Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޚަބަރު:- އާބަން ގާޑެނިންގ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކޮށްފި

އާބަން ގާޑެނިންގ ޕްރޮގްރާމްގެ އެއްބަސްވުމުގައި މިނިސްޓްރީއާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮއްފި
"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އާބަން ގާޑެނިން" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮއްފިއެވެ. މިއެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރެސްގައި 1094 އަކަފޫޓުގެ ސަރަޙައްދެއްގައި މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އާބަން ގާޑެނިންގ މޮޑެލްއެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.

މިނިސްޓްރީގެ އިސްނެގުމާއެކު ފަށާ މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތް އެކަޑަމީ" ޕްރޮގްރާމްއާއި ގުޅުވާލައިގެންނެވެ. ވަން އާތް އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއި(“Self-Sufficient”) އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އާބަން ގާޑެނިންގ މޮޑެލް ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ. ސޮއި ކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކާބޯތަކެތި އުފެއްދުމުގައި ބޮޑެތި ބިންތައް އެކަނި ބޭނުންކުރުމުގެ ބަދަލުގައި، އާބާދީ ބޮޑެތި ސިޓީތަކުގައި ލިބެންހުރި ކުދިކުދި ތަންކޮޅުތަކުގައި ކާބޯތަކެތި އުފެއްދުމުގެ މުހިންމުކަން މިނިސްޓަރ ޒަޙާ ވަޙީދު ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ކާބޯތަކެތި އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސުފުރާތަކާއި ހަމަޔަށް ގެނެސްދޭ ކާބޯތަކެތި އުފައްދަން އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސްކޫލް ކުދިން އަހުލުވެރިވުމުގެ މުހިންމުކަންވެސް ފާހަގަ ކުރެއްވިއެވެ.

ލިޔެކިޔުން