Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ޚާއްޞަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ޚާއްޞަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި




އޮކްޓޯބަރ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީ ފެންވަރުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ދިވެހިރާއްޖޭގައިވެސް މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އިސް ނަންގަވައިގެން ދަނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުންނެވެ. ދަނޑުވެރިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކަށް FAO އިން ކަނޑައަޅުއްވާފައިވަނީ Our Actions are Our Future. Healthy Diets for a Zero Hunger World. މިޝިޢާރެވެ. ދުވަހުގެ ޝިޢާރާއި ގުޅުވައިގެން މިއަދު ހެނދުނު 10:30 ގައި ވަނީ ޚާއްޞަ ޕެނަލް ޑިސްކަޝަންއެއް ބާއްވާފައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން މިޕެނެލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މިޕެނަލް ޑިސްކަޝަންގައި މައުލޫމާތު ފޯރުކޮށްދެއްވުމަށް އެކި މުޢައްސަސާތަކާއި ޕްރައިވެޓް ސެކްޓަރއިން ފަންނީ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޕެނަލިސްޓުންގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑަޔަޓީޝަން އަލްފާޟިލާ އައިމިނަތު އިޔާޝާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ އެއްގެ ގޮތުގައި މަސއްކަތް ކުރައްވަމުން ގެންދަވާ ނިއުޓްރިޝަންގެ އެކްސްޕާޓް އަލްފާޟިލާ އައިޝަތު ޝާހީން، ދަނޑުވެރިކަމުގެ ދާއިރާގައި މިނިސްޓްރީގައި ދިގުމުއްދަތެއް ހޭދަ ކުރެއްވުމަށްފަހު މިހާރު ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޕެސްޓާމިނޭޓަރސް ޕްރައިވެތް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސެންރަޝީދު، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސްގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް މަނިކު ގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލްހެލްތް ޑިވިޝަންގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް އަލްފާޟިލް ޙުސެން ރަޝީދު މޫސާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ މި ޕެނެލް ޑިސްކަޝަން ވަނީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް ވަގުތުން ގެނެސްދެއްވާފައެވެ. ޕެނެލް ޑިސްކަޝަންއަށްފަހު މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލޗަރ އަލްފާޟިލާ ޒަހާ ވަޙީދު ވަނީ FAO އިން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޖެންޑަރ އެސެސްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ދަ ރޫރަލް ސެކްޓަރ އިން މޯލްޑިވްސް" ނެރެދެއްވާފައެވެ. ޕެނެލް ޑިސްކަޝަންއަށްފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް މިނިސްޓްރީން ކުރިއަށްގެންދަން ނިންމަވާފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މައްޗަށް ވަނީ އަލި އަޅުއްވާލައްވާފައެވެ. މީގެ ތެރޭގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމާއި، ތަކެތި މާކެޓް ކުރުމުގައި ހުރި ދަތިތައް ޙައްލު ކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތަފާތު އާލާތްތަކާއި ގަސްކާނާ އާއި މުޑުވައް ފޯރުކޮށްދިނުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް، އެކަމަށް ޚާއްޞަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަޝްރޫޢެއް ރާއްޖޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރު ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.