Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ހިންގާ އެކްސްޕެޑިޝަންތަކުގެ ފެށުން

ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ހިންގާ އެކްސްޕެޑިޝަންތައް ފަށައިފި
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކަނޑުތަކާއި ގުޅޭ ދިރާސާތަކެއް ކުރުމަށް، ކުރިއަށް ގެންދާ އެކްސްޕެޑިޝަން ސިލްސިލާއެއްގެ ފުރަތަމަ އެކްސްޕެޑިޝަން މިއަދު ފެށިއްޖެއެވެ. މި އެކްސްޕެޑިޝަން ފައްޓަވައިދެއްވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު ވަނީ އެކްސްޕެޑިޝަން ކުރިއަށްދާ ކާޕޭ ޑިއެމް ބޯޓަށް ޒިޔާރަތްކުރައްވައި ދަތުރުގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއިން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ބައިވެރިވެފައި ވަނީ، ނިމިދިޔަ އ.ދ. ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ދިވެހި ސަރުކާރާއި އެކޯލިޝަން އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއަކީ ނިސްބަތުން ބިން ކުޑަ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމުން، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުން ވާންވާނީ ކަނޑުތަކާއި ރައްޓެހި އުސޫލުތަކުންކަން ފާހަގަ ކުރައްވާފައެވެ. އަދި މިގޮތަށް ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ވަށާޖެހޭ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާއަށް ރިއާޔަތްކުރުމުގެ މުހިންމުކަމަށް އެމަނިކުވާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ނޫ އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕޭޝަލް ޕްލޭންއެއް އެކުލަވާލެވިގެންދާނެއެވެ. މި ސްޕޭޝަލް ޕްލޭން ވެގެންދާނީ ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި، ތަރައްޤީގެ ނޫ ސިޔާސަތުތަކެއް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނަކަށެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ގުޅިގެން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން މިއަދު މި ފަށާ އެކްސްޕެޑިޝަންތަކުގައި، އެކޯލިޝަންގައި ބައިވެރިވާ ސައިންވެރިންނާއި، އެމް.އެމް.އާރ.އައިގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިމާވެށްޓާއި، ކަނޑުތަކުގެ ދިރާސާކުރުމުގެ ރޮނގުން ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުން ބައިވެރިވާނެއެވެ. 26 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕެޑިޝަންގައި، ރާއްޖޭ ހުރިހާ އަތޮޅެއް ތަމްސީލުވާގޮތަށް ފުޅާ ދާއިރާއެއްގައި ސާރވޭތަކެއް ކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް މި ކޯލިޝަންގެ ދަށުން އިތުރު އެކްސްޕެޑިޝަންތައް ރޭވިގެން، ރާއްޖޭގެ އުތުރާއި ދެކުނުން، ފުން ކަނޑުތަކާއި ތިލަ ފަރުފަޅުތަކުން މުހިންމު މައުލޫމާތުތަކެއް ނެގުމަށް މި އަހަރުގެ އެކި ދުވަސްވަރުގައި ރާއްޖޭގައި ހިންގޭނެއެވެ. މި ނެގޭ މައުލޫމާތާއި، މި މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މެރިން ސްޕޭޝަލް ޕްލޭން، ރާއްޖޭގައި ނޫ އިޤްތިޞާދެއް ދެމެހެއްޓުމަށް ބޭނުންވާސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް ބޮޑަށް އެހީވާނެއެވެ.

މިދަތުރާއި ކުރިއަށް ރޭވިފައިވާ ސައިންޓިފިކް ދަތުރުތަކާއި ގުޅޭ އަޕްޑޭޓް ފޭސްބުކް އަދި ޓުވިޓަރ މެދުވެރިކޮށް #KanduFalhuDhiraasaa ހޭޝްޓެގް ގެދަށުން ފެނިވަޑައިގަންނަވާނެއެވެ. އަދި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންނާ ގުޅިގެން ރާއްޖޭގައި ކުރާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު#NooRaajje ހޭޝްޓެގް އިން ފެނިވަޑައިގަންނަވާނެއެވެ.

ނޯޓް: ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން އަކީ ޔުނިވަރސިޓީތަކާއި، ފައުންޑޭޝަންތަކާއި އެހެން ޖަމްޢިއްޔާތައް ގުޅިގެން، އެއްބާރުލުންދޭ ގައުމުތަކާއިއެކު މެރިން ސްޕޭޝަލް ޕްލޭންތައް އެކުލަވާލުމަށާއި، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި މުހިންމު މާހައުލުތައް ހިމާޔަތްކުރުމާއިއެކު ދެމެހެއްޓެނިވިގޮތެއްގައި ކަނޑުތަކުގެ މާހައުލަށް ބަރޯސާވާ އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިކޯލިޝަންގައި ބައިވެރިންގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓާއި، ވެއިޓް ފައުންޑޭޝަން އަދި ސްކްރިޕްސް އިންޓިޓިއުޓް އޮފް އޯޝަނޯގްރަފީ، ނެކްޓަން ޑީޕް އޯޝަން އެކްސްޕްލޮރޭޝަން، ނެޝަނަލް ޖިއޯގްރަފިކް ގެ ޕްރިސްޓީން ސީސް ގެ އިތުރުންވެސް މި ދާއިރާއިން މަސައްކަތްކުރާ ތަފާތު ޖަމާޢަތްތައް ހިމެނެއެވެ.

ނޯޓް: މެރިން ސްޕޭޝަލް ޕްލޭނިން އަކީ ކަނޑުތަކުގައި އެކުލެވޭ ގުދުރަތީ ވަސީލަތްތަކާއި، މި ވަސީލަތްތައް ބޭނުންކުރާ ގޮތްތަކަށް ރިއާޔަތްކޮށް، ކަނޑުތައް މެނޭޖްކުރުމަށް އެކުލަވާލެވޭ ތަފްސީލީ ޕްލޭނެކެވެ. މިފަދަ ޕްލޭންތަކަކީ ނޫ އިޤްތިޞާދު ކުރިއެރުވުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުވެ ވަސީލަތްތަކުން އިޤްތިޞާދީ ފައިދާ ހޯދުމާއި ކަނޑުތައް ދުޅަހެޔޮގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް މުހިންމު މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި މުހިންމު މާހައުލީ ނިޒާމުތައް ދެނެގަތުމާއިއެކު، މިފަދަ ސަރަހައްދުތައް ހިމާޔަތްކުރުމަށްވެސް ސައިންސާއި، އިޖުތިމާޢީ މައުލޫމާތުގެ އަލީގައި ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ޕްލޭންތަކެކެވެ.