Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ދިވެހި އާއިލާތަކަށް މިނިސްޓަރުގެ ޚާއްސަ ޝުކުރެއް

ދެލޯފަދަ ދަރިން ސިފައިންގެ ޚިދުމަތަށްޓަކައި ހަދިޔާކުރި މައިންބަފައިންނަށް މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރައްވައިފި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
ސިފައިންގެ މަތިވެރި ޚިދުމަތާ ގުޅުމަށް މައިންބަފައިންގެ ދެލޯފަދަ ދަރިން ހަދިޔާކުރި ހިތްވަރުގަދަ މައިންބަފައިންނަށާއި އާއިލާތަކަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ޝުކުރު އަދާކުރައްވައިފިއެވެ. މިނިސްޓަރު މާރިޔާ މިކަމަށް ޝުކުރު އަދާކުރެއްވީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުން ވަނަތައް ޙާސިލްކުރެއްވި ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވުމަށް، ފާދިއްޕޮޅު މާފިލާފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ ޚިދުމަތުގައި ކުރިއެރުން ޙާސިލްކުރަން ބޭނުން ނަމަ، ތިމާގެ ޤާބިލްކަމާއި ބުރަ މަސައްކަތާއި ޕްރޮފެޝަނަލިޒަމުން އެ ކުރިއެރުން ތިމާއަށް ޙައްޤުވާކަން، އެއޮންނަ އުޞޫލުގެ ތެރެއިން، ސާބިތުކޮށްދީފިނަމަ، ޕްރޮމޯޝަނަކަސް، ކުލަޔަކަސް، މެޑައްޔަކަސް، އެއީ ލިބޭނެ ޙައްޤެއް ކަމަށެވެ. އަދި މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ސިޔާސީ ނުފޫޒުން ދިފާޢީ މުއައްސަސާ އެއްކިބާކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދު، ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ޙާސިލްކުރެވޭނީ، ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެން ކަމަށް ވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ ބަދަހި ސަފުތަކާ ގުޅިގެން، ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާއިރު، އެއްވެސް ތަފާތެއްނެތި، ހަމަހަމަކަމާއެކު، ޚިދުމަތްދިނުމަށް ކޮންމެ ކުއްޖަކުވެސް އިސްކަންދޭންވާނެ ކަމަށެވެ. އަދި މިއަދު ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ޢަމާޒަކަށް ވާން ވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޤައުމީ ދިފާޢީ ބާރާމެދު ގެންގުޅުއްވާ ދުރުވިސްނުމާއި ވަރުގަދަ ތަޞައްވުރު ޙަޤީޤަތަކަށް ހެދުންކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ދިވެހި ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ޙާސިލްކޮށްފައިވާ، ޤާބިލް، ސިފަވަންތަ އަޚްލާޤެއްގެ މަތީގައި ތިބޭ، ޕްރޮފެޝަނަލް އަދި "ފައިޓިންގ ފިޓް ފޯރސް" އެއްގެ ގޮތުގައި ތިބޭބައެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިންގެ ލީޑަރޝިޕާއި، ކޯހުގެ މުދައްރިބުންގެ މިންނެތް މަސައްކަތުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު މާރިޔާގެ ވާހަކަ ފުޅުގައި އެކަމަނާ ވަނީ، ކޯވިޑް-19 ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް، ސިފައިންގެ އާ ޖީލެއް ބިނާކުރުމަށްޓަކައި، މާލެ ނުގޮސް، އާއިލާޔާ ދުރުގައި، ގިނަ ދުވަސްތަކެއް، ކޯހުގެ މުދައްރިބުން ހޭދަކުރައްވާފައިވާކަން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރުއަދާ ކުރައްވައިފައެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ސީ.ޑީ.އެސް.އެސްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު އާއި އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ނޯދަން އޭރިޔާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.