Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަކުރަން ސަރުކާރުން ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ: މިނިސްޓަރ މާރިޔާ

ޖަޕާނު ސަރުކާރުން ވަނީ ޓެރަރިޒަމާ ދެކޮޅަށް ބޭނުންކުރާ އާލާތްތަކެއް ހަދިޔާކޮށްފައި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ
ބަދަލުވަމުންދާ ބައިނަލްއަޤްވާމީ ސަލާމަތީ ވެށީގައި ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޮރ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން، އެޤައުމުން ހަދިޔާކުރި "އެންޓި-ޓެރަރިޒަމް އިކުއިޕްމަންޓް" ހަވާލުކުރުމަށްޓަކައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ އާލާތްތަކާއި އެއްގަމު އުޅަނދުތަކުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ހެވީ ޑިއުޓީ ވެހިކަލްތަކާއި، މޯބައިލް އެކްސްރޭ ސްކޭނަރާއި، ލިކުއިޑް ސްކޭނަރާއި، ހޭންޑް-ހެލްޑް މެޓަލް ޑިޓެކްޓަރ ފަދަ އާލާތްތަކުގެ ސަބަބުން، ނުރައްކަލުގެ ޙާލަތްތައް މެދުވެރިވިޔަ ނުދީ، އެފަދަ ކަންކަމަށް ދުރާލައި ތައްޔާރުވެ، ސްކްރީނިންގ، ޕްރިވެންޝަން އަދި ރެސްޕޮންސްގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) އިން ކުރަމުންދާ މަސައްކަތަށް، އިތުރު ބާރެއް ލިބިގެންދާނެކަމަށް މިނިސްޓަރ މާރިޔާވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ޢަމާޒަކީ ޒަމާނުއްސުރެ ޞުލްޙަޔާއި އަމާންކަމުން ޒީނަތްތެރިވެފައިވާ ދިވެހިރާއްޖޭގެ އިޖްތިމާޢީ ފޭރާން އިރާ ކުދިކުދިކޮށްލުން ކަމަށް ވާއިރު، މިނުރައްކަލާ ކުރިމަތިލާން ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތަކެއް ޖަޕާނުން ހަދިޔާކުރި ކުރުމުން ދޭހަވަނީ، އެޤައުމުގެ ސަރުކާރާއި ރައްޔިތުން، އަބަދުވެސް ދިވެހިންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި މިސާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަމަށެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން، ޖެނެރަލް އޮފިސަރުންނާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު ޙަސަން ޒަމީލާއި، އެވްސެކޮމްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.