Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ހުއިފިލަނޑާގެ ބައިނަލްއަޤްވާމީ ވިޔަފާރިއަށް އަންނަ ބަދަލާއި ގުޅިގެން ހުއިފިލަނޑާ ވިޔަފާރިވެރިންނަށް އަމާޒުކޮށް ބާއްވާ މަސައްކަތު ބައްދަލުވުން

ހުއިފިލަނޑާގެ ބައިނަލްއަޤްވާމީ ވިޔަފާރިއަށް އަންނަ ބަދަލާއި ގުޅިގެން ހުއިފިލަނޑާ ވިޔަފާރިވެރިންނަށް އަމާޒުކޮށް ބާއްވާ މަސައްކަތު ބައްދަލުވުން




މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ" (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮފް ޕާރޓީސް (ކޮޕް18) ގައި ރާއްޖެއިން އާންމުގޮތެއްގައި އެކްސްޕޯޓް ކުރާ 2 ބާވަތެއްގެ ހުއިފިލަނޑާ ހިމެނޭގޮތަށް، ހުއިފިލަނޑާގެ 3 ބާވަތެއް ސައިޓީސް ކޮންވެންޝަންގެ އެޕެންޑިކްސް 2 ގައި ލިސްޓުކުރުމަށް ނިންމުމާ ގުޅިގެން، ރާއްޖޭގެ ހުއިފިލަނޑާގެ ވިޔަފާރިއަށް ވީހާވެސް ގެއްލުން ކުޑަވާނޭ ގޮތެއްގެ މަތީން ކުރިއަށް ދިއުމާ ގުޅޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމެއް މިއަދު ވަނީ ފަށާފައެވެ. ނެތިހިނގައިދާނޭކަމުގެ ބިރުއޮތް ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ މުޢާހަދާ ކަމަށްވާ ސައިޓީސްގެ އެޕެންޑިކްސް 2 ގައި އަލަށް ހިމެނިފައިވާ 3 ބާވަތުގެ ތެރޭގައި ރާއްޖެއިން އާންމުގޮތެއްގައި ބޭރުކުރާ ދެބާވަތްކަމަށްވާ ފަޅުބަޓު، Teatfish Black (Holothuria nobilis)، އަދި ކަނޑުބަޓު، White Teatfish (Holothuria fuscogilva) ހިމެނެއެވެ. މި ނިންމުމް ތަންފީޒު ކުރުމަށް އެއްއަހަރު ދުވަހުގެ މުއްދަތެއް ދީފައި ވާއިރު، މިމުއްދަތުގެ ފަހުން މި ދެ ބާވަތުގެ ހުއިފިލަނޑާ ބޭރުކުރެވޭނީ ވަކި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. މިހުއްދަ ދިނުމަށްޓަކައި ސައިޓީސް ސައިންޓިފިކް އޮތޯރިޓީއަކުން ހުއިފިލަނޑާގެ ވިޔަފާރިއަކީ، އެވިޔަފާރީގެ ސަބަބުން ހުއިފިލަނޑާގެ އާބާދީ ދެމިއޮތުމަށް ނޭދެވޭ އަސަރެއް ނުފޯރާ މިންވަރެއްގައި ކުރެވޭ ވިޔަފާރިއެއްކަން ކަށަވަރުކުރަންޖެހެއެވެ. މިއަދު މިބޭއްވޭ މަސައްކަތު ބައްދަލުވުމަކީ ސައިޓީސްގެ މިނިންމުމާ ގުޅިގެން ހުއިފިލަނޑާގެ ބައިނަލްއަޤްވާމީ ވިޔަފާރިއަށް ހުއްޓުމެއް ނުގެނެސް ކުރިއަށްގެންދިއުމަށް، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީގެ ހައިސިއްޔަތުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. މިބައްދަލުވުމުގައި ހުއިފިލަނޑާ ބޭރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މިމަސްވެރިކަމުގައި ކުރިއަށް ދާނޭ މަގަކާއިމެދު މިވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދާ މަޝްވަރާ ކުރެވޭނެއެވެ. މިބައްދަލުވުމުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފިޝަރީޒް މެނޭޖްމަންޓް ޔުނިޓް އަދި މިނިސްޓްރީ އޮޕް އެންވަޔަރަންމަންޓްގެ ފަރާތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

ނޯޓް: "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ" ނުވަތަ ސައިޓީސް އަކީ، ދިރުންހުރި ބާވަތްތަކާއި، އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރެވެނީ އެބާވަތްތަކުގެ ދެމިއޮތުމަށް ނޭދެވޭ އަސަރު ނުކުރާގޮތަށްކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅައި ތަންފީޒުކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ. ނެތި ހިނގައިދާނޭކަމުގެ ބިރު އޮންނަ ބާވަތްތަކުގެ އާބާދީ ހިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާ އެއްބަސްވުންތަކުގެ ތެރެއިން އެންމެ ބައިވެރިވުން ގިނަ މިމުޢާހަދާގައި ޖުމްލަ 183 ޤައުމަކުން ބައިވެރިވެއެވެ. ރާއްޖެ ސައިޓީސް މުޢާހަދާގައި ބައިވެރިވެފައިވަނީ 2013 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. ސައިޓީސް މުޢާހަދާގެ ދަށުން، އެކި ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށް ހިމާޔަތްކުރަން ޖެހޭ މިންވަރަށް ބިނާކޮށް، ތަފާތު 3 އެޕެންޑިކްސް އެއްގެ ދަށުން އެބާވަތްތަކާއި، އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރަން މެންބަރު ޤައުމުތަކަށް ލާޒިމުވެއެވެ. މިގޮތުން މިފަދަ ބާވަތްތައް އިމްޕޯރޓް ކުރުމާއި، އެކްސްޕޯރޓް ކުރުމާއި، ރީއެކްސްޕޯރޓް ކުރުމާއި ކަނޑުގެ ޒަރީއާއިން ޤައުމުތަކަށް ތަޢާރަފުކުރުމަށް ވަކި ޚާއްސަ ހުއްދަތަކަކާއި ލައިސަންސްތަކެއް ކަނޑައެޅިފައިވެއެވެ. އެޕެންޑިކްސް 1 ގައި ހިމެނެނީ މިހާރުވެސް އެބާވަތްތަކުގެ ނަސްލު ދެމެހެއްޓުމަށް ނޭދެވޭ އަސަރުކޮށްފައިވާ ބާވަތްތަކެވެ. މިފަދަ ބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރިއަކީ، ޚާއްސަ ސަބަބުތަކަކާއިއެކު މެނުވީ މިމުޢާހަދާގެ ދަށުން ކުރުން މަނާ ބާވަތްތަކެކެވެ. އެޕެންޑިކްސް 2 ގައި ހިމެނޭ ބާވަތްތަކަކީ، އެބާވަތްތަކުގެ ވިޔަފާރިއަށް އެކަށީގެންވާ ކޮންޓްރޯލެއް ނުގެނެވިއްޖެނަމަ، އެބާވަތްތަކުގެ އާބާދީއަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ބާވަތްތަކެކެވެ. މިފަދަ ބާވަތްތަކުގެ ވިޔަފާރި ކުރުމަށް، އެބާވަތްތަކުގެ ދެމިއޮތުމަށް ނޭދެވޭ އަސަރު ނުކުރާ މިންވަރަކަށްކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސައިޓީސް މުޢާހަދާގެ ދަށުން ބައިވެރިވާ ޤައުމުތަކަށް ލާޒިމުކުރެއެވެ.
އެޕެންޑިކްސް 3 ގައި ހިމެނެނީ މެންބަރު ޤައުމުތަކުގެ ތެރެއިން ގައުމެއްގައި ހިމާޔަތްކުރެވިފައިވާ ބާވަތެއްގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ސައިޓީސް ގެ އެހީތެރިކަމަށް އެދިފައިވާ ބާވަތްތަކެވެ. މި ލިސްޓުގައި ހިމެނޭ ބާވަތްތަކުވެ ވިޔަފާރި ކޮންޓްރޯލް ކުރެވެނީ އެބާވަތްތައް ހިމާޔަތްކުރެވިފައިވަ ޤައުމުތަކުގައެވެ. ނޯޓް: ސައިޓީސް މުޢާހަދާގެ ކޮންފަރަންސް އޮފް ދަ ޕާރޓީސް (ކޮޕް) އަކީ، މި މުޢާހަދާގެ މެންބަރު ޤައުމުތަކުން ބައިވެރިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ސައިންޓިފިކް މަޢުލޫމާތާއި އެކި ބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ގުޅޭ މަޢުލޫމާތުގެ އަލީގައި، ބާވަތްތައް ލިސްޓުކުރެވޭ އެޕެންޑިކްސްތައް ކަނޑައެޅެއެވެ. އަދި، ލިސްޓު ކުރެވިފައިވާ ބާވަތްތަކުގެ އާބާދީއަށް އަންނަ ބަދަލަށް ބަލައި، ލިސްޓު މުރާޖަޢާ ކުރެވެނީވެސް މިބައްދަލުވުމުގައެވެ.