Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ބެލެނިވެރިޔަކު ގޭގައި މަސައްކަތްކުރުމުގައި ގެންގުޅެންވީ، ޢަމަލުކުރަންވީ ގޮތް

ކޯވިޑް-19 ގެ ޖަމާޢަތީ ފެތުރުން މަޑުޖައްސާލުމަށް އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބެލެނިވެރިން މިހާރު އޮފީހުގެ މަސައްކަތްކުރަން ޖެހިފައި ވަނީ ގޭގައި ތިބެގެން، ދަރިންވެސް ބަލަހައްޓަމުން. އަދި ބައެއް ކުދިންނަށް ސްކޫލްތައް ބަންދުވެފައިވާއިރު މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްގެ ވަގުތު ވަނީ މަދުކުރެވިފައި. މިކަމުގެ ސަބަބުން މަސައްކަތްތައް ކުރުމާއި ކުދިން ބެލުމުގައި ބެލެނިވެރިންނަށް އަންނަނީ ގޮންޖެހުންތަކާ ދިމާވަމުން. އަދި މިފަދަ ދަނޑިވަޅުތަކުގައި އެއްފަހަރާ ހުރިހާ ޒިންމާއެއް ނަގަންޖެހުމުން ފިކުރުބޮޑުވުމާއި، ހާސްކަން ކުރިމަތިވުން އެކަށީގެންވޭ.


ހާސްކަން އިތުރުވުން

މިފަދަ ދަނޑިވަޅެއްގައި ކުދިން ބެލުމުގެ ޒިންމާއާއި، ވަޒީފާގެ ޒިންމާ ގޭގައި ބަންދުވެގެން ގިނަ ވަގުތު ތިބޭ ހިނދު ނެގުމުގައި ހާސްކަމާއި ވަރުބަލިކަން އިޙްސާސްކުރެވުން އެކަށީގެންވޭ. ތިރީގައި އެވަނީ މިފަދަ ކަމެއް އިޙްސާސްކުރެވޭނަމަ ކުރުން ރަނގަޅު ބައެއް ކަންކަން.

  • ހަޤީޤަތުގައިވެސް ވާސިލުވެވޭނެ ފަދަ އަމާޒެއް ކަނޑައެޅުން- އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ހައްޓަށް މާ ބުރަބޮޑު ނުކޮށް ހުރިހާ ކަމެއް ފުރިހަމައަށް ކުރުމުގެ ބަދަލުގައި އާދައިގެ ވަރަކަށް ކަންކަން ކުރެވޭތޯ ބެލުން ރަނގަޅު.
  • އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް އިސްކަންދިނުން- އަމިއްލަ ނަފްސަށް އަޅާލައި ބެލެހެއްޓުމަކީ ތިމާއާއި ތިމާގެ ޢާއިލާއަށްވެސް ކޮށްދެވޭ ހެޔޮ ކަމެއް. މިވަގުތު މިކަން ކުރަން އުނދަގޫވި ނަމަވެސް ކޮންމެ ދުވަހަކުވެސް އެހެން ކަންކަން ކުރުމަށް އިސްކަންދޭ ފަދައިން އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމާއި އުފާވެރިކަމަށް ވެސް ކޮންމެވެސް ކަމެއް ކުރުން މުހިންމު. ހަމަ ނިދި ލިބޭތޯ މަސައްކަތްކުރުމަކީ ވެސް މީހާ ހަމަޔަކަށް އެޅި ދުވަހާއި ކުރިމަތިލުމަށް ލިބޭ އިތުރު ބާރެއް.
  • ސޯޝަލް މީޑިއާއިން ލިބޭ މަޢޫލޫމާތާއި މެދު ސަމާލުވުން- ސޯޝަލް މީޑިއާ އަކީ މިފަދަ ޙާލަތެއްގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް އެންމެ ރަނގަޅު ވަޞީލަތް ކަމުގައި ވިޔަސް އެކަކު އަނެކަކުގެ ދިރިއުޅުމާއި ކަންކަންކުރުމުގައި އަޅާ ނުކިޔުމަށް ސަމާލުކަން ދޭންވާނެ.
  • މި ޙާލަތަކީ ވަގުތީ ޙާލަތެއްކަން ހަނދާނުގައި ބެހެއްޓުން: މި ޙާލަތު ދިގުދެމިގެން ދިއަޔަސް ޢާންމު ދިރިއުޅުމަށް ކޮންމެސް ހިސާބަކުން ދެވޭނެކަން ހަނދާނުގައި ބަހައްޓަންވާނެ.
  • އެހީތެރިކަން ހޯދުން: މާ ބޮޑަށް ފިކުރުބޮޑުވެ މިކަމާ ކުރިމަތިލުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ނަމަ ކުރީބައިގައި ކޮންމެވެސް މީހަކާ ވާހަކަދައްކާލުން ރަނގަޅު. އަދި ކުރީބައިގައި އެހީތެރިކަން ހޯދުމަކީ މިކަމުން އަރައިގަތުމަށް ލިބިދޭ އިތުރު ބާރަކަށްވާނެ.

ގޭގެ ކަންތައްތަކާ ފިކުރުބޮޑުވުން

މިފަދަ ދުވަސްކޮޅެއްގައި ގޭގައި ތިބެންޖެހުމަކީ ޖާގަ ކުޑަވުމުގެ ސަބަބުން ކަމުގައިވިޔަސް، ފިކުރުބޮޑުވުމުން ކަމުގައިވިޔަސް، ފޫހިވުމުން ކަމުގައިވިޔަސް އާދަޔާ ޚިލާފަށް ބޯ ހާސްކަމާއި ކުރިމަތިލާން ޖެހިދާނެ ކަމަކަށްވުން އެކަށީގެންވޭ. އަދި މިކަމުގެ ސަބަބުން އެއް ގެއެއްގައި އުޅޭ ޢާއިލާގެ މެމްބަރުންގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އެރުންވެސް އެކަށީގެންވޭ. ތިރީގައި އެވަނީ މިފަދަ ކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަން.

  • އެކަކު އަނެކަކު ދައްކާ ވާހަކަ ކަނުލާ އެހުން: އެކަކަށްވުރެ ގިނަ ބެލެނިވެރިން ގެއެއްގައި އުޅޭ ނަމަ، ކުދިން ގެންގުޅުމުގައި އަދި ގޭތެރޭގެ ކަންކަންކުރުމުގައި ގޮތްފާޑުކިޔުމުގައި ގެންގުޅޭ ވައްޓަފާޅި ތަފާތުވުން އެއީ ވެދާނެ ކަމެއް. ކުރިޔާ ޚިލާފަށް މިހާރު އެކަކު އަނެކަކުގެ މިފަދަ ކަންކަން ފާހަގަކުރެވޭ މިންވަރު އިތުރުވުން ވެސް އެކަށީގެންވޭ. މިކަމުގައި ޢަމަލުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ދެމީހުންވެސް ގުޅިގެން ދެމީހުންގެ ތަފާތުތައް ދެނެގަނެ އެކަންކަން ބަލައިގަނެ ގުޅިގެން މަސައްކަތްކުރުން.
  • ކުދިންގެ އިޙްސާސްތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ތެދުވެރިކަމާއެކު ވާހަކަދެއްކުން މުހިންމު: ކުރިޔަށް ވާނެގޮތެއް ނޭނގޭ މި ދުވަސްވަރަކީ އެންމެންނަށްވެސް ދަތި އުނދަގޫ އިޙްސާސްތަކެއް ކުރުވާފާނެ ދުވަސްވަރެއްކަން ކުދިންނަށް ބުނެދިނުން ރަނގަޅު. އަދި މިކަމުގެ ސަބަބުން ބިރުވެރިކަމާއި، ފިކުރުބޮޑުވުމާއި، ހާސްކަން ކުރިމަތިވުމަކީ ވެދާނެކަމެއްކަން ޤަބޫލުކުރަންވާނެ.
  • ކުދިންގެ އުޅުމާއި ބެހޭގޮތުން ހަޤީޤަތުގައިވެސް ވާނެ ފަދަ ކަންކަން ކުރީބައިގައި އެކްސްޕެކެޓްކޮށްގެން ހުރުން: ކުދިން ބަސްނާހައިފިނަމަ ޢަމަލުކުރާނެގޮތެއް ކަނޑައެޅުން މުހިންމު. ބެލެނިވެރިޔެއްގެ ހައިސިއްޔަތުން ތިމާގެ ޤާބިލުކަމަށް ޝައްކު ނުކުރާތި.
  • ކޮންމެ ދުވަހަކުވެސް ކާމިޔާބުވާ ކަންކަމާއި ކާމިޔާބު ނުވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލުން މުހިންމު: ކޮންމެ ދުވަހެއް ނިމުމުގެ ކުރިން ޢާއިލާއެއްގެ ގޮތުން އެދުވަހަކު ކާމިޔާބު ކަމާއެކު ކުރެވުނު ކަންކަމާއި ކާމިޔާބު ނުވެ ހުރި ކަންކަން އަދި ކަންބޮޑުވުންތައް އެކަކު އަނެކަކާ ޙިއްޞާކުރުން ބުއްދިވެރި. އަދި މިކަންކަމަށް ރިޢާޔަތްކޮށް ޖެހިގެން އަންނަ ދުވަހަށް ތައްޔާރުވުމުގައި ކަންކުރާނެ ގޮތް ކަނޑައެޅިދާނެ.
  • ގޭގައި އުޅޭ މީހުން ފިޔަވައި އެހެން މީހުންނާ ވެސް ގުޅުން ބަދަހިކުރުން: ގޭ މީހުން ނޫން އެހެން މީހުންނާ އެކި ކަންކަމާ މަޝްވަރާކުރުމަކީވެސް އެކަނިވެރިކަން ފިލާ ކަމެއް. އެއް ޙާލަތެއްގައި ތިބި މީހުންނާ ކަންކަމާ ވާހަކަ ދެއްކުމަކީ ހާސްކަމާއި ފިކުރުބޮޑުވުން ކުޑަކޮށްދޭނެ ކަމެއް.

ދުރުން ތަޢުލީމު ދިނުން

ތިމާގެ ދަރިންނަކީ ސްކޫލަށް ދާ އުމުރުގެ ކުދިންކަމުގައިވާނަމަ ގޭގައި އެކުދިންނަށް އުނގަންނައިދީ ތަޢުލީމު ދިނުމަށް އެހީތެރިވާނެކަން ކަށަވަރު. މިކަމަކީ ވަރަށް ހަގު ކުއްޖެއް ނުވަތަ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބޭ މީހުންނަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވާނެކަމަކަށް ވުން އެކަށީގެންވޭ. ސަބަބަކީ ތަފާތު އުމުރުމުގެ ކުދިންނަށް ކިޔަވައިދެނީ ތަފާތު ސިލަބަސްތަކަށް ވުމާއި އެކި އުމުރުގެ ކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންވަނީ އެކި ކަހަލަ ހުނަރުކަމަށްވުން. ތިރީގައި މި ބަޔާންކޮށްލަނީ މިކަމަށް ލުޔެއް ހޯދުމުގައި ޢަމަލުކުރެވިދާނެ ބައެއް ގޮތްތައް.

  • ކޮންމެ ދުވަހަކުވެސް އެއް އާދައެއް ހިފެހެއްޓުން މުހިންމު: ޚާއްޞަކޮށް ގޭގައި އުނގަންނައިދިނުމުގައި ކޮންމެ ދުވަހަކުވެސް އެއް އާދައެއް ވީވަރަކުން ހިފެހެއްޓުމަކީ ގޭތެރޭގެ ކަންކަން ފަސޭހައިން ކުރެވޭނެ ކަމެއް. މިގޮތުން ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއް ކިޔެވުމާއި ކެއިން ބުއިމަށް ކަނޑައެޅުމަކީ މިކަމާ ކުރިމަތިލުމުގައި ލިބޭ ކުޑަ މިންވަރެއްގެ ފަސޭހައަކަށްވެދާނެ. ނަމަވެސް ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެއް ކަމުން މިކަން މިގޮތަށް ނުވުން ވެސް އެކަށީގެންވޭ އަދި މިފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ ކުދި ކުދި ބަދަލު ގެނައުމަކީ މައްސަލައެއް ނޫން.
  • ހަނދާނުގައި ބަހައްޓަންވީ ކަމަކީ ތިބާ ތިޔައުޅެނީ ގޭގައި ތަޢުލީމު އުނގަންނައިދޭން ނޫންކަމާއި އޭގެ ބަދަލުގައި ދުރުން ތަޢުލީމުދޭ ޓީޗަރުން ކުދިންނަށް ތަޢުލީމު ދިނުމުގައި އެހީތެރިވެދޭންކަން: މިގޮތުން އޮންލައިންކޮށް ކިޔަވައިދިނުމުގައި ޓީޗަރުން ކަންކަން ކުރިޔަށް ގެންދާގޮތަށް ސަމާލުކަން ދިނުން މުހިންމު. އަދި މިގޮތަށް ކިޔެވުމުގައި ކުދިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފަސޭހައިން ލިބޭނެ ގޮތަކަށް ބެހެއްޓުން މުހިންމު.
  • ކުދިންނަށް ތަޢުލީމުދޭ ފަރާތްތަކަށް އެއްބާރުލުންދިނުން މުހިންމު: ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަކީ ޓީޗަރުންވެސް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ކިޔަވައިދެވޭތޯ މަސައްކަތްކުރާކަމާއި ފަހަރުގައި އެމީހުންނަކީ ވެސް ގޭގައި ކުދިން ބެލުން ފަދަ ޒިންމާތައް ނަގަންޖެހިފައިވާ ބަޔަކަށްވުން އެކަށީގެންވާކަން ޤަބޫލުކުރުން.
  • ޞިއްޙަތު ރައްކާތެރިކުރުން: ޤަވާއިދުން ކަސްރަތުކުރުމާއި، ހަށިގަނޑަށް ފައިދާ ހުރި ކާނާ، މިންހެޔޮކޮށް ކެއުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެއް.
  • ރެކްރިއޭޝަންއަކީ ޒުވާނެއްގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެއް: ފޫހިފިލުވުމަށް ގޭގައި ކުޅެވޭނެ ކޮންމެވެސް ކުޅިވަރެއް ކުޅެވިދާނެ. ނުވަތަ އޮންލައިން ގޭމެއް ނުވަތަ ފިލްމެއްވެސް ބަލާލެވިދާނެ. އޮންލައިން ކުރު ކޯހެއްވެސް ހަދާލެވިދާނެ. މިފަދަ ކަންކަން ކުރުމަށް ޒުވާން އުމުރުގެ ކުދިން ގެންގުޅޭ ބެލެނިވެރިން ބާރު އެޅުން މުހިންމު.