Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އަގުއެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ތަމްރީނު ޕްރޮގްރާމް ރ. ހުޅުދުއްފާރުގައި ފަށައިފި

- މިއީ މިއަހަރު ހިނގޭ މަސްވެރިކަމުގެ ފުރަތަމަ ޕްރޮގްރާމް - މި ޓްރެއިނިންގ ކުރިޔަށްދާނީ ޖެނުއަރީ 29 އިން ފެށިގެން ފެބްރުވަރީ 3 ގެ ނިޔަލަށް
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަހަރު އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގުމަށް ރޭވިފައިވާ މަސްވެރިކަމާގުޅޭ ތަމްރީނު ޕްރޮގްރާމް ފެށިއްޖެއެވެ. މިގޮތުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށްވާ "އަގުއެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ތަމްރީނު" ވަނީ 29 ޖެނުއަރީ 2020 ގައި ރ.ހުޅުދުއްފާރުގައި ފެށިފައެވެ.

މި ތަމްރީނު ޕްރޮގްރާމް އިފްތިތާޚްކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަލްފާޞިލް މުޙައްމަދު އިބްރާހިމެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، މިލިބުނު އަގުހުރި ފުރުޞަތުގެ ބޭނުންކޮށް، މިޕްރޮގްރާމްގައި ދެވޭ މަޢުލޫމާތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އަމަލީ މަސައްކަތުގައި ފުރިހަމަޔަށް ބައިވެރިވެ މިޕްރޮގްރާމް ފުރިހަމަކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި މިޕްރޮގްރާމްގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ތަނަވަސްވާނޭކަމަށް އުންމީދު ކުރާކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން، މިޖަލްސާގައި މިޕްރޮގްރާމާއި ގުޅޭގޮތުން މިޕްރޮގްރާމްގެ އިންސްޓްރަކްޓަރ އަލްފާޟިލް އާދަމް މަނިކެވާހަކަފުޅު ދެއްކެވިއެވެ.

މިފެބުރުވަރީ މަހުގެ 3 ގެ ނިޔަލަށް ހުޅުދުއްފާރުގައި ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމްގައި 17 އަންހެނުންނާއި 11 ފިރިހެނުން ހިމެނޭ ގޮތަށް ޖުމްލަ 28 ފަރާތެއް ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގައި ތިޔަރީ ބައިތަކަކާއި އެކު ޢަމަލީ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެވެ. މިގޮތުން، އަގުއެއްކުރި ތަފާތު ބާވަތްތައް ތައްޔާރުކުރުމަށް ދަސްކޮށްދެވޭނެއެވެ. އަދި މަސްވެރިކަމުގެ މިފަދަ ކުޑަ ވިޔަފާރިއެއް ހިންގާނެގޮތާއި، ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެވިޔަފާރީގެ ލިޔެކިޔުމާއި ހިސާބު ބެލެހެއްޓުން ފަދަ މުހިންމު މަޢުލޫމާތު ބައިވެރިންނަށް އުނގަންނައިދެވޭނެއެވެ. އޭގެ އިތުރުން، ވިޔަފާރީގެ އުސޫލުން ޖަމާޢަތެއްގެ ގޮތުގައި މިފަދަ ވިޔަފާރިއެއް ހިންގާނެގޮތާއި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ބެހޭގޮތުން މިޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ. މިޕްރޮގްރާމް ހިނގަމުންދަނީ ރ.ހުޅުދުއްފާރުގެ އިޖްތިމާޢީ މަރުކަޒުގެ ހޯލުގައެވެ. މިޕްރޮގްރާމްގައި ތަމްރީނުދެއްވާނީ، މިނިސްޓްރީގެ ކަމާގުޅޭ ދާއިރާގެ ފަންނީ 2 އިންސްޓްރަކްޓަރުންނެވެ.