Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް19 ގައި މިނިސްޓަރ މަޙްލޫފް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް19 ގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ބައިވެރިވެވަޑައިގަތުން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން




ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް19 ގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ބައިވެރިވެވަޑައިގަންނަވައިފިއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮަށް ކުރިޔަށް ގެންދިޔަ މި ފޯރަމްގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ ކުޅިވަރާއި ބެހޭ އިސްވެރިން ވަނީ ބައިވެރިވެފައެވެ. ހަމައެހެންމެ އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވެސް ވަނީ މި ފޯރަމްގައި ބައިވެރިވަޑައިގެންފައެވެ. ފޯރަމްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ކޮމަންވެލްތު ގޭމްސްއަކީ ދިވެހި އެތުލީޓުންގެ ހުނަރު ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި 2022 ވަނަ އަހަރު އޮންނަ ކޮމަންވެލްތު ގޭމްސްއަށް ދިވެހި އެތުލީޓުން ތައްޔާރު ވާނެ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ ކުޅިވަރު ކުޅުމަށް ރަނގަޅު ފެންވަރުގެ ފެސިލިޓީސް ގާއިމްކުރުމާއި އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިންގ ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ. ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ވެސް ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް މީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް މި ދަތިތަކުން އަރިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލެވުނީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ރާއްޖޭގެ އެތުލީޓުންނަށް ޓްރެއިނިންގެ ފުރުސަތުތައް ހޯދައިދިނުމަށާއި ކުޅިވަރުން ބޭނުންވާ ފަންނީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް ކޮމަންވެލްތުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. މިއީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުނު ފަހުން ސްޕޯޓްސް މިނިސްޓަރސް ފޯރަމެއްގައި ރާއްޖޭގެ ކުޅިވަރު ވަޒީރަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.