މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ރީޖަނަލް މެނޭޖަރާއި ލިއެއިޒޯން އޮފިސަރާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި އޭވިއޭޝަން ސެކިއުރިޓީ އެސެސްމަންޓު ހެދުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ދެއްވި ފަންނީ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑުތަކާ ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ނިޒާމު ބައްޓަންކުރަން ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އިނގިރޭސި ސަރުކާރުން ވެދެއްވާ އެހީތެރިކަމަށްޓަކައި މިނިސްޓަރ މާރިޔާ ވަނީ އެޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާގެ އަރިހުގައި، ޑިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޙުސައިން ނަޒީފާއި، އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރިފުވަނީ ބައިވެރިވެވަޑައިގެންފައެވެ.