މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ރަށްރަށުގައި ގާއިމްކުރަން ނިންމާފައިވާ ކުޑަކުދިންގެ ޕާކްތަކަށް ބޭނުންވާ ސާމާނު ބައެއް ރަށްރަށަށް ދޫކުރަން ފަށައިފިއެވެ. މުޖުތަމަޢު ބާރުވެރިކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 50 ރަށެއްގައި ކުޑަކުދިންގެ ޕާކް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މާލެއަށް ގެނެވިފައިވާއިރު މިނިސްޓްރީއިން އަންނަނީ މިހާރު އެސާމާނުތައް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރަމުންނެވެ. މިހާތަނަށް ވަނީ ގދ. ތިނަދޫ، ގދ. ރަތަފަންދޫ، ބ. ކިހާދޫ، އދ. ކުނބުރުދޫ، އއ. ރަސްދޫ، ތ. ކަނޑޫދޫ، ކ. ގުޅި، ކ. ގާފަރު، ތ. ވަންދޫ، ރ. ވާދޫ އަދި ހއ. ތުރާކުނަށް ޕާކް ސެޓް ދޫކުރެވިފައެވެ.