Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް އެހީތެރިވުން

ކޮވިޑް-19ން ރައްކާތެރިވުމުގެ ގޮތުން އެންމެން ވެސް ގޭގައި މަޑުކުރުމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުން. މި ގޮތަށް ގޭގައި މަޑުކުރަން ޖެހުމަކީ ބައެއް ފަރާތްތަކަށް ހިތްނުތަނަވަސްކަން އިޙްސާސްކުރުވަފާނެ ކަމެއް. ޚާއްޞަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް މިއީ ވަރަށް ވެސް އުނދަގޫ އަދި ނުރައްކާތެރި ޙާލަތަށްވުން އެކަށީގެންވޭ.


ކޮންމެ ފަދަ ޙާލެއްގައި ވެސް ގެވެށި އަނިޔާއަކީ ކޮށްގެންވާނެ ކަމެއްނޫން. ގެވެށި އަނިޔާގެ ޝިކާރައަކަށްވުމުގެ ބިރު އޮތް ފަރާތްތަކަށް، އަދި ހާސްކަން ތަޙައްމުލުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ތިބިކަން އެންގުމަކީ ވަރަށް މުހިންމު ކަމެއް. އެ ގޮތުން، ކަމާ ބެހޭ ފަރާތްތައް މި ކަމުގައި އެހީތެރިވުމަށް ތިބިކަން ތިޔަ ބޭފުޅުންނަށް ހަނދާން ކޮށްދެން.

ގެވެށި އަނިޔާއަކީ ކޮބާ؟

ގެވެށި އަނިޔާގެ ޢަމަލުގެ ގޮތުގައި ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގެ 4ވަނަ މާއްދާގައި 17 ޢަމަލެއް ބަޔާންކުރެވިފައިވޭ. އެއީ:

  1. ޖިސްމާނީ އަނިޔާކުރުން
  2. ޖިންސީގޮތުން އަނިޔާކުރުން
  3. ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން
  4. މާލީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުން
  5. މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށް ކަމުގައިވީ ނަމަވެސް، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި މާބަނޑުކުރުން
  6. އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުން
  7. މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުން
  8. ބިރުދެއްކުން
  9. ގޯނާކުރުން
  10. ފާރަލުން
  11. މުދަލަށް ގެއްލުންދިނުން
  12. އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ޙާލަތްތަކުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން
  13. މިނޫން ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫން ވެސް އަނިޔާވެރި ޢަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން
  14. މީހެއްގެ އަމިއްލަ އިޚްތިޔާރު އޮތް ނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިޚްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން
  15. މީހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން
  16. އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ ޢަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން
  17. ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ ޢަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ޙާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން

މިފަދަ ކަންކަން ދެނެގަންނާނީ ކިހިނެއް؟

ތިމާ ނުވަތަ އެހެން މީހަކު މިފަދަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވޭތޯ ދެނެގަތުމަށް ތިރީގައިވާ ކަންތައްތަކަށް ބެލުން ވަރަށް މުހިންމު

  • ނެގިމަޑުވެފައި ނުވަތަ އެހެންމީހުންނާ މާބޮޑަށް އެކަހެރިވެގެން ހުރުން
  • ހަށިގަނޑުން ނޫފައިގެންފައި ހުންނަށް ތަންތަން ފެނުން
  • ޚަރަދުތައް މާ ބޮޑަށް ކޮންޓްރޯލްކުރަން މަސައްކަތްކުރުން އަދި އެހެން ނުވެއްޖެ ނަމަ ބިރުގަނެ ހާސްވުން
  • ފޯނުން ކުރާ ކަންތައް މޮނިޓަރކުރުން. ޚާއްޞަކޮށް މީސްމީޑިޔާގެ ކަންތައްތައް ބެލުން.
  • މީހުންނާ ވާހަކަ ނުދެއްކުން، ކުދިކުދި ކަންތައްތަކާ ހާސްވުން.
  • އެކި ކަހަލަ ކުދި އަނިޔާތައް ލިބިގެން ހޮސްޕިޓަލްގެ އިމާޖަންސީއަށް ދެއްކުން (އަދި ލިބިފައިވާ އަނިޔާއަކީ ވެއްޓި ނުވަތަ އަމިއްލައަށް އެހެން ކަމެއް ކުރަނިކޮށް ލިބިފައިވާ އަނިޔާކަމަށް ބުނުން).
  • ބައިވެރިޔާގެ ހުއްދައާ ނުލާ އަމިއްލަ ނިންނުންތައް ނިންމަން ފަސްޖެހުން ނުވަތަ ބިރުގަތުން.
  • އޮފީހުގެ ކަންކަން ކުރުމުގައި ދޭންޖެހޭ ސަމާލުކަން ނުދެވުން.
  • އެހެންމީހުންނާއި އެކަހެރިވެގެން އުޅުން އަދި ސިއްސައިގެން ދިޔުން.
  • އާޢިލީ ބައްދަލުވުމުގައި ބައިވެރިވުންތަކުގައި އުޒުރުވެރިވުން.
  • އަމިއްލަ ކަންކަން ކުރުމަށް އަތުގައި ފައިސާ ނެތުން ނުވަތަ ބައިވެރިޔާގެ ހުއްދަ ބޭނުންވުން.
  • ހާސްވެ ކަންބޮޑުވެފައި ހުރުން.
  • ކުދިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވުން..
  • ސްކޫލުގައި ހަލަބޮލިވުން ނުވަތަ އެކަހެރިވެއުޅުން.
  • އުމުރާ ނުގުޅޭ ބަހުރުވަ ބޭނުންކުރުން.

ގެވެށި އަނިޔާގެ ޝިކާރައަށްވާ ކުޑަކުދިން އަދި ޒުވާނުންނަށް އެހީތެރިވުން

  • ގެވެށި އަނިޔާ ތަޙައްމުލުކުރަމުންދާ ކުދިން ނުވަތަ ޒުވާނުން އަދި މި ފަދަ ޢަމަލުތަށް ފެންނަ ކުދިން ހެދި ބޮޑުވުމުގައި ނަފްސާނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ.
  • މި ފަދަ ނާޒުކު ޙާލަތުގައި ތިބި ކުދިން ނުވަތަ ޒުވާނުންނަކީ މި ދަނޑިވަޅުގައި އަޅާނުލެވި ދޫކޮށްލާ ބަޔަކަށް ނަހަދާ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ބަޔަކަށް ހަދަމާތޯ.
  • އަދި މި ފަދަ ކުދިންގެ ރައްކާތެރިކަމާ މެދު ބިރުހީވާ ނަމަ އެ މަޢުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ޙިއްޞާކުރައްވާ.

އެހީ ހޯދާނީ ކިހިނެތް؟

  • ތިމާ ނުވަތަ އެހެން މީހަކު ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ނަމަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހޮޓްލައިން33282393 އަށް ގުޅައިގެން އެކަން ރިޕޯޓުކުރައްވާ.
  • ކުޑަކުއްޖަކު ގެވެށި އަނިޔާގެ ޝިކާރަޔަކަށްވާ ނަމަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ގުޅައިގެން އެކަން ރިޕޯޓުކުރައްވާ.
  • ހިތުގެ އުދާސްތައް ގިނަވެ ފިކުރުބޮޑުވާ ނަމަ، ނަފްސާނީ އެހީތެރިކަން ހޯއްދެވުމަށް އެމް.އާރު.ސީގެ ހެލްޕްލައިން 1425 އަށް ގުޅައިގެން އެހީ ހޯއްދަވާ.