އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިމިނިސްޓްރީން މިއަހަރުވެސް މަސްވެރިކަމުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިނގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ރ. ހުޅުދުއްފާރުގައި ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މާރިޗު މަހުގެ 7 އިން 12 އަށް ރ.ހުޅުދުއްފާރުގައި ހިނގުނު މިތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ލޭނުމަސްވެރިކަމާއި ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ދެވިފައެވެ. މިތަމްރީނުތައް ހިންގުނީ ދެ ބުރަކަށް ބަހާލައިގެން، ކޮންމެ ބުރެއްގައި 16 ބައިވެރިން ހިމެނޭ ގޮތަށް ޖުމުލަ 32 ބައިވެރިންނާއި އެކުއެވެ.
މިތަމްރީނުގެ ދެ ބުރުވެސް ހިންގުނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި މަސްވެރިކަމުގެ ތަމްރީނު ހިންގުމަށް ބޭނުންކުރާ ތަމްރީނު އުޅަނދު "ރީނދޫ އުރަހަ" ދޯނީގައެވެ. މިއުޅަނދަކީ ދެބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލަތާއި ސާމާނާއެކު މިފަދަ ތަމްރީނުތަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ އުޅަނދެކެވެ. މިތަމްރީނު ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ހައިސިއްޔަތުން މަސައްކަތްކުރެއްވީ މިފަދަ ތަމްރީނު ދިނުމުގެ ފުރިހަމަ ތަޖްރިބާ ލިބިފައިވާ މިނިސްޓްރީގެ ޓްރެއިނިންގ ސްޓާފުން ކަމަށްވާ ޕްރޮގްރާމް އޮފިސަރ އަޙްސަން މުޙައްމަދާއި އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ އަޙްމަދު ރިޔާޒެވެ.