އަމިއްލަ ނަފްސައް އަޅާލުމަކީ އަމިއްލަ އެދުން ބޮޑުވުމެއް ނޫން
ތަފާތު އެކި ސަބަބުތަކާއި ހުރެ އަމިއްލަ ހިތްހަމަޖެހުމަށް ނުވަތަ އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކަމެއް ކުރުމަކީ އަމިއްލަ އެދުން ބޮޑުވުމޭ ހިތައް އަރާ މީހުން މަދެއް ނޫން. އަމިއްލަ މީހާގެ ކަންކަމަށް ވިސްނުމުގެ ކުރިން އަޅާލަން ޖެހޭ އެހެން މީހުން ނުވަތަ ބަލަން ޖެހޭ އެހެން ކަންތައްތަކާއި ހެދި މާ ބުރަ ބޮޑުވުމާއި، ވަރުބަލިކަން އިޙުސާސްވުމާއި، އަމިއްލަ މީހާއަށް ސަމާލުކަންދޭން ވަގުތުނުވުމަކީ މީގެ ބައެއް ސަބަބުތައް ކަމުގައި ވެދާނެ. ނުވަތަ އަމިއްލަ މީހާއަށް އަޅާލުމަކީ ތިމާ މީހާއަށް މާ މުހިންމު ނޫން ކަމަކަށްވެސް ވުން އެކަށީގެންވޭ. އެހެން މީހަކު ބަލަންޖެހުނު ކަމުގައި ވިޔަސް، ނުވަތަ ވަޒީފާ އަދާކުރަން ޖެހުނުކަމުގައި ވިޔަސް ނުވަތަ މި ޙާލަތުގައި އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން ކަމުގައިވިޔަސް މިއީ ކަން އޮތްގޮތްކަމަށްވުން އެކަށީގެންވޭ.
އަމިއްލަ ނަފްސަށް އަޅާލުމަކީ ކިހާ މުހިންމު ކަމެއްކަމާއި، އަމިއްލަ ނަފްސަށް އަޅާލުމަކީ އަމިއްލަ އެދުން ބޮޑުވުން ނޫންކަން އަމިއްލަޔަށް ޤާބޫލުކުރުން މުހިންމުވަނީ މި ސަބަބުތަކަށްޓަކައި. އަމިއްލަ އެދުން ބޮޑުވުމަކީ އެހެން މީހުންނަށް އަޅާލުމުގެ ބާރު ތިމާގެ އަތުން ނިގުޅައިގަންނަ ކަމެއް. ނަމަވެސް އަމިއްލަ ނަފްސަށް އަޅާލުމަކީ އެހެން މީހުންނަށް އިތުރަށް އަޅާލުމަށް ލިބިދޭ އާރަކާއި ބާރެއް. އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަމާލުކަންދޭ ވަރަކަށް އަމިއްލަ މީހާ އެހެން މީހުންނަށް އެހީތެރިވެދިނުމަށް އިތުރަށް ތައްޔާރުކުރެވޭ. އަދި މިއީ ކޯވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރޭ މި ދުވަސްވަރުގައި ނުހަނު މުހިންމުކަމެއް.
އެކި މީހުންގެ ހިތްހަމަޖެހުން ގުޅިފައިވަނީ އެކި ކަންކަމާ
އަމިއްލަ މީހާއަށް އަޅާލައި، ވަގުތު ހޭދަކޮށް، ހިތްހަމަޖެހޭ ކަމެއް އެކަނި ކޮއްލާގޮތް އެއް އިންސާނަކު އަނެއް އިންސާނަކާ ގިނަ ފަހަރު ތަފާތު. ބައެއް މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެނީ ކަސްރަތުން ކަމުގައި ވާނަމަ އަނެއް ބަޔަކަށް މި އިޙުސާސް ގެނެސްދެނީ އެހެން ކަމަކުންކަމުގައި ވެދާނެ.
ލޮކްޑައުންގެ މި ޙާލަތުގައި ޖިމް ފަދަ ތަންތަން ބަންދުކޮށްފައި ވާއިރު، މިކަން ހާސިލުކުރެވޭނެ އިތުރުގޮތްތަކެއް ހޯދިދާނެ. ހަމަ ނޭވާއެއް ލައި ގޭގައިވެސް ލުއި ކަސްރަތު ކުރެވިދާނެ. އަދި މިފަދަ ކަސްރަތުތައް ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަންވެސް ހޯދިދާނެ. އެމީހެއްގެ ހިތްހަމަޖެހުމާއި ދުޅަހެޔޮކަމަކަށް އެދެވޭ ގޮތަކަށް އޭގެ އަސަރުކުރާނެ ކޮންމެކަމެއްވެސް ކުރެވިދާނެ. އަދި މިފަދަ ކަންކަމުގައި އެކަކު އަނެކަކާ ތަފާތުވުމަކީ މައްސަލައެއް ނޫން.
އަމިއްލަ ނަފްސަށް އަޅާލުމުގައިވެސް ވަކި މިންވަރެއް ގެންގުޅޭ
އަމިއްލަ ނަފްސަށް އަޅާލުމުގައި ޙައްދުފަހަނައަޅައި ދިޔުމަކީވެސް ވެދާނެ ކަމެއް. އެހެންކަމުން އަމިއްލަ ނަފްސަށް އަޅާލުމުގައިވެސް ސަބަބުތަކުގައި ހިފުން މުހިންމު. މިސާލަކަށް އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކުރާ ކަންކަމުގައި، މީހުންނާ ވާހަކަ ނުދެއްކުން، ހަށިގަނޑަށް ގެއްލުން ހުރި ކާނާ ބޭނުންކުރުން، އަދި މާ ގިނައިން ބޭކާރު ޚަރަދުވެސް ކުރެވިދާނެ.
އެހެންކަމުން އަމިއްލަ ނަފްސަށް އަޅާލުމުގައި ތިމާ މީހާއަށްވެސް ޤަބޫލުކުރެވޭ މިންވަރަކަށް މިކަންކަން ކުރުން މުހިންމު. ޚަރަދުކުރުމުގައިވެސް ފަހުން ގެއްލުން ނުވާ މިންވަރަކަށް ޚަރަދުތައް ހިފެހެއްޓުން މުހިންމު. އަމިއްލަ ނަފަސުގެ ދުޅަހެޔޮކަން ކަށަވަރުވާނީ އަމިއްލަ ނަފްސަށް އަޅާލުމުގައިވެސް ހެޔޮ މިންވަރެއް ގެންގުޅުމުން.