Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ކޯވިޑް-19 ފެތުރެމުންދާ މިދުވަސްވަރު ބޯޑަރލައިން ޕަރސަނަލިޓީ ޑިސްއޯޑަރ އާ ކުރިމަތިލުމަށް އެހީއެއް

ކޯވިޑް-19 ފެތުރެމުންދާ މިދުވަސްވަރަކީ އެންމެނަށްވެސް ހާސްކަމާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއް. ނަމަވެސް ހަނދާނުގައި ބެހެއްޓުން މުހިންމުކަމަކީ ކަންތައްތައް ކޮންމެސް ދުވަހަކުން ރަނގަޅުވާނެކަން.


ބޯޑަރލައިން ޕަރސަނަލިޓީ ޑިސްއޯޑަރއަށް (ބީ.ޕީ.ޑީ) ޑައިގްނޯސް ކޮށްފައިވާ މީހުންނަށް ކޯވިޑް-19 ގެ މި ބަލިމަޑުކަން ފެތުރެމުންދާއިރު ދިރިއުޅުމަކީ އިތުރު އުނދަގޫތަކާ ކުރިމަތިކުރުވައިފާނެ ކަމެއް. މި ބަލި ތަޙައްމަލުކުރާ މީހުންނަށް ޕެނިކް އެޓޭކްޖެހުމާއި، މީހުންނާ އެކަހެރިވުމާއި، ތުރުތުރުލުމާއެކު ރުއިމަކީ ކުރިމަތިވާ ބައެއް ކަންކަމަށް ވާއިރު މިފަދަ ދުވަސްކޮޅެއްގައި ގޭގައި އެކަހެރިވުމަކީ މި ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވުން އެކަށީގެންވާ ކަމެއް. މިގޮތުން ބައެއް މީހުން އިތުރަށް ވަރުބަލިވުމާއި، ކަންނެތްވުމާއި، ރުޅިގަދަވުން އަދި ބިރުގަތުން ފަދަ އިހްސާސްތަކާ ކުރިމަތިލާން ޖެހޭ. މިކަންކަމަކީ މި ބަލި ހުންނަ މީހުން އާދައިގެ ދިރިއުޅުމެއް އުޅުމަށް އެތައް ދުވަހެއްގެ މަތިން ކޮށްފައިވާ ފަރުވާތަކުން ހޯދާފައިވާ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ކުރުވައިފާނެ ކަމެއް.

ބީ.ޕީ.ޑީ އަށް ޑައިގްނޯސްކޮށްފައިވާ ފަރާތްތަކަށް މިދުވަސްވަރަކީ އެމީހުންގެ ކޯޕިންގ މެކޭނިޒަމްގެ ގޮތުގައި ޢަމަލުކުރުމަށް ދަސްކޮށްދީފައިވާ އުކުޅުތައް މަޑުމަޑުން ހަނދާން ނެތިދާނެ ފަދަ ދުވަސްވަރެއް. ފަހަރުގައި ތިމާ އެކަމަކުން އަރައިގަނެފައިވާ ކަމެއް އަލުން ދިމާވާހެން ހީވުންވެސް އެކަށީގެންވޭ. އަދި ކޯވިޑް-19 ފެތުރުން މަޑުޖެއްސުމުގެ ގޮތުން ގޭގައި އެކަހެރިވާން ޖެހުމަކީ މި ބަލީގެ އަލާމާތެއްކަމުގައިވާ އެކަހެރިކަމުން އަރައިގަތުމަށް ކުރަމުން އައި ހުރިހާ މަސައްކަތަކަށް ނޭދެވޭ އަސަރުކުރުވުން އެކަށީގެންވާ ކަމެއް.

މިފަދަ ޙާލަތެއްގައި ބީ.ޕީ.ޑީ އަށް ޑައިގްނޯސްކޮށްފައިވާ ފަރާތެއް ކުރުމަށް އެންމެ އެކަށީގެންވާ އެއްކަމަކީ ރައްކާތެރި މާހައުލެއްގައި ހުރެ ތިމާއަށް އަޅާލާ ތިމާއަށް އެއްބާރުލުންދޭ މީހުންނާ ގުޅުން ބަދަހިކުރުން. އަދި ތިމާ މީހާއަށް ލިބިފައިވާ ނިޢުމަތްތަކުގެ މަތިން ގިނަ ގިނައިން ހަނދާންކުރުން. ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ބެހެއްޓުމަކީ މި ބަލީގެ ޢަލާމާތްތައް ގޯސްވަމުން ދާނަމަ އެކަން އެގޮތަށް ވިޔަ ނުދިނުމަށް އެހީވެދޭނެ ކަމެއް. މިސާލަކަށް ތިމާ ދެކޭ ލޯބިވާ މީހުން ތިބިކަން ހަނދާންކުރުމާއި، ވަޒީފާއެއް އޮތުމާއި، ބޭނުން ކުރާނެ ޒަމާނީ ޓެކްނޮލޮޖީ ލިބިފައިވުން މީގެ ތެރޭގައި ބެލެވިދާނެ.

މިބަލި ތަޙައްމަލުކުރާ މީހުން ދެން ކުރުން އެންމެ ރަނގަޅު ކަމަކީ ޙާލަތާ އެއްގޮތަށް ބަދަލުވާން ދަސްކުރުން. މިފަދަ ޙާލަތެއްގައި މާޔޫސްވުމުގެ ބަދަލުގައި މި ހާލަތުން އަރައިގަތުމަށް ނުވަތަ ޙާލަތާ އެއްގޮތަށް ބަދަލުވުމަށް ވިސްނުން ގެންގުޅެ ކޮންމެ ކަމަކާވެސް ވަރަށް ކެރިގެން ކުރިމަތިލުން މުހިންމު. ބަދަލަކީ ފަސޭހަކަމަކަށް ނުވިޔަސް މަޑު މަޑުން އެކަމަށް ހޭނޭނެ. އެއްވެސް ކަމަކީ ނުވަތަ އެއްވެސް ހާލަތަކީ ތާ އަބަދު އެއްގޮތަކަށް ދެމި އޮންނާނެ ކަމެއް ނޫން.

މީގެ އިތުރުން ދެން ކުރަން އެންމެ ރަނގަޅުކަމަކީ އަމިއްލަ މީހާގެ ފިކުރުތަކާއި އިހްސާސްތަކާއެކު އުޅެން ދަސްކުރުން. އެކަނިވެރިކަމަކީ ދެރަވުމާއި ފިކުރުކުރުމުގެ ޙާލަތެއްގެ ގޮތުގައި ވިސްނުމުގެ ބަދަލުގައި އެކަނި ވެރިކަމަކީ ހަމަޖެހުމާއި އުފާވެރިކަން ގެނުވާ ކަމެއްކަމުގައި ތިމާގެ ސިކުނޑިއަށް ވިސްނައިދެވިދާނެ. އަދި އަމިއްލަޔަށް ޝައުޤުވެރިވާ ކަންކަމުގައި ޝާމިލުވެ އުޅެ ތިމާ ކުރާހިތްވާޒާތުގެ ކަންކަން ކުރެވިދާނެ. މިކަމުގައި އެހެން މީހުންނެކޭ އެއްވަރަށް ތިމާ އަކީވެސް މުހިންމު މީހެއްކަން އަމިއްލަ ނަފްސަށް ވިސްނައިދިނުން މުހިންމު.

ބީ.ޕީ.ޑީ އާ އެކު ދިރިއުޅުމަކީ ގޮންޖެހުން ގިނަ ދަތުރަކަށް ވިޔަސް ބައެއް ފަހަރު ބޭނުންވަނީ ކުޑަ ހިތްވަރަކާއެކު ތިމާ ދިރިއުޅުމައިގެން ކުރިޔަށް ދިޔުންކަން ހަނދާނުގައި ބަހައްޓާ.