Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު "ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން" ގެ 10 ވަނަ އާންމު ބައްދަލުވުން މިނިސްޓަރ ޒަހާ އިފްތިތާޙްކޮށްދެއްވައިފި

"ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން" ގެ 10 ވަނަ އާންމު ބައްދަލުވުން މިނިސްޓަރ ޒަހާ އިފްތިތާޙްކޮށްދެއްވައިފި
[ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން] (South West Indian Ocean Fisheries Commission) ގެ 10 ވަނަ އާންމު ބައްދަލުވުން މިނިސްޓަރ ޒަހާ އިފްތިތާޙްކޮށްދެއްވައިފިއެވެ. މިބައްދަލުވުން ކުރިޔަށްދާނީ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ. ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންއަކީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާ (އެފް.އޯ.އޭ) ގެ އޮނިގަނޑުގެ ދަށުން އިންޑިއާ ކަނޑުގެ ހުޅަނގުބިތުގެ އައްސޭރިފަށުގެ ޤައުމުތަކުން ގުޅިގެން އެކުލަވާލާފައިވާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ މައިގަނޑު މަޤްޞަދަކީ، ހުޅަނގުދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދުގެ އައްސޭރިފަށުގެ ޤައުމުތަކުން ގުޅިގެން މަސްވެރިކަން ރާވައި ހިންގާ ބެލެހެއްޓުމާއެކު، ކަނޑުގެ މާހައުލާއި މަސްވެރިކަމުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއެކު އެވަޞީލަތްތައް މުސްތަޤްބަލަށް ފޯރުކޮށްދެވޭނެ ގޮތަށް، ސަރަހައްދީ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުމަށް މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށް ފިޔަވަޅުތަކެއް އެޅުމެވެ. މީގެ އިތުރުން، ޤަވާއިދާ ޙިލާފަށް ބެލެހެއްޓުމެނެތި މާކަނޑުގައި ކުރާ މަސްވެރިކަން ހުއްޓުވުމަށް މެންބަރު ޤައުމުތަކުން ގުޅިގެން ފިޔަވަޅުތަކެއް އެޅުމެވެ. މިގޮތުން، ޤަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ޤައުމުތަކުގެ ބަނދަރުތައް ބަނދުކޮށް އެފަދަ އުޅަނދުފަހަރުގެ ޤަވާއިދާ ޚިލާފު އޮޕަރޭޝަންތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް ޤައުމުތައް ގުޅިގެން އެޅުމެވެ. އަދި މަސްވެރިކަމާގުޅޭ މަޢުލޫމާތު މެމްބަރު ޤައުމުތަކުގެ މެދުގައި ބަދަލުކޮށް މަސްވެރިކަމުގެ ދާއިރާއިން ފަންނީ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ. މިބައްދަލުވުން އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާ ކަނޑުގައި ޤާނޫނާ ޚިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ މަހުގެ ބާވަތްތަކުގެ ސްޓޮކްގެ ހާލަތު ދައްވުމުގެ ސަބަބުން ހިފާ މަހުގެ މިންވަރު މަދުކުރުމަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނީ އައްސޭރިފަށުގެ ކުދި ޤައުމުތަކުން ކަމަށްވާތީ، މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި މިންވަރެއްގައި ބެހެއްޓުމަށް ދުރާލާ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ. އޭގެ އިތުރުން، ޤައުމުތަކުގެ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައާއި ހައިސީސްގައި ކުރާ މަސްވެރިކަން ބަލަހައްޓައި މޮނިޓަރިކޮށް އަދި ހާއްސަކޮށް ޤަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި އެފަދަ އުޅަނދުފަހަރާއި ފަރާތްތައް ޒިންމާދާރުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ބަޔަކީ އައްސޭރިފަށުގެ ޤައުމުތައްކަން ފާހަގަކޮށް ކޮމިޝަންގެ މެމްބަރު ޤައުމުތަކުން އެކަމަށް ހާއްސަކަމެއްދީގެން ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވިއެވެ. އަދި މިގޮތުން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސްދޫކުރާ އެފަދަ ލައިސަންސް ދޫކުރުމުގައި އަމަލުކުރުމަށްޓަކައި މިހާރު ކޮމިޝަންއިން އެކުލަވާލާފައިވާ [މިނިމަމް ޓާރމްސް އެންޑް ކޮންޑިޝަން ގައިޑްލައިން]އަކީ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށް އެގައިޑްލައިންގައި ހިމެނޭ ކަންތައްތައް ޤައުމުތަކުން ތަންފީޒުކުރުމަށްވެސް ގޮވާލެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާ މައްސަލައަށް ރިޢާޔަތްކޮށް، ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން އާދަޔާހިލާފަށް ގިނައިން ކަނޑަށް ދޫކުރާ [އޮޔާދާ ބޮއި] (ޑްރިފްޓިންގް ފެޑް)ގެ ސަބަބުން ކަޅުބިލަމަހުގެ ސްޓޮކް ހީނަރުވަމުންދާކަން ފާހަގަކޮށް އޮޔާދާބޮއި ބޭނުންކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށާއި ހައިސީ ގައި ހަރަކާތްތެރިވާ އިންޑަސްޓްރިއަލް ފްލީޓް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ދިއުން ހުއްޓުވުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީގެ) ތެރެއިން މެންބަރު ޤައުމުތައް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަޖެހިފައިވާ ކަން ފާހަގަކުރެއްވެވިއެވެ. އަދި މިގޮތުން ދިވެހިރާއްޖޭގެ ނިސްބަތުން މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާކަމާއި، އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ޤާނޫނުގައި Purse seine، Trawl net، އަދި Gillnet ގެ މަސްވެރިކަން ދިވެހިރާއްޖޭ ސަރަހައްދުގައި ކުރުން މަނާބާވަތްތަކުގެ މަސްވެރިކަން ކަމަށް ކަނޑައަޅާފައި ވާކަން ފާހަގަކުރައްވާފައިވެއެވެ. ރާއްޖޭގައި ބޭއްވޭ ކޮމިޝަންގެ 10 ވަނަ ސެޝަންއަށް ތާވަލްކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، މެމްބަރު ޤައުމުތަކުގެ ތެރެއިން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރާ ޤައުމުތަކުން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަޑުތައް ކަނޑައަޅައި އެކުލަވާލާފައިވާ [މިނިމަމް ޓަރމްސް އެންޑް ކޮންޑިޝަން] ގައިޑްލައިން މެމްބަރު ޤައުމުތަކުން ތަންފީޒްކުރުމުގައި އިންތިޒާމްތައް ހަމަޖައްސާނެ ގޮތަކާއިމެދު މަޝްވަރާކޮށް ރޯޑްމެޕެއް އެކުލަވާލުން ހިމެނެއެވެ. [މިނިމަމް ޓަރމްސް އެންޑް ކޮންޑިޝަން] ގައިޑްލައިންގައި، އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ އައްސޭރިފަށުގެ ޤައުމުތަކުން މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ ބޭރުގެ އުޅަނދުފަހަރަށް ލައިސަންސް ދިނުމުގައާއި، އެއުޅަނދުތަކުން އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ސްވައިއޯ.އެފް.ސީ (SWIOFC) އާއި ގުޅިގެން ކުރިއަށްގެންދާ ސަރަހައްދީ އެހެން ޕްރޮޖެޓްތަކާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި، އެމަސަކަތްތައް ހަރުދަނާކޮށް އޭގެ މަންފާ މެމްބަރު ޤައުމުތަކަށާއި ސަރަހައްދުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ކުރާނެގޮތަކަށް އިންތިޒާމްތައް ހަމަޖައްސުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ސަރަހައްދުގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ސަޕޯޓްކޮށް ހިންގޭ ޕްރޮޖެކްޓްތަކުގެ ތެރެއިން ސްވައި.އޯ.އެފް.ސީ އާއި ގުޅިގެން ހިންގޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި SWIOFish1 ވޯލްޑް ބޭންކް ޕްރޮޖެކްޓް، EAF-NANSEN (އެކޯސިސްޓަމް އެޕްރޯޗް ޓު ފިޝަރީޒް- ނަންސެން) ޕްރޮގްރާމް، SADC (ސައުތު އެފްރިކަން ޑިވެލޮޕްމަންޓް ކޮމިއުނިޓީ)، އަދި ނައިރޯބީ ކޮންވެޝަން ހިމެނެއެވެ. މިކޮމިޝަންގެ މެމްބަރު ޤައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން، ސައުތުއެފްރިކާ، ކެންޔާ، ސީޝެލްސް، މޮރިޝަސް، މަޑަގަސްކަރ، ކޮމޯރޯސް، މޮޒަމްބީކް، ތަންޒޭނިއާ، ސޮމާލިއާ، ޔަމަން އަދި ފްރާސް-ރިޔޫނިއަން އައިލެންޑްސްއެވެ.