-
ކަރަންޓީންކުރެވޭ ގެތަކަށް އައި.ސީ.ޕީ ތަކުން ފޯރުކޮއްދޭނެ މައިގަނޑު ޚިދުމަތްތަކަކީ:
- ކާބޯތަކެތި ގަތުމުގައި އެހީތެރިވުމާއި، ޚާއްޞަ ޙާލަތްތަކުގައި އެތަކެތި ގޭގެއަށް ފޯރުކޮއްދިނުން: ކަރަންޓީން ކުރެވިފައި ނުވާ ގޭބިސީތަކުން ހުއްދަކުރެވިފައިވާ ޑެލިވަރީ ސަރވިސްތަކުގެ ޚިދުމަތް ހޯއްދެވުމަށް އިލްތިމާސް ކުރަމެވެ. ކަރަންޓީން ކުރެވޭ ގޭބިސީތަކަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތި އެޚިދުމަތްދޭ ފިހާރަތަކުން ބައްލަވައިގަތުމުން އެގޭތަކަށް ގެންގޮސްދިނުމުގައި އެހީތެރިކަން ފޯރުކޮއްދެވޭނެއެވެ. ފިހާރަތަކުން ގެއަށް ޑެލިވަރކޮށް ނުދޭނަމަ، އެގެއެއް ހިމެނޭ ސަރަހައްދުގައި ގާއިމްކުރެވިފައިވާ އައި.ސީ.ޕީއަށް އެތަކެތި ފިހާރަތަކުން ގެނެސްދިނުމުން އައިސީޕީއިން ގޭބިސީތަކަށް ހަވާލުކޮއްދެވޭނެއެވެ. ފައިސާދެއްކުން: ތަކެތި ބައްލަވައިގަންނަވާ ގޭބިސީތަކުން އޮންލައިންކޮށް ނުވަތަ ދެފަރާތް އެއްބަސްވާ ގޮތެއްގެމަތިން ފައިސާދައްކަވަން ވާނެއެވެ.
-
ސައިކޯ-ސޯޝަލް ސަޕޯރޓް:
ކަރަންޓީންކުރެވޭ ގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން ސައިކޯ-ސޯޝަލް ސަޕޯރޓް ބޭނުންފުޅުވާ ފަރާތްތަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރ.ސީ) މެދުވެރިކޮށް އެޚިދުމަތް ފޯރުކޮއްދިނުމުގައި އެހީތެރި ވެވޭނެއެވެ. މިފަދަ އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، 1425 އަށް ގުޅުއްވުން.
- މެޑިކަލް ސަޕޯރޓް:
ސިއްޚީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި މެޑިކަލް ޓީމެއްވަނީ ގާއިމްކުރެވިފައެވެ. ބައެއް ހާލަތްތަކުގައި މިޓީމުން އައިސީޕީ އާއި ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެހީތެރިވާނެއެވެ. އަދި ޑޮކްޓަރުން ދެއްވާ ބޭސް ސިޓީއަށް އާސަންދަ މެދުވެރިކޮށް ކަނޑައެޅިފައިވާ ފާރމަސީތަކުން ބޭސްނަގާދީ ބަލިމީހުންނާއި ހަވާލުކޮއްދިނުމުގައި އެހީތެރިކަން ފޯރުކޮއްދެވޭނެއެވެ. ކޮންމެހެން ބޭނުންވާ ބޭސްތައް ހޯއްދެވުމުގައި އައި.ސީ.ޕީ މެދުވެރިކޮށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ވިލަރެސްކުރެވޭނެއެވެ.
- އައި.ސީ.ޕީ އިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް:
ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީންކުރެވޭ ގެތަކަށް ބޭނުންވާ އެހެނިހެން އަސާސީ ޚިދުމަތްތައް (ކުނިއުކުން، ފެން، ކަރަންޓު، ކައްކާ ގޭސް އަދި މުއާސަލާތީ ޚިދުމަތްތައް) އެޚިދުމަތް ފޯރުކޮއްދޭ ކުންފުނިތައް/ ދާރާތައް މެދުވެރިކޮށް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެދިވަޑައިގަންނަވާ ގޭބިސީތަކަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް އައި.ސީ.ޕީތަކުން ޙަރަކާތްތެރިވާނެއެވެ. ކަރަންޓީން ކުރެވިފައިވާ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައި ވަނީ 09:00 އިން 12:00 އަށް. މި ގޭބިސީތަކުން ނެރޭ ކުނި ރަނގަޅަށް ބަންދުކޮށް ލީކު ނުވާގޮތަށް އެޕާޓްމަންޓުން ބޭރަށް ނެރުން. އެހެނިހެން ގޭބިސީ ތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ 12:00 އިން 18:00 އަށް. މި ގޭބިސީތަކުގެ ކުނި ރަނގަޅަށް ބަންދުކޮށް ލީކު ނުވާގޮތަށް ގޭ ދޮރުމަތި މަގުމަތީ ބެހެއްޓުން.