އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، ދެފަރާތުންވަނީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ، ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ މާރިޔާ ވަނީ، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައި، ވެކްސިން ޝިޕްމަންޓުތަކާއި ބޭސްފަރުވާއާއި ކާބޯތަކެއްޗާއި އިންސާނީ އެހީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އިންޑިޔާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން، ވޭތުވެދިޔަ މަދު އަހަރުކޮޅުގެ ތެރޭގައި، 170 އަށްވުރެ ގިނަ މެޑިކަލް އިވޭކުއޭޝަނާއި 130 ސަރވައިލެންސް މިޝަން ހިންގުމުގައި އިންޑިޔާގެ އެހީތެރިކަން ލިބިފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
އަދި ކޯސްޓް ގާޑުގެ ޑޮކްޔާޑް ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޑިފެންސް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްކަން ފާހަގަކުރައްވާ، އެކަމަނާވަނީ އިންޑިޔާ ސަރުކާރުން މިމަޝްރޫޢަށް ދެއްވާ އެހީތެރިކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު ވަނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޕާރޓްނަރޝިޕް އިތުރަށް ވަރުގަދަކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި، ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.