ޢާންމު އިރުޝާދުތައް
- ޖޫން 11 އިން 14 ވަނަ ދުވަހުގެ ނިޔަލަށް، ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު) ގައި ޢަމަލުކުރެވޭނީ ފުރަބަންދާ ގުޅިގެން މިހާރުވެސް ޢަމަލުކުރަމުން އަންނަ އުޞޫލާ އެއްގޮތަށް.
- ގްރޭޓަރ މާލެ ސަރަޙައްދުގައި، ޖޫން 15 ވަނަ ދުވަހުން ފެށިގެން ބޭރަށް ނުކުތުމުގައި، ފުލުހުންގެ ހުއްދަ ހޯދާކަށް ނުޖެހޭނެ.
- ގްރޭޓަރ މާލެ ސަރަޙައްދުގައި އާންމުކޮށް މަގުތަކުގައި އުޅުމަށް ކަނޑައެޅިފައިވާ ގަޑިއަކީ، ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ރޭގަނޑުގެ 10:00އާ ދެމެދު.
- ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް.
- ގޭގެއަށް (ޢާއިލާ ގާތަށް، ރައްޓެހިން ގާތަށް، ބަލިމީހުންނަށް ގޮވާލަން) ޒިޔާރަތްކުރުން ހުއްދަވެގެނެއް ނުވޭ.
*އާންމުން ބޭރުގައި އުޅުމަށް ތިރީގައިވާ ގަޑިތަށް އެދެވިގެންވޭ.
- އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުތުން: ފަތިހު 5:00 އިން ހެނދުނު 8:00 އަށް
- ކުޑަކުދިން ބެލެނިވެރިޔަކާއެކު ބޭރަށް ނުކުތުން: ހަވީރު 4:00 އިން ހަވީރު 6:00 އަށް
- ޢާންމު ތަންތާގައި ކަސްރަތުކުރުން: ހަވީރު 6:00 އިން ރޭގަނޑު 9:00 އަށް
- ރަނގަޅަށް ވައި ދައުރުނުވާ ގޮތައް ހުންނަ ބަންދު ތަންތަނާއި، ޚިދުމަތް ދޭ އައުޓްލެޓްތަކުގައި، ޚިދުމަތްދޭ މީހުން ތިބެންވާނީ މާސްކް އަޅައިގެން.
- ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނަށް ވަދެނުކުމެވާއިރު، ސެނިޓައިޒަރ ބޭނުންކޮށްގެން ފަސޭހައިން އަތް ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ.
ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން
- ކޯވިޑް-19 ފެނިފައި ނުވާ، ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ދިނުމާއި، ޢާންމު އުޞޫލުން ދަތުރުފަތުރު ކުރުމުގެ އެއްވެސް ހުރަހެއް ނެތް.
ކޯވިޑް-19 ފެނިފައިވާ ރަށްރަށުގައި ޢަމަލުކުރަންވީ ގޮތް
- ގްރޭޓަރ މާލެ ސަރަޙައްދު އަދި ކޯވިޑް-19 ބަލި ފެނިފައިވާ ރަށްރަށުން، އެހެން ރަށްރަށުން މި ސަރަޙައްދަށް ދަތުރުފަތުރުކުރެވޭނީ ހިފެހެއްޓުންތަކަކާއެކު.
- ފުރަބަންދުގެ ޙާލަތުގެ ސަބަބުން ގްރޭޓަރ މާލެ ސަރަޙައްދުގައި ނުވަތަ ކޯވިޑް-19 ފެނިފައިވާ ރައްރަށުގައި ތާށިވެފައި ތިބި، އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން، އެމީހުންގެ ރަށަށް އަނބުރާ ދިޔުމުގައި ޢަމަލުކުރެވޭނީ މިހާރު ވެސް ޢަމަލުކުރަމުން އަންނަ އުޞޫލުން. އަދި، ރައްރަަށުން އެނބުރި ރަށަށް ދިޔުމަށް ފަހު، އެމީހަކު ހުންނަން ހަމަޖެހިފައިވާ ގެއެއްގައި، 24 ދުވަސް ހަމަވަންދެން ހޯމް ކަރަންޓީންގައި ހުންނަންޖެހޭނެ.
އެއްވެއުޅުމާއި، ޙަފްލާތައް ބޭއްވުން (ކޯވިޑް-19 ފެނިފައިވާ ރަށްރަށް)
- 2020 ޖޫން 15 ވަނަ ދުވަހުން ފެށިގެން، ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ 3 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް.
- 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން، ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް.
ރީޓެއިލް ޚިދުމަތްދޭ ވިޔަފާރިތައް
- ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް: ފިހާރަޔަށް ވަދެނިކުމެވޭހެން ފިހާރަތައް ހުޅުވައިލުން.
- ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް: ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ދިނުން.
- ކޮންމެ ފިހާރައެއްގެ ބޭރުގައި ވެސް، އެތަނަކަށް އެއްފަހަރާ އެންމެ ގިނައިން ވަދެގެން ޚިދުމަތް ހޯދޭނެ މީހުންގެ ޢަދަދު ލިޔެފައި ހުންނަންވާނެ.
- ކޮންމެ ފިހާރައެއްގެ ބޭރުގައި ވެސް، ގައިދުރުކުރުމަށް ހަނދާންކޮށްދޭ ނިޝާންތަކާއި މާކްތައް ކުރަހާފައި ހުންނަންވާނެ.
- ފިހާރައަށް ވަންނަ އިރު ކޮންމެހެން ވެސް މާސްކް އެޅުން.
- ފިހާރަތަކަށް ވަދެނުކުމެވާ އިރު، ސައިބޯނިލައިގެން އަތް ދޮވެވޭނެ ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރެވޭނެ އިންތިޒާމު، ކޮންމެ ފިހާރައަކުން ވެސް ހަމަޖައްސާފައި ހުންނަންވާނެ.
ޔުޓިލިޓީގެ ޚިދުމަތްތައް
- ޔުޓިލީގެ ޚިދުމަތްތައް މިހާރުވެސް އަމަލުކުރަމުންދާ އެޞޫލުން ކުރިއަށް ގެންދިއުން.
ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް
- 15 ޖޫން އިން 30 ޖޫންގެ ނިޔަލަށް: ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީ (ހެނދުނު 9 އަކުން ރޭގަނޑު 10 އަކަށް) އަދި ޓޭކްއަވޭ ޚިދުމަތް ދިނުން ކުރިއެކޭ ވެސް އެއްފަދައިން ކުރިޔަށް ގެންދެވޭނެ.
- ޖުލައި 1 އިން ފެށިގެން: ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވައިލެވޭނެ.
ޓެކްސީ
- ޓެކްސީގެ ޚިދުމަތް ދިނުމުގައި އެޗް.ޕީ.އޭގެ އުސޫލާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުން.
ޞިއްޙީ ޚިދުމަތް
ޞިއްޙީ ޚިދުމަތް ދޭ ތަންތަން
- "ކޯވިޑް-19" ނޫން ބަލިތަކަށް ފަރުވާ ދިނުމަށް، އޯޕީޑީ، ޑަޔަގްނޯސްޓިކް ސާރވިސް އަދި ރޭޑިއޮލޮޖީގެ ޚިދުމަތްތައް ކުރިއެކޭ ވެސް އެއްފަދައިން، ހޮސްޕިޓަލްތަކުގައާއި ޕްރައިވެޓް ކްލިނިކްތަކުގައި ކުރިއަށް ގެންދިއުން.
- އޮންލައިން އޯޕީޑީ ޚިދުމަތް ކުރިއަށް ގެންދިއުން.
- ލޯ ރިސްކް ދަތުގެ ފަރުވާ ކުރިއަށް ގެންދިއުން.
- އެއްވެސް ރަށަކުން ބަލި މީހަކު، އެހެން ރަށެއްގައި ހުރި ހޮސްޕިޓަލަކަށް ރިފަރކުރަންވާނީ، ރިފަރކުރެވޭ ހޮސްޕިޓަލެއްގެ ސްޕެޝަލިސްޓް އެޕްރޫވަލް ލިބުމުން.
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް
- ހޮސްޕިޓަލް އަދި ޕްރައިވެޓް ކްލިނިކްތަކުން ކޮންސަލްޓޭޝަން ޚިދުމަތް ދޭ މީހުންގެ ޢަދަދު ލިމިޓްކުރުމާއެކު ހުޅުވައިލުން.
ޞިއްޙީ ޚިދުމަތްތައް – ކޯވިޑް-19 އަށް ޚާއްޞަ ކްލިނިކްތަށް
- ފްލޫ ކްލިނިކްތަކުގެ ޚިދުމަތް ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދިއުން.
- ބަލި މީހުންނަށް ދެވޭނެހެން ކްލިނިކްތައް ހުޅުވާލެވިގެންދާނެ.
މިސްކިތްތައް
- ކޯވިޑް-19 ފެނިފައިނުވާ ރަށްރަށުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ވަނީ ދެވިފައި.
- ގްރޭޓަރ މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމަޢަތް ހެދުމަކާނުލައި މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ވަނީ ދެވިފައި.
- މިސްކިތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ އުޞޫލު އިސްލާމިކް މިނިސްޓްރީން ވަނީ އިޢުލާން ކޮށްފައި. މިސްކިތްތައް ބޭނުންކުރަން ވާނީ މި އުޞޫލާ އެއްގޮތައް.
ސަރުކާރުގެ އޮފީސްތައް
- 2020 ޖޫން 14 އިން 18 އަށް: ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް، ސަރުކާރުގެ އޮފީސްތައް ހުޅުވުން. މި ދުވަސްތަކުގެ މިގަޑިތަކުގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ޒަރޫރީ ޚިދުމަތްތަކާއި ކޮންމެހެން ނިންމަންޖެހޭ މަސައްކަތް ނިންމުމުގެ ގޮތުން.
- ސަރުކާރުގެ އޮފީހެއް ހުޅުވި ނަމަވެސް، އެ އޮފީހަކަށް ޢާންމު ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިލައިގެން ނުވާނެ.
ޕްރައިވެޓް އޮފީސްތައް
- ޕްރައިވެޓް އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތައް ހުޅުވުމުގައި މިހާރުވެސް ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރަމުން ގެންދިއުން.
ތަޢުލީމީ ދާއިރާ
- މިހާރު ސްކޫލްތައް ވާނީ ބަންދު ކުރެވިފައި.
- ސްކޫލްތައް ހުޅުވާނެ ތާރީޚުތަކާއި އިތުރު ތަފްޞީލު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިޔަށް އޮތް ދުވަސްތަކުގައި އިޢުލާން ކުރާނެ.
- މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން، އެނޫން ގޮތަކަށް އިޢުލާންކުރަންދެން، މަތީ ތަޢުލީމުދޭ ތަންތަނުން، މިހާރެކޭ އެއްގޮތަށް އޮންލައިންކޮށް ކިޔަވައިދިނުން.
ކުޅިވަރު އަދި ރިކްރިއޭޝަން
- ޖޫން 15 ވަނަ ދުވަހުން ފެށިގެން މީހުން ވަކިވަކިން ކުރާ ކަސްރަތުތައް ކުރުމަށް ހުޅުވާލެވިގެންދާނެ.
- ގައިދުރުކަން ނުބެހެއްޓޭ ގޮތަށް ކުޅެވޭ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ހުޅުވިގެން ނުވޭ.
- ގައިދުރުކަން ބެހެއްޓޭ ގޮތައް ކުޅޭ އިންޑޯ ކުޅިވަރުތައް ކުޅެވިދާނެ. (މިސާލަކަށް ބެޑްމިންޓަން)
- ގްރޫޕް ކަސްރަތުތައް ނުކުރެވޭނެ.
ޕާކުތަކާއި މައިޒާންތައް
- ޕާކުތަކާއި އެހެނިހެން މައިޒާންތައް މިހާރު ވާނީ ހުޅުވާލެވިފައި.
- މީހުން ގޮސް އުޅޭ ޕާކުތަކާއި މައިޒާން ފަދަ ތަންތަނުގައި، އަތްދޮވެވޭނެ ނުވަތަ ސެނިޓައިޒްކުރެވޭނެ ފަސޭހަ އިންތިޒާމެއް ޤާއިމުކުރެވިފައި ހުންނަން ވާނެ.
ޞިނާޢީ މަސައްކަތްކުރާ ތަންތަނާއި ވާރކްޝޮޕްތައް
- މިހާރު ޢަމަލު ކުރަމުންދާ އުޞޫލާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުން.
- މިފަދަ ތަންތަން ހުޅުވުމަށް، ޖޫން މަސް ނިމެންދެން ހުއްދަ ބޭނުންވާނެ.
ޢިމާރާތްކުރުމު ޚިދުމަތް
- މިހާރުވެސް އަޅަމުން ދާ ޚާއްޞަ ފިޔަވަޅުތަކާ އެކު މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނެ.
އެއަރޕޯރޓް
- ޑޮމެސްޓިކް:
- ކޯވިޑް-19 ބަލި ނެތް ރަށްތަކުގެ މެދުގައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް އެއަރޕޯރޓްތައް ވަނީ ހުޅުވިފައި.
- އިންޓަރނޭޝަނަލް އެއަރޕޯރޓް:
- ބައިނަލްއަޤްވާމީ ދަތުރުތަކަށް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ހުޅުވިގެންދާނީ ޖުލައި މަހުގައި.
ޕޯރޓް އޮފް އެންޓްރީ
- މިހާރުވެސް އަޅަމުންދާ ފިޔަވަޅުތަކާ އެކު މަސައްކަތް ކުރުމުގެ ހުއްދަ ވަނީ ދެވިފައި.
ސްޕާ އަދި ސެލޫންތައް
- ބޯކޮށާ ތަންތަނާއި، ސެލޫން އަދި ސްޕާތައް ވާނީ ބަންދުކުރެވިފައި. އަދި ނިއު ނޯމަލްގެ އުޞޫލުތަކާ އެކު މި ތަންތަން ޖުލައިމަހުގައި ހުޅުވާލެވޭނެ.