Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިދާރާ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައްޔާއި ސްރީލަންކާގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިކަމާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުމުގެ އުޞޫލަށް ސްރީލަންކާގެ ސަރުކާރުން ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. މިގޮތުން، 11 މެއި 2021 ވަނަ ދުވަހުން ފެށިގެން 31 މެއި 2021 ގެ ނިޔަލަށް، އެ މުއްދަތުގެ ތެރޭގައި އެ ޤައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް (ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނޭހެން)، އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތައް ކަރަންޓީނުވާންޖެހޭނެކަމަށް ވަނީ އަންގަވާފައެވެ.

އަދި އެ ޤައުމަށް ދަތުރުކުރާ 12 (ބާރަ) އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 (ސާދަ) ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" PCR ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" PCR ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމުގައިވެސް ވަނީ އަންގަވާފައެވެ. މިގޮތުން، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ PCR ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަންޏެވެ.

ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގަވާފައިވެއެވެ.

ވީމާ، ސްރީލަންކާއަށް ދަތުރުކުރައްވަން ޤަޞްދުކުރައްވާ ދިވެހިން މިކަމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އެދެމެވެ. ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

http://www.health.gov.lk/moh_final/english/news_read_more.php?id=999