Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހުށަހެޅޭ ކުޑަކުދިން އިސްލާހުކުރުމަކީ ދައުލަތާއި މުޖުތަމައުގެ ޒިންމާއެއް: ސްޓޭޓް މިނިސްޓަރ ނަޛީރު

ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހުށަހެޅޭ ކުޑަކުދިން އިސްލާހުކުރުމަކީ ދައުލަތާއި މުޖުތަމައުގެ ޒިންމާއެއް: ސްޓޭޓް މިނިސްޓަރ ނަޛީރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިދާރާ




ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހުށަހެޅޭ ކުޑަކުދިން އިސްލާހުކުރުމަކީ މުޖުތަމަޢާއި ދައުލަތުގެ ޒިންމާއެއްކަމަށާއި، ކޮންމެ ކުޑަކުއްޖަކީވެސް ގަދަރުވެރި ދިރިއުޅުމެއްގެ ޙައްޤު ލިބިފައިވާ ކުޑަކުއްޖެއްކަމަށް ދައުލަތުން ޤަބޫލުކުރައްވާކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޢަލީ ނަޛީރު ވިދާޅުވެއްޖެއެވެ. ނަޛީރު މިހެން ވިދާޅުވެފައިވަނީ، "ރާއްޖޭގައި ހަރުކަށި ފިކުރުގެ ގުރޫޕުތަކާ ގުޅުންހުރި ކުޑަކުދިން" އިސްލާހުކޮށް މުޖުތަމައުއަށް ގަދަރުވެރި ބައެއްގެ ގޮތުގައި ގެނައުމަށް މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޔޫ.އެން.އޯ.ޑީ.ސީ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެ ދުވަހުގެ ތަމްރީން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ސީރިޔާގެ ކޭމްޕްތަކުގައި މިއަދުވެސް ދިވެހި އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން އެބަތިބިކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވެފައިވަނީ، އެ ފަދަ ކުޑަކުދިން އަނބުރާ ޤައުމަށް ގެނެސް، ރިހެބިލިޓޭޓްކޮށް، އަލުން މުޖުތަމަޢަށް ނެރުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އަދި ރައްޖޭގެ އެތެރޭގައި މިފަދަ ފިކުރުތަކުގެ ޝިކާރައަކަށް ވަމުންދާ ކުދިން އެކަމުން ސަލާމަތްކުރުމަކީވެސް ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމުގައި ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި މި ކަން ކުރާނޭ މަގު ފަހިކުރުމަށްޓަކައި، ޔޫ.އެން.އޯ.ޑީ.ސީން މި ފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްއެކުލަވާލާފައިވާ މަގުޗާޓު ޕައިލެޓްކުރާނޭ ފުރަތަމަ ޤައުމަކީ ރާއްޖެ ކަމުގައި ހެދުމަށް 2020 ވަނަ އަހަރުގެ މާރިޗުމަހު ދިވެހި ސަރުކާރުން އެދިވަޑައިގެންފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެއާއެކު އެކުލަވާލެވުނު ހާލަތު ދެނެގަތުމުގެ ދިރާސާ އަށް ފަހު ރާއްޖޭގެ ކަމާ ގުޅޭ މުވައްސަސާތަކުގެ ޤާބިލިއްޔަތު އިތުރުކުރުރެވިގެންދާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ސްޓޭޓް މިނިސްޓަރ ޢަލީ ނަޛީރުގެ އިތުރުން، ރާއްޖޭގައި ހުންނަވާ އދ ގެ ރެޒިޑެންޝަލް ކޯޑިނޭޓަރ ކެތަރީން ހެސްވެލް އާއި ޔޫ.އެން.އޯ.ޑީ.ސީ ގްލޯބަލް ޕްރޮގްރާމް ޓު އެންޑް ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަންގެ ކޯޑިނޭޓަރ ޑރ. އެލެކްޒެންޑްރާ ސޫޒާ މާޓިންސްގެ އިތުރުން، ކަމާ ގުޅުންހުރި މުވައްސަސާތަކުގެ މަންދޫބުން މި ހަރަކާތުގެ އިފްތިތާޙީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.