Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރުމަށް ގެންދިޔުން

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދެވޭ މީހުން ތައްޔާރުމަށް ކުރެވިދާނެ ކަންކަން.


އައިސޮލޭޓް ކުރާ މީހުން

ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ފަރާތްތައް އެހެން މީހުންނާ އެކަހެރިކުރުމުގެ ގޮތުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވޭނެ. މިގޮތަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢު ތެރޭގައި ކޯވިޑް-19 ފެތުރުން ކުޑަކޮށް، އައިސޮލޭޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ޢަލާމާތެއް ފެނި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ކުރެވޭނެ ގޮތް މަގުފަހިކުރުން.

ކަރަންޓީން ކުރާ މީހުން

ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ފަރާތަކާ ގާތުން އެއްތާވެފައިވާ ފަރާތްތަކަކީ މިބައްޔަށް ހުށަހެޅި މި ބަލި ޖެހުމުގެ ފުރުޞަތު ބޮޑު ބައެއް. މިގޮތުން ގާތުން އެއްތާވެފައިވާ މީހުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ހޯދޭ ފަރާތްތަށް ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭ. މިގޮތަށް ޢަމަލު ކުރުމުގެ މަޤްޞަދަކީ މުޅި މުޖުތަމަޢު ތެރޭ ބަލި ފެތުރުން ކުޑަކުރުމުގެ އިތުރުން ކޯވިޑް-19 ބަލި އަވަހަށް ދެނެގަތުން. ކަރަންޓީން ކުރެވޭ ފަރާތްތަށް މަދުވެގެން 14 ދުވަހަށް ކަރަންޓީން ފެސިލިޓީއަކަށް ގެންދެވޭނެ.

ފެސިލިޓީތަކަށް ގެންދިޔުމަށް ޢަމަލު ކުރަމުންދާ އުޞޫލު:

  • ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ފަރާތެއް ނުވަތަ އެފަދަ ފަރާތަކާ ގާތުން އެއްތާވެފައިވާ ފަރާތެއްކަން ޔަޤީންވުމުން ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އިން އެފަރާތަކަށް ގުޅާ ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވޭނެ ވާހަކަ އަންގާނެ.
    • މިގޮތުން އެފަރާތެއް ބަލާ ދެވޭނެ ގަޑި، ދަތުރުކުރާނެ ގޮތް (ކަނޑުމަގުން ނުވަތަ ސީޕްލޭންއިން) އަދި ގެންދެވޭ ކަރަންޓީން ފެސިލިޓީއެއް އަންގާނެ.
  • އެން.އީ.އޯ.ސީ. އިން އެފަރާތެއް ބަލާ ދާއިރު އެމީހަކު ކަރަންޓީން ނުވަތަ އައިސޮލޭޓް ކުރުމަށް ނެރެފައިވާ ނޯޓިސްގެ ކޮޕީ އެފަރާތަކާ ހަވާލުކުރާނެ.
  • ކަރަންޓީން ނުވަތަ އައިސޮލޭޓް ކުރާ ފަރާތް ދަތުރުކުރުމަށް ތައްޔާރުވާއިރު މާސްކު އަޅައި އަދި އެހެން މީހުންނާ ގައިދުރުކަން ފަރިތަކުރުން ވަރަށް މުހިންމު.
  • ފެސިލިޓީތަކަށް ގެންދެވޭ ފަރާތަކީ އެއްވެސް ޙާލަތެއްގައި ސާމްޕަލް ނަގަން ޖެހޭ ފަރާތެއް ނަމަ ފުރުމުގެ ކުރިން ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ.

ފެސިލިޓީއަށް ތައްޔާރުވުން

ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓާއަކަށް ގެންދެވޭއިރު ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދިނުން މުހިންމު:

  • ކަރަންޓީން ކުރެވެނީ ނުވަތަ އައިސޮލޭޓް ކުރެވެނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ނުވަތަ އެފަދަ ފަރާތަކާ ދިމާވެފައިވުމުން ކަމުން ތިމާ މި ބައްޔަށް ހުށައެޅިފައި ވުމާއި އެކު ޢާއިލާގެ ބޭފުޅުންނާއި އެކަހެރިކޮށް ހުރުމުގެ މުހިންމުކަން ހަނދާންކުރަންވާނެ. (ފެސިލިޓީތަކަށް ގެންދެވޭ ވަގުތުގައި ގޭގެ އެހެން މީހުންނާ ބައްދައި، ގައިގޯޅިވެ ހެދުމަކީ މި ބައްޔަށް އެމީހުން ހުށައެޅޭނެ ކަމެއް)

  • ކަރަންޓީން ފެސިލިޓީއަކަށް ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ދިޔުމުގެ ކުރިން ބޭނުން ވެދާނެ ޒަރޫރީ ތަކެތި އެ ފެސިލިޓީއަކަށް ގެންދިޔުމަށް ތައްޔާރުކުރުން. މިގޮތުން، ގެންދެވިދާނެ ތަކެތީގެ ތެރޭގައި

    • ނަމާދުކުރަން ބޭނުން ކުރާ ތަކެތި.
    • މަދިރި ލޯޝަން/ ސްޕްރޭ.
    • އަމިއްލަ ތުވާލި.
    • އަމިއްލަ ރީތިވާ ސާމާނު.
    • އެއްވެސް ކަހަލަ ބޭހެއް ބެނުން ކުރާނަމަ އެ ބޭހެއް.
    • ބާމް އަދި ބޭސް މަލަން ފަދަ ބޭނުން ވެދާނެ ތަކެތި.
    • ފޯނު / ލެޕްޓޮޕް ޗާރޖަރު.
    • ލެޕްޓޮޕް.
    • ކިޔާލާނެ ފޮތެއް ނުވަތަ ލިޔަން ބޭނުންކުރާނެ ފޮތެއް އަދި ގަލަމެއް.
    • ލުއިކާނާ.
    • ބޭނުންވާ ވަރަށް އަންނައުނު.
    • ވަށިގަނޑެއް ނުވަތަ ކޮތަޅެއް (ދާވެފައި ހުންނަށް އަންނައުނު އެޅުމަށް).
  • ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއަށް ދިޔުމަށް ނަފްސާނީ ގޮތުން މީހާ ތައްޔާރުވުން މުހިންމު. މިގޮތުން،

    • އެންމެންނާ ދުރުގައި ހުރުމުގެ މައިގަނޑު މަޤްޞަދަކީ ލޯބިވާ މީހުން މި ބަލިން ރައްކާތެރިކުރުންކަން ދެނެގަތުން.

    • ގޭގެ މީހުންނާއި ދުރުގައި ހުންނަން ޖެހޭނީ މަދު ދުވަސްކޮޅަކަށްކަން ހަނދާނުގައި ބެހެއްޓުން.

    • ފެސިލިޓީތަކުގައި ތިމާ ބޭނުންވާ މިންގަޑަށް ޚިދުމަތް ނުލިބިދާނެކަން ޤަބޫލުކުރުން.

    • ފެސިލިޓީތަކުގައި ތިމާ އެދުވަހެއްގައި ކާން ބޭނުންވާ ތަކެތި ނުލިބިދާނެކަން ޤަބޫލުކުރުން.

    • ކޯވިޑް-19 ގެ ސަބަބުން އެންމެންވެސް ކާރިސާއެއްގައި އުޅޭކަން ޤަބޫލުކުރުން.

ފެސިލިޓީގައި ހުންނަ ވަގުތު

  • ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވޭ މީހަކީ ދާއިމީ ބައްޔަކަށް ނުވަތަ އެނޫން ބައްޔަކަށް ފަރުވާ ކުރާ މީހެއް ކަމުގައިވާނަމަ، އެކަން ފެސިލިޓީގައި ތިބޭ ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެ. އަދި، ހަމަ މިގޮތަށް އެއްވެސް ކާއެއްޗަކަށް އެލާރޖިކް ވާނަމަ އެކަންވެސް ފެސިލިޓީގައި ތިބޭ ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ ވަރަށް މުހިންމު ކަމެއް.
  • ފެސިލިޓީއަކީ ތިމާގެ ގެ ކަމުގައި ބަލައި، ތިމާ ހުންނަ ކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ތިމާގެ ޒިންމާއެއްކަމުގައި ބެލުމަކީ ކުރެވިދާނެ ކަމެއް.
  • ފެސިލިޓީގައި ހުންނަ ވަގުތު ތިމާ ކުރާނެ ކަންތައްތަކުގެ ތާވަލެއް ތައްޔާރުކޮށް އެކަމަށް ޢަމަލުކުރެވޭތޯ ބެލުން.
  • ފެސިލިޓީގައި ހުންނަ ވަގުތުތަކުގައި ފެސިލިޓީގެ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރުން.