"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އާބަން ގާޑެނިން" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އޮކްޓޯބަރ 27 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގގައި މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ތައްޔާރުކުރާ އާބަން ގާޑެނިންގ މޮޑެލްގެ އަމަލީ މަސައްކަތްތައް އިފްތިތާޙް ކޮށްފިއެވެ.
ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދުއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ސްކޫލްގެ ދަރިވަރުން އަހުލުވެރިވުމުގެ މުހިންމުކަމާއި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ފަރުދީ ފެންވަރުގައި ކުރާ ދަނޑުވެރިކަމަށް ފަހި މާޙައުލެއް ކަށަވަރުކޮށްދިނުމުގައި އާބަން ގާޑެނިން ހިއްޞާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.
މިނިސްޓްރީގެ އިސްނެގުމާއެކު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތު އެކަޑަމީ" ޕްރޮގްރާމްއާއި ގުޅުވާލައިގެންނެވެ. ވަން އާތު އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއި(“Self-Sufficient”) އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.