Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މަސްވެރި އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ޤާއިމްކުރުމާ ގުޅޭ

މަސްވެރި އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ޤާއިމްކުރުމާ ގުޅޭ
އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށްޓަކައި މަސްވެރިކަން ކުރުމަށް މިމިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ޤާއިމުކުރާ ވެސަލް މޮނިޓަރިންގެ ސިސްޓަމް ޤާއިމުކޮށް މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްއާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ. ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ މިޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700 ވެސަލް ލޮކޭޓިންގް ޑިވައިސް އުރީދޫއިން ސަޕްލައި ކޮށްދީނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އުޅަނދުފަހަރުގައި ހަރުކުރާ ވެސަލް ލޮކޭޓިންގް ޑިވައިސްތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތަޢާރަފްކުރެވޭ ވަޞީލަތެކެވެ. މިޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ. މީގެއިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވަމުންދާނެއެވެ. މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ. އަދި މީގެއިތުރުން، މިޑިވައިސްއަކީ އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެކެވެ. އަލަށް މިގެނެވޭ ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމްތައް އުރީދޫއާއި މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާއި ބެހޭ މަޢުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި މަސްވެރި އުޅަނދުފަހަރަށް މިނިސްޓްރީން އަންގަމުންދާނެވެ. މިޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫއިން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 617 ރުފިޔާއެވެ. މިޕެކޭޖްގެ ދަށުން ގަޑިއަކު އެއްފަހަރު އުޅަނދު އޮތްސަރަހައްދުގެ މަޢުލޫމާތު ސެޓަލައިޓް މެދުވެރިކޮށް މޮނިޓަރިންގް ސްޓޭޝަންތަކަށާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެއެވެ.