Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް 114 އަހަރުފުރި މިއަދު މިފެށުނީ 115ވަނަ އަހަރު!

މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތްތައް އިތުރަށް ކުރިއަރުވައި ރައްޔިތުންނަށް މިހާރަށްވުރެ ލުއިފަސޭހަ ކޮށްދިނުން...

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން
މިއަދަކީ ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނުތާ 114 އަހަރު ފުރުނު ދުވަހެވެ. ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނީ 9 ސެޕްޓެމްބަރ 1906ގައެވެ. ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތުގެ 115ވަނަ އަހަރު ފެށުމުގެ ތާރީޚީ މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، ޕޯސްޓުގެ ޚިދުމަތް ދެއްވާ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކަށް ޚާއްޞަ ގޮތެއްގައި އަރިސް ކުރަމެވެ. އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުން އަރިސް ކުރަމެވެ.

ރާއްޖޭގެ ޕޯސްޓު އޮފީހަކީ މުޅި ދައުލަތުގެ އެންމެގިނަ ދުވަސްވީ އެއް އިދާރާއެވެ. ވީމާ، ރާއްޖޭގެ ޕޯސްޓުގެ ތާރީޚަކީ ކުރިއެރުމާއި ތަރައްޤީގެ މަރުހަލާތަކެއް ކަނޑަތު ކޮށްފައިވާ ފަޚުރުވެރި ތާރީޚެކެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ ސްޓޭމްޕްތަކަކީ ދުނިޔޭގައި މަގުބޫލް ސްޓޭމްޕްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

1906ގައި ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތް ފެށުނުއިރު ނުވަތަ ރާއްޖޭގެ ފުރަތަމަ ޕޯސްޓު އޮފީހުގެ ވެރިޔަކީ އޭރު ކަސްޓަމާއި އަދި ޚާރިޖީ ކަންތައްތައް ބެލެހެއްޓެވުމުގެ ވެރިޔާ، ރަދުންގެ ކާތިބުއްސިއްރު (ރަދުންގެ ސެކްރެޓަރީ) އަލްއަމީރު ޢަހުމަދު ދޮށިމޭނާ ކިލެގެފާނެވެ. އޭގެފަހުން 1932ގައި ރާއްޖޭގެ ދުސްތޫރީ ސަރުކާރާއެކު ޕޯސްޓުގެ ވެރިޔަކީ (އަލްއަމީރު އަޙްމަދު ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން) އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. ކަސްޓަމުގެ ވެރިކަމާއި ވަޒީރުއްތިޖާރާ (މިނިސްޓަރ އޮފް ޓްރޭޑް) ކަމާއެކުގައެވެ.

މި 2 ބޭފުޅުންނާއި އަދި ރާއްޖޭގެ ޕޯސްޓުގެ ވެރިކަން ކުރެއްވި އެންމެހައި ވެރިންނާއި މުއައްޒަފުންގެ ޚިދުމަތް ފާހަގަކޮށް، މި ފުރުޞަތުގައި އެބޭފުޅުންގެ ހަނދާނާ ޒިކުރާ ކުރަނީ ޝުކުރުވެރިކަމާއެކުގައެވެ.

މިއަދުގެ މި ޓެކްނޯލޮޖީގެ ދުނިޔޭގައިވެސް އެހެނިހެން ޒަމާނީ މުވާޞަލާތުތަކުގެ ކުރިއެރުމާއި އެކުގައިވެސް ޕޯސްޓުގެ ޚިދުމަތުގެ މުހިންމުކަމާއި މަޤުބޫލުކަން ކުޑައެއް ނޫނެވެ. އަދި ކޮވިޑް-19ގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަމާއެކު، ޕޯސްޓުގެ ޚިދުމަތް ބޭނުންކުރުން ވަނީ ގިނަވެފައެވެ. މިއިން ދޭހަވަނީ ޕޯސްޓުގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރަންޖެހޭ ކަމެވެ.

ސަރުކާރުގެ އަދި މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތްތައް އިތުރަށް ކުރިއަރުވައި، އާ ޚިދުމަތްތައް ތަޢާރަފުކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށް ދިނުމެވެ. އަދި ރައްޔިތުންނަށް މަޤުބޫލު ޚިދުމަތްތަކެއް ދިނުމެވެ.