Skip to main content

 1. ފުރަތަމަ ޞަފްޙާ
 2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ސެލްފް އައިސޮލޭޝަންގައި ހުންނަ ވަގުތު ނަފްސާނީ ދުޅަހެޔޮކަން ބެލެހެއްޓުން

އެކަހެރިކަމުގައި ނުވަތަ ކަރަންޓީނުގައި ހުންނަ ވަގުތުތަކުގައި އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ އެތައް ކަމެއް ހުުންނާނެ. މިގޮތުން، ތިރީގައި މި ލިސްޓް ކޮއްލަނީ މިފަދަ ބައެއް ކަންކަން:


 • ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މިންވަރު ކުޑަކުރުމަށް ނުވަތަ ޖަމަޢާތީ ފެތުރުން މަޑުޖައްސާލުމަށް އައިސޮލޭޝަންގައި ހުންނަން ޖެހޭ މި ޙާލަތަކީ ވަގުތީ ޙާލަތެއްކަން އަމިއްލަ ނަފްސަށް ހަނދާންކޮއްދިނުން.
 • އަމިއްލަމީހާ އެހެން މީހުންނާ އެކަހެރިވުމަށް މިކުރާ މަސައްކަތަކީ މުޖުތަމަޢުގެ އެހެން ފަރުދުން މި ބަލި ޖެހުމާ ދުރުކޮށް އެމީހުންނަށް ފައިދާކުރާނެ ކަމެއްކަން އަމިއްލަ ނަފްސަށް ހަނދާންކޮއްދިނުން.
 • ތިމާ ޝައުޤުވެރިވާ އަދި އަމިއްލަ ނަފްސަށް ހަމަޖެހުން ގެނުވާ ފަދަ އަދި ޞިއްޙަތަށް ފައިދާ ހުރި ޙަރަކާތްތަކުގައި ޝާމިލުވެއުޅުން.
 • ގަޑިން ގަޑިޔަށް ނިދުމާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގައި ދެމިހުރުން.
 • ޖިސްމާނީ ގޮތުން ޙަރަކާތްތެރިވެ އުޅުންމަތީ ދެމިހުރުން.
 • އެކަހެރިކަމުގައި ހުންނަން ލިބޭ މި ވަގުތަކީ ކަންކަން ކުރުމުގައި ގެންގުޅޭ ވައްޓަފާޅިއަށް ހެޔޮ ބަދަލުގެނައުމަށް ތިމާއަށް ލިބޭ އާ ފުރުޞަތެއްކަމުގައި ބަލައިގަތުން.
 • ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާ ފަރާތްތަކުން މިންހެޔޮ ވަރަކަށް މަސައްކަތްކުރުމުގެ ވަގުތު ކަނޑައަޅައި ދޭތެރެ ދޭތެރެއިން ހުސް ވަގުތުކޮޅު ހޯދުން މުހިންމު އަދި މަސައްކަތް ކުރުމަށް ވަކި ސަރަޙައްދެއް ކަނޑައެޅެން އޮތް ނަމަ އެކަން ކުރުން ވެސް މުހިންމު.
 • މީޑިއާއިން ލިބޭ މަޢުލޫމާތާ ހެދި ފިކުރުބޮޑުވާނަމަ އެކަންކަމާއި ދުރުހެލިވުން މުހިންމު.

އެހީތެރިކަން ހޯދުން

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރުމަކީ ފިކުރުބޮޑުވުމާއި ހާސްކަމާއި ބިރުވެރިކަމުގެ ތެރެޔަށް ވެއްޓިދާނެ ފަދަ ކަމެއް. މިކަމުގެ ކުރިންވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުން ތިރީގައިވާ ކަންކަންކުރުން މުހިންމު.

 • ތިމާއަށް އެހީތެރިވެ އެއްބާރުލުންދޭ މީހުންނާ ވާހަކަ ދެއްކުން.
 • ހާސްކަމުގެ ތެރެޔަށް ވެއްޓޭނަމަ އެކަން ޤަބޫލުކުރުން.
 • އުނދަގޫތަކާއި ބަލީގެ ޢަލާމާތް ފެންނަ ނަމަ ކަމާގުޅޭ މާހިރުންގެ ލަފައާއި އެހީތެރިކަން ހޯދުން.

މިހާރުވެސް ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކާއި ކުރިމަތިލަމުންދާ މީހުން ޓްރީޓްމަންޓް ޕްލޭނާ އެއްގޮތައް ޢަމަލުކުރަމުން ދިޔުން މުހިންމު. އަދި އާ ޢަލާމާތްތައް ފެނެތޯ ސަމާލުންކަންދިނުން ވެސް އެދެވިގެންވޭ.

އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ޤަވާއިދުން ކަންކަން ކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ލިބޭ އިތުރު ބާރެއް. އަދި މިކަން މިފަދައިން ނުވާ ނަމަ އަދި ނަފްސާނީ ގޮތުން އުނދަގޫތަކާއި ތަކުރާރުކޮށް ކުރިމަތިލާން ޖެހޭ ނަމަ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން މުހިންމު.