Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ކޯސްޓް ގާޑުގެ ސިފައިން ވަނީ ރިޒޯޓުތަކާއި ފަޅުރަށްތައް ރައްކާތެރިކަމާއެކު ބަލަހައްޓާފައި: މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ 19 ވަނަ ކޯސްޓް ގާޑު ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން

މިނިސްޓްރީ އޮފް ޑިފެންސް އިދާރާ


ކޯވިޑް -19 ޕެންޑެމިކްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ކޯސްޓް ގާޑުގެ ސިފައިން ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ރިޒޯޓުތަކާއި ފަޅުރަށްތައްވެސް ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ކުރުމަށް އެތަންތަން ރައްކާތެރިކަމާއެކު ބަލަހައްޓައިފައި ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، 19 ވަނަ ކޯސްޓް ގާޑު ބޭސިކް ކޯސް ނިންމުމަށް ބުދަދުވަހު ސަދަން އޭރިޔާގެ ހެޑް ކުއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.

ކޯސް ފުރިހަމަކުރި އެންމެހާ ސެއިލަރުންނަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވުމަށްފަހު، މިނިސްޓަރ މާރިޔާގެ ވާހަކަ ފުޅުގައި އެކަމަނާވަނީ، ރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، އާންމު ދިރިއުޅުން ގުޅިލާމެހިފައި މިވަނީ ކަނޑުތަކާ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޯސްޓް ގާޑުގެ އެންމެ ބޮޑު މަސްޢޫލިއްޔަތަކީ ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުން ކަމަށާއި، މިއަދު ދުނިޔޭގެ "ތްރެޓް" މާޙައުލަކީ އިއްޔެ ދުށް މާޙައުލެއް ނޫން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ދޭދޭ ޤައުމުތަކުން ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން ފާޅުގައި ޤައުމުތަކަށް އަރައި، އިސްތިޢުމާރުކޮށް އުޅުނު، ޒަމާން މާޒީވެ ހިނގައްޖެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ބޭނުމަކީ ރައްޔިތުން ބިރުވެރި ކަމެއްގައި ބައިތިއްބައިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ، މިބަދަހި މުޖްތަމައުތައް ބައިބައި ކޮށްލުން ކަމަށާއި ޒަމާނުއްސުރެ މިޖަޒީރާ ރަށްތަކުގައި އުޅެމުން މިއައި އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލުމަށް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ކޯވިޑް 19 ޕެންޑެމިކާ ގުޅިގެން ރާއްޖެ ހިމެނޭ ހަލަބޮޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތްރެޓްކަމަށްވާ މަސްތުވާތަކެތި ޓްރެފިކްކުރުން ވެސް ވަނީ އިތުރުވެފައި ކަން ފާހަގަ ކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ދާދިފަހުން ނޮދަން އޭރިޔާއަށް ލެއްގި މަސްތުވާތަކެތި ވަގުތުން އަތުލައި، އަމާނާތްތެރި ކަމާއެކު ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމުގައި ކޯސްޓުގާޑުގެ ސެއިލަރުންދިޔައީ އިޚްލާސްތެރި ޤައުމީ ޚިދުމަތުގައި ނަމޫނާ ދައްކަމުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ އިތުރުން އިންސާނީ ވަގުފާރިއާއި ކަނޑުފޭރުމާއި، މަސްކަނޑުތަކުން ވައްކަންކުރުން ފަދަ ނުރައްކާތަކުން ވެސް މިޤައުމު ސަލާމަތްކުރަން އެންމެ ކުރީ ސަފަށް ނުކުމެ ތިބޭ ބަޔަކީ ކޯސްޓް ގާޑުގެ ސެއިލަރުން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

މިއަހަރު ފެށުނިއްސުރެ އޭޕްރީލް 3 ވަނަ ދުވަހުގެ ނިޔަލަށް، ކޯސްޓް ގާޑުން ވަނީ ޖުމްލަ 73 ހާދިސާއެއްގައި 127 މީހެއްގެ ފުރާނަ ސަލާމަތް ކޮށްފައި ކަން ފާހަގަ ކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، މޫދުގައި ގެނބިގެން މަރުމާ މީހުން ހޯދުމަށް ކޯސްގާޑުގެ ޑައިވަރުން، ކޮންމެ ވަގުތެއްގައި ވެސް ޑައިވްކޮށްގެން އެކުރާ މަސައްކަތަކީ ނަމޫނާ ހިތްވަރުގަދަ މަސައްކަތެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ތަޞައްވުރަކީ، ދިވެހި ސިފައިންނަކީ ފަންނީ، ޤާބިލް، ޕްރޮފެޝަނަލް އަދި "ފައިޓިންގ ފިޓް ފޯރސް" އަކަށް ހެއްދެވުން ކަމަށެވެ. އަދި މިތައްޞައްވުރު ޙަޤީގަތަކަށް ހެދުމަށް ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ސިފައިންގެ ލީޑަރޝިޕާ ގުޅިގެން ގިނަ އަދަދެއްގެ ސިފައިން ޓްރެއިންކޮށް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިހާރުވެސް ދަނީ އެމަސައްކަތްތައް ކުރައްވަމުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ދިވެހި އަސްކަރިއްޔާއިން ދިފާޢީ ވަޒީރަށް ކަނޑައަޅުއްވާފައި ހުންނަވާ މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަހުމަދާއި ކޮމާންޑަރސަދަން އޭރިޔާ ކާނަލް އިބްރާހިމް ރަޝީދާއި ކޯސްޓް ގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމްގެ އިތުރުން ސިފައިންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.