Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް މިނިސްޓަރ މާރިޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

ދެޤައުމުގެ ދެމެދުގައި ދިފާޢީ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ




ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހު ހެނދުނު، ބަންޑާރަކޮށީގައި ހުންނަ ސިފައިންގެ މައި މަރުކަޒުގައެވެ.

ބައްދަލުކުރެއްވުން ފަށްޓަވައިދެއްވަމުން މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން، ޖެނެރަލް އަޒީޒަށް މަރުޙަބާ ވިދާޅުވެ، ކޯވިޑް-19ގެ މިދަތި އުނދަގޫ ޙާލަތުގައިވެސް، ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

ޖެނެރަލް އަޒީޒް ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ފަރާތްޕުޅުންނާއި އެޤައުމުގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރައީސް ޞާލިޙަށާއި، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް، ހެޔޮއެދުމާއި ސަލާމް ރައްދުކޮށްދެއްވާފައެވެ.

ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ، ދެޤައުމުގެ ޒަމާންވީ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. މިގޮތުން، ޑިޒާސްޓަރ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކުގަޔާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ބަންގްލަދޭޝްގެ އާރމްޑް ފޯރސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާއި، އެޤައުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، 2004 ގެ ސުނާމީން ފެށިގެން މިހާރު ކުރިމަތިވެފައިވާ ޕެންޑެމިކާ ހަމައަށް، ރާއްޖެއިން އެހީއަށް ބޭނުންވި ޙާލަތްތަކުގައި، ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުން، ފޯރުކޮށްދެއްވާފައިވާ ދީލަތި އެހީތަކަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި، ޑީ.އައި.ޑީ.ސީގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް ޙުސައިން ފައިރޫޝާއި، ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރުވަނީ ބައިވެރިވެވަޑައިގެންފައެވެ.