Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ފިކުރު ބޮޑުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަން

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިފައިވާ މިދަނޑިވަޅުގައި މާބޮޑަށް ފިކުރުބޮޑުވުމަކީ ޢާންމުކަމެއް. ނަމަވެސް ފިކުރު ކުރުން ކުޑަކުރުމަށް އަހަރެމެންނަށް ވަރަށް ގިނަ ކަންކަން ކުރެވިދާނެ.


ފިކުރުބޮޑުވުމަކީ ޢާންމުކޮށް ދިމާވާ ކޮންމެ ޙާލަތެއް ނުވަތަ ކަމެއްގައި އަހަރެމެން އެކަމަށް ރެސްޕޯންޑްކުރުމުގައި އެންމެ ފުރަތަމަ ކުރެވޭ އެއް ކަންތައް. ބައެއްކަހަލަ ފިކުރު ކުރެވުމަކީ މާ ބޮޑު މައްސަލައެއް ނޫން އަދި މިފަދަ ފިކުރުބޮޑުވުންތަކާއި ހެދި ހާސްކަމާއި މާޔޫސްކަން މީހާއަށް އިޙްސާސް ނުކުރެވުންވެސް އެކަށީގެންވޭ. ނަމަވެސް މާބޮޑަށް ފިކުރުބޮޑުވުމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރުކުރާކަމެއް. މިފަދަ ދަނޑިވަޅުގައި ތިމާގެ ފިކުރުތަކަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދިނުމަކީ ވަރަށް މުހިންމުކަމެއް.

ފިކުރުބޮޑުވުން ކުޑަކުރާނެ ގޮތްތައް

ދިރިއުޅުމަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަށް ގެނައުން ލަސްކުރުން. ކޮންމެ ވަގުތެއްގައިމެ ދިރިއުޅުމަށް ބޮޑެތި ބަދަލު ގެންނަން މަސައްކަތްކުރުމަކީ ފިކުރުބޮޑުވުން އިތުރުވެދާނެ ކަމެއް. ޚާއްޞަކޮށް މިފަދަ ދަނޑިވަޅުތަކުގައި ފިކުރުބޮޑުވުން އިތުރު ވުމަކީ އެކަށީގެންވާ ކަމެއް. ހާސްވެ ފިކުރުބޮޑުވާކަމުގެ އިޙްސާސް ކުރެވޭނަމަ އެންމެ ރަނގަޅުގޮތަކީ މި ދަނޑިވަޅުގައި ކުރަން ނިންމާފައިވާ ބޮޑެތި ކަންތައް މަޑުޖައްސާލެވެން އޮތްނަމަ މަޑުޖައްސާލުން. ކޯވިޑް-19 ގެ ސަބަބުން ކުރަންބޭނުންވާ ބޮޑެތި ކަންތައްތައް ފަސްކޮށްލަން ނުވަތަ މަޑުޖައްސާލަން ޖެހިފައިވާނަމަ އެއީ ކުޑަ ދުވަސްކޮއްޅެއްގެ ކަމެއްކަން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިވާނެ. އެހެނީ ޙާލަތު ބަދަލުވެ ޢާންމު ދިރިއުޅުމަށް ރުޖޫޢަވާނެކަން ކަށަވަރުވާތީ.

ޒާތީ މައްސަލަތައް ޙައްލުކުރުން

ތިމާގެ ދިރިއުޅުމުގައި ދިމާވާ ޒާތީ މައްސަލަތަކަކީ ޢާންމުކޮށް ހާސްވުމާއި ފިކުރުބޮޑުވުން އިތުރުކޮށްދޭ ކަމެއް. އަދި ގޭގައި މިހާރު ހުންނަން ޖެހުމަކީ ޖެހިފައިވާ މައްސަލަތައް އިތުރަށް ގޯސްވާން ދިމާވެދާނެ ކަމެއްކަމަށްވުން އެކަށީގެންވޭ. ދިމާވެފައިވާ މައްސަލަތަކާއިމެދު ވާހަކަ ދައްކައި އެކަމަށް ޙައްލެއް ހޯދަން މަސައްކަތް ކުރުމަކީ ގޭގައި ހުންނައިރު ކުރެވިދާނެކަމެއް. މިގޮތުން ދިމާވެފައިވާ ކަންތައްތަކާއިމެދު ތެދުވެރިކަމާއިއެކު ވާހަކަދެއްކުން އެއީ ކަންކަން ޙައްލުކުރުމަށް ފަސޭހަވެގެންދާނެ ކަމެއްކަން ޔަޤީން. ގޭގައި ހުރެގެންވެސް ކައުންސިލަރެއް ނުވަތަ ސައިކޮލޮޖިސްޓެއްގެ އެހީ އޮންލައިންކޮށްވެސް ހޯދިދާނެ. ގެވެށިއަނިޔާ ނުވަތަ އެފަދަ އެއްވެސް ކަހަލަ މައްސަލަތަކާއި ކުރިމަތިވާނަމަ ސިއްރުނުކޮށް ޖެންޑަރ މިނިސްޓްރީގެ ހެލްޕް ލައިންނަށް ގުޅާ އެހީ ހޯދުން މުހިންމު.

ހިތްހަމަޖެހުން ގެނުވައިދޭ ކަންތައްތައް ކުރުން

ފިކުރުބޮޑުވުންތަކާއި ދުރަށް ގޮސް ސިކުނޑިއަށް ހިތްހަމަޖެހުން ލިއްބައިދޭ ކޮންމެވެސް ކަހަލަ ޙަރަކާތެއް ހިންގުންވެސް އެއީ ކުރެވޭނެ ވަރަށް މުހިންމު ކަމެއް. ހިތްހަމަޖަސާލުމެއް ހޯދުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ކިޔެވުން، ފޮތެއް ކިޔާލުން، ގަސްއިންދުން، ޢާއިލާއާއި ރަޙުމަތްތެރިންނާ އޮންލައިންކޮށް ވާހަކަ ދައްކާލުން، ލަވައެއް އަޑުއަހާލުން، ރަޙުމަތްތެރިންނާއި ޢާއިލާގެ މީހުންނަށް ހަދިޔާ ފޮނުވުން ނުވަތަ ކޮންމެސް ކަހަލަ ލިޔުމެއް ލިޔެލުންފަދަ ކަމެއް ކުރެވިދާނެ. ހިތްހަމަޖެހުން ލިބޭ ފަދަ އާ ކަމެއް ފެށުން ވެސް އެއީ މިފަދަ ދަނޑިވަޅެއްގައި ތިމާގެ ފިކުރު ކުޑަކުރުމަށް ކުރެވިދާނެ މުހިންމުކަމެއް.

ކުރާ މަސައްކަތުގެ ބުރަ ހިފެހެއްޓުން

އަހަރެމެންގެ ދިރިއުޅުމުގައި މަސައްކަތްކުރާ މާޙައުލު އިސްދައުރެއް އަދާކުރިކަމުގައިވީ ނަމަވެސް ކުރާ މަސައްކަތާއި ދިރިއުޅުމުގެ އެހެންކަންތައްތަކާއި ހަމަހަމަ ކުރުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެއް. ޙާއްޞަކޮށް ކޯވިޑް-19 ގެ ސަބަބުން ގޭގައި މަސައްކަތް ކުރުމަށް ވަގުތު ހޯދަމުން ދަރިންނަށް ގޭގައި ކިޔަވައިދޭން މަސައްކަތްކުރާ އިރު މިކަމާ ވިސްނާލުން މުހިންމު. މަސައްކަތްތަކުގެ ސަބަބުން ފިކުރުބޮޑުވުން އިތުރުވާނަމަ އޮފީސް މަސައްކަތްކުރަން ހޭދަކުރާ ވަގުތު ކުޑަކޮށް، އެހެންކަންކަމަށް ވަގުތުދޭ މިންވަރުވެސް މަދުކޮށްލުން ބުއްދިވެރި. އަދި ކަންކަމުގައި ނޫނެކޭ ބުނަން ދަސްކުރަންވާނެ.

ޤަވާއިދުން ކަސްރަތުކުރުން

ސިކުނޑިއަށް ހަމަޖެހުން ހޯދައިދިނުމަށާއި، ޓެންޝަންތަކުން ދުރުވުމަށް ކަސްރަތު އެހީތެރިވެދޭ. ގޯތިތެރޭގައި ހިނގާލާ، ނުވަތަ ގައިދުރުކަން ބަހައްޓައި ހިގާލަންދިއުން ނުވަތަ ދުވެލަން ދިޔުން ފަދަ ކަސްރަތެއްކުރުމަށް މަސައްކަތްކުރުން މުހިންމު. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ޞިއްޙަތަށް ފައިދާހުރި ކަސްރަތު ކިޔައިދޭ ރަނގަޅު އޮންލައިން ކަސްރަތު ކްލާހެއްގައި ބައިވެރިވުން ވެސް އެއީ ކުރެވިދާނެ ކަމެއް.

އެހީ ހޯދުން

ޢާއިލާގެ މީހަކާއި ނުވަތަ ރަޙުމަތްތެރިއަކާ ވާހަކަ ދައްކާލުން ނުވަތަ ނުތަނަވަސްކަން ލުއިކުރުމަށް ކަމާބެހޭ މާހިރެއްގެ އެހީ ހޯދިދާނެ. ފިކުރުބޮޑުވާ ޙާލަތުގައި ބިރުނުގަނެ މީހެއްގެ އެހީތެރިކަން ހޯދަންވާނެ.

ހިތްހަމަޖެހިލަން ހަނދާންބެހެއްޓުން.

ޢާންމުކޮށް ކޮންމެ ދުވަހުގެ ކުރާ ކަންތައްތަކުގެ ތެރޭގައި ގައިގެ މަސްތަކަށް ލުއިދޭ ކަހަލަ ކަސްރަތެއް ކުރުމުން އަމިއްލަ ހިތްހަމަޖެހުމަށް އެހީތެރިވެދޭނެ. ތިމާގެ ހަށިގަނޑަށް ހިތްހަމަޖެހުން ލިއްބައިދޭ ކޮންމެވެސް ކަމެއް ކޮންމެ ދުވަހަކު ކޮށްލުން ރަނގަޅު.

މަޢުލޫމާތު ރަނގަޅަށް ލިބުން

  • މާލީ ދަތިތަކާއި ވަޒީފާ ނެތުން ނުވަތަ ގެއްލުން ވަޒީފާ ގެއްލުން ނުވަތަ މާލީގޮތުން ދަތިތަކާއި ކުރިމަތިވުމަކީ ޢާންމުކޮށް ފިކުރުބޮޑުވުންތައް އިތުރުވާ ދެކަމެއް. އަދި ކޯވިޑް-19 ގެ ސަބަބުން ވަރަށް ގިނަ މީހުންދަނީ މިކަން ތަޙައްމަލް ކުރަމުން. މިފަދަ ޙާލަތެއްގައި ތިމާ ވާނަމަ މިކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތަކުގެ އޮޕްޝަންތައް ހޯދުން ރަނގަޅު.
  • އަމިއްލަ މީހާ އަދި ޢާއިލާގެ މީހުންގެ ޞިއްޙަތާއިމެދު ފިކުރުބޮޑުވުން. މިފަދަ ދަނޑިވަޅުގައި ތިމާގެ ޞިއްޙަތާއި އެހެންމީހުންގެ ޞިއްޙަތާއިމެދު ވިސްނުމަކީ އެންމެންވެސް ކުރާނެ ކަމެއްކަން ޔަޤީން. ވުމާއިއެކު މިފަދަ ދަނޑިވަޅުގައި ތިމާއަށް މަޢުލޫމާތު ލިބެނީ ސައްޙަ ތަނަކުންތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް. މިގޮތަށް ޢަމަލުކުރުމުން ތިމާގެ ފިކުރުބޮޑުވުންތައް ކުޑަކޮށް ބެހެއްޓުމުގައި އެހީތެރިވެދޭނެ.