Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު އަސްކަރީ ޢަދުލުގެ ނިޒާމު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިފްތިތާޙުކޮށްދެއްވައިފި

ރައީސް ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން އެމްއެންޑީއެފް އޮތީ ސިޔާސީ ނުފޫޒުން ގަޑުބަޑުވެފައި - މިނިސްޓަރ މާރިޔާ

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




އަސްކަރީ ޢަދުލުގެ ނިޒާމަކީ، ސިޔާސީ ނުފޫޒުން ދިވެހި ޤައުމީ ދިފާޢީ ބާރު އެއްކިބާކޮށް، ރޫލްސް-ބޭސްޑްކޮށް، ކަނޑައެޅި ލިޔެފައިވާ ވަކި އުޞޫލުތަކެއްގެ މަތިން ރާވައި، ސިފައިންނާމެދު ޢަދުލުވެރިކޮށް ކަންކަންކުރުމަށް ބާރުއަޅާ، ތަރުތީބުކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކަނޑައެޅުއްވި ޢަޒުމް ޙާސިލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އަލަށް އެކުލަވައިލެވުނު ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިފްތިތާޙުކުރުމަށް ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައިކަމަށެވެ.

ދައުލަތުން އެތައް ޚަރަދުކޮށްގެން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ތައްޔާރުކޮށްފައި ތިބި ބައެއް ސިފައިން، ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސްއާ ޚިލާފަށް ވަޒީފާއިން ވަކިކޮށް، ސިފައިން ސިޔާސީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާއަކަށްވީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓުންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި ކަމަށް ޤާބިލް، ކިޔަވައިގެން ތިބި ސޯލްޖަރުން ޤައުމުގެ ދިފާޢީ ބާރުން ވަކިވެގެންދާންޖެހުމަކީ ހަމައެކަނި ސޯލްޖަރުންނަށް ލިބޭ ނިކަމެތިކަމެއް ނޫންކަމަށާއި އެއީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށްވެސް ލިބޭ ނިކަމެތިކަމެއްކަން މިނިސްޓަރ މާރިޔާވަނީ ފާހަގަކުރައްވާފައެވެ.

މީގެ 3 އަހަރު ކުރިން، ދިވެހި އަސްކަރިއްޔާ ޕްރޮފެޝަނަލައިޒްކޮށް، ޑިމޮކްރަޓައިޒްކުރުމަށް ސަރުކާރުން ފެށްޓެވި މަސައްކަތަށް، މާތްﷲގެ އިރާދަފުޅުން، ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމުގެ ފަންނީ ލަފަޔާއި ތަޖުރިބާޔާއެކު، ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެން ތައްޔާރުކުރައްވާފައިވާ މިޑޮކިޔުމެންޓަކީ އެމްއެންޑީއެފްގެ ތާރީޚުގައި ފާހަގަކުރެވޭނެ އިތުރު ބާބެއްކަމަށެވެ. މިނިސްޓަރ މާރިޔާ ވަނީ، މިޑޮކިއުމަންޓް ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރައްވާފައެވެ.

ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމް ނުގެއްލޭނެހެން، ވީހާވެސް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ މިނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާވަނީ، ކޮމާންޑަރ-އިން-ޗީފް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން، މިފަދަ ހެޔޮ ބަދަލުތައް ދިވެހި އަސްކަރިއްޔާއަށް ގެނައުމުގައި އަދާކުރައްވާ ދައުރަށާއި ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.