އަހަރެމެންގެ ނަފްސާނީ ސިއްޙަތާއި މެދު ވިސްނާއިރު އަބަދުވެސް ހަދާންކުރަންވީ އެއް ކަމަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ޖިސްމާނީގޮތުންވެސް ދުޅަހެޔޮކޮށް ހުންނަން ޖެހޭކަން. ޤަވާއިދުން ކަސްރަތުކުރުމަކީ ނަފްސާނީގޮތުން ދުޅަހެޔޮކަންމަތީ ހުރުމަށް މުހިންމު ރޯލެއް އަދާކުރާ ކަމެއް. ކަސްރަތު ކުރުމުން ހިތްހަމަޖެހުން ގެނުވައިދިނުމަށް ޑޮޕަމައިން، އެންޑްރޮފިން އަދި ސެރޮޓޮނިން ނަމަކަށްކިޔާ ކެމިކަލްއެއް ހަށިގަނޑު ތެރޭގައި ދައުރުވޭ. މި ކެމިކަލްތައް އަހަރެމެންގެ "މޫޑް" ރަނގަޅުކޮށްދީ އަދި ފިކުރުބޮޑުވުންތަކާ ދުރުކޮށްދިނުމަށް އެހީތެރިވެދޭ.
ތިޔަ ފަރާތަކީ އަބަދު ޖިމަށް ދާ މީހެއް ނަމަ، ޖިމްގައި ހަދާ ވޯރކްއައުޓްސްތައް ގޭގައި ކުރެވިދާނެ. އަދި އޮންލައިން ކަސްރަތު ކްލާހެއްގައި ވެސް ބައިވެރި ވެވިދާނެ. ހިނގުމަކީވެސް ފިކުރުބޮޑުވުންތަކާއި ހާސްވުން ކުޑަކުރުމަށް އެހީތެރިވެދޭ ކަމެއް. ބަލިތަކުން ރައްކާތެރިވުމަށް، އަހަރެމެންގެ ދިފާޢީ ނިޒާމް ވަރުގަދަކުރުމަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް. ގެއިން ބޭރަށް މާ ދުރަށް ނުނިކުމެވުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކު ގޯތިތެރޭގައި ނުވަތަ ބެލްކަންޏަށް ނަމަވެސް ނިކުމެލުމަކީ ތިމާގެ ނަފުސައް ހިންހަމަޖެހުން ލިއްބައިދޭނެ ކަމެއް.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރިކޮމެންޑްކުރަނީ ހަފްތާއަކު 150 މިނެޓް އާދައިގެ މިންވަރަކަށް އަދި 75 މިންޓް ގަދަޔަށް ހެލިފެލިވެ އުޅުމަށް. ކޮންމެ ވެސް ޙަރަކާތެއް ކުރުން އެއްވެސްކަމެއް ނުކޮށް ހުރުމަށްވުރެ މާ ރަނގަޅުވާނެ. އަދި ޚާއްޞަކޮށް މިފަދަ އާދަޔާ ޚިލާފު ދަނޑިވަޅުތަކުގައި ހެލިފެލިވެ އުޅުމަށް ކްރިއޭޓިވް ގޮތްތައް ޚިޔާރުކުރެވިދާނެ. މިގޮތުން، އެންމެ ކަމުދާ ލަވައަކަށް ނަށާލުން، ސިޑިން އަރާ ފޭބުން، ނުވަތަ ކުދިންނާއި އެކު ގިނަވަގުތު ކުޅިވަރު ކުޅުމުގައި ހޭދަކުރެވިދާނެ. ކަންނެތްކަން ފިލުވުމަށް ކޮންމެ 30 މިނިޓަކުން ކޮޅަށް ތެދުވެލުން ވެސް އެއީ ކުރެވިދާނެ ކަމެއް. ތިމާގެ ނާރުތަކަށް ލުޔެއް ދޭނެ ގޮތެއް ހޯދުމަކީ ތިމާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި ސިކުނޑިއަށް އަރާމު ދިނުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއް. މިގޮތުން ނާރުތަކަށް ލުޔެއް ދިނުމުގެ ގޮތުން ޔޯގާ ނުވަތަ ފުންކޮށް ނޭވާލުން ފަދަ ކަމެއް ވެސް ކުރެވިދާނެ.
ކެއުމުގައި، ޞިއްޙަތަށް ގެއްލުންދޭ ތައްޔާރީ ކާނާގެ ބަދަލުގައި ފައިދާހުރި ކާނާ ކެއުން ވަރަށް މުހިންމު. ހަކުރާއި މިފަދަ ޞިއްޙަތަށް ގެއްލުންހުރި ބާވަތްތަކާ ދުރުވާން މަސައްކަތް ކުރަންވާނެ. ތިމާ ހިތްއެދޭ މި ދެންނެވި ބާވަތްތައް ހިމެނޭ ކެއުންތައް މަދުމަދުން ކެވިދާނެ. އެހެންނަމަވެސް ފެޓް، ހަކުރު އަދި ލޮނުގެ ބާވަތް ގިނަ ތައްޔާރީ ކާނާ ކެއުމަކީ ހާސްކަމާއި ކަންބޮޑުވުން އަދި ތިމާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ކަމެއް. ހަމައެހެންމެ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް މީހާ ފިކުރުބޮޑުވުންތަކާއި ހާސްވުންތައް އިތުރު ކުރުވާ ކަމެއް. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމައި ދުރުހެލިވުން މުހިންމު.