށް ދޫވެގެން ގޮސްފައިވަނީ، ޤާނޫނީ މައްސަލަތަކުގެ ތެރެއިންނެވެ. މިބިލުގެ ސަބަބުން، މިފަދަ އުޅަނދުފަހަރާއިމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއަދު މަޖިލީހުން ފާސްކުރެވިގެންދިޔަ ބިލަކީ ގިނަ ދުވަސްތަކެއްގެ މަތިން، ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ފަރުމާކޮށްފައިވާ ބިލެކެވެ. މިއީ، ދުނިޔޭގެ ކާބޯތަކެތީގެ ޖަމުޢިއްޔާއާއި، މިމިނިސްޓްރީގެ ފަންނީ މުވައްޒަފުން އަދި އެޓަރނީ ޖެނެރަލް އޮފީހުގެ ބޮޑު އެހީތެރިކަމަކާއެކު ފަރުމާކުރެވިފައިވާ ބިލެކެވެ. އެހެންކަމުން، މިފުރުޞަތުގައި އެހުރިހާ ފަރާތްތަކަށް، އަދި ބިލަށް މަޝްވަރާދެއްވި ދަޢުލަތުގެ އެކިއެކި މުއައްސަސާތަކާއި ވުޒާރާތަކުގެ އެންމެހާ ފަރާތްތަކަށާއި، މިބިލު ފާސްކޮށްދެއްވުމުގައި އަގުހުރި މަސައްކަތްތައް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ޝުކުރު ދަންނަވަމެވެ. އަދި ބިލުގެ މަސައްކަތް ހަލުވިކޮށް ދަޢުލަތުގެ އެކިއެކި މުއައްސަސާތަކުގެ އެއްބާރުލުމާއެކު ކުރު މުއްދަތެއްގެ ތެރޭގައި މިބިލު މަޖިލީހަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކޮށްދެއްވި މަސައްކަތްޕުޅަށް އިޙުލާސްތެރިކަމާއެކު ޝުކުރު ދަންނަވެމެވެ.