Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން

- ހުޅުމާލޭގައިވާ ހުސްބިންތަކުގައި އާބަން ގާޑްނިންގ ދަނޑުވެރިކަން ތަޢާރަފް ކުރެވޭނެ - ލ. އަތޮޅުގެ ޖުމްލަ 250 ދަނޑުވެރިންނަށް މި މަޝްރޫޢުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭ




ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ އަދި ކުރަމުން އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ޚާއްޞަކޮށް ދަނޑުވެރިކަމަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެ ދަނޑުވެރިންނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް ޔޫ.އެން.ޑީ.ޕީ ގެ ދީލަތި އެހީތެރިކަމާއެކު މި މިނިސްޓްރީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަދި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި 11 ޖޫން 2020 ގައި ވަނީ ސޮއި ކުރެވިފައެވެ.

ސީދާ ޔޫ.އެން.ޑީ.ޕީ އިން ކޯޑިނޭޓް ކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ދަނޑުވެރިންނަށާއި ހުޅުމާލޭގައިވާ ހުސްބިންތަކުގައި އާބަން ގާޑްނިންގ އުޞޫލުން ދަނޑުވެރިކަމުގެ މަސައްކަތް ތަޢާރަފް ކުރުމަށެވެ. މިމަޝްރޫޢުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ދަނޑުވެރިން ހޮވުމުގައި އިސްކަންދޭނީ ކޮވިޑް19 ގެ ހާލަތާއި ގުޅިގެން ވަޒީފާގެއްލި ނުވަތަ އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް އަސަރުކޮށް އާމްދަނީ ހުއްޓިފައިވާ ފަރާތްތަކަށާއި އެކި ސަބަބުތަކާހުރެ ކޮވިޑް19 ގެ ހާލަތާއި ގުޅިގެން އެންމެ ބޮޑަށް އަތްމަތިދަތިވެފައިވާ އާއިލާތަކަށެވެ. ލ. އަތޮޅުގެ ޖުމްލަ 250 ދަނޑުވެރިންނަށް މި މަޝްރޫޢުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭއިރު މިއެހީތެރިކަން ފޯރުކޮށްދެވޭނީ އެގްރޯނޭޝަނަލް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި މަޝްރޫޢުގެ ދަށުން ލ. އަތޮޅުގެ ދަނޑުވެރިންނާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއާއި ދެމެދު ކޮންޓްރެކްޓް ޤާއިމްކުރެވި، އެކޮންޓްރެކްޓްގެ ދަށުން ދަނޑު ހެއްދުމަށް ބޭނުންވާނެ އެހީތެރިކަން ދަނޑުވެރިންނަށް ފޯރުކޮށްދީ، އުފައްދާ ތަކެތި ކުންފުންޏަށް ގަނެ މާކެޓްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މިމަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ކުރިއަށް ގެންދާ އާބަން ގާޑްނިންގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ފަންނީ އެހީތެރިކަމާއެކު ހުޅުމާލޭ ޑިވެލޮޕމަންޓް ކޯޕަރޭޝަންއިންނެވެ. މިކޮންޕޯނަންޓްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނީ ކޮވިޑް19ގެ ހާލަތާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ދެޖިންސުގެ ޒުވާނުންނަށާއި، ދާއިމީ ވަޒީފާއެއް ހޯދުމަށް ދަތިވެފައިވާ އަންހެން ކަނބަލުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މިކޮންޕޯނަންޓްގެ ދަށުން ހުޅުމާލެއިން ކަނޑައެޅޭ ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކޮށްދީ، ދަނޑުވެރިކަން ކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމާއެކު އެތަންތަނުގައި ދަނޑުވެރިކަންކޮށްގެން އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔެކިޔުން